ހަބަރު

މި ސަރުކާރަކަށް ނުވާނެ، އަވަސް އިންތިހާބެއް ބާއްވަންވީ: އާދަމް ޝަރީފު

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އިގްތިސޯދު ދަށްވެފައި ވާއިރު ރައްޔިތުންނަށް ދިމާވެފައިވާ ދަތި ހާލަތުގައި މިހާރު މިއޮތް ސަރުކާރަށް އެހީތެރިކަން ދޭނެ ގޮތެއް ހަމަޖައްސަން ނޭނގުނު ކަމަށާއި މި ސަރުކާރަށް އެ ކަމެއް ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އިސްތިސްނާކޮށް ސަރުކާރަށް އެމްއެމްއޭއިން 4.4 ބިލިއަން ރުފިޔާ ނެގުމުގެ ހުއްދައަށް އެދުނު މައްސަލާގައި ބަހުސް ކުރައްވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު ޝަރީފު ވިދާޅުވީ، އެއީ އެއް ގޮތަކަށް ވެސް ކުރަން އެންމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ. މަޖިލީހުން އެ ހުއްދަ ދިނުމާ ދެކޮޅު ކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 އިގެ ސަބަބުން މުޅި ރާއްޖެ ލޮކްޑައުން ކުރުމާ ގުޅިގެން ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތި ވެފައިވާ ކަމަށެވެ. އެކި ބޭނުންތަކަށް މާލެ އައިސް ތިބި އެހެން ރަށްރަށުގެ މީހުން ހާލުގައި ޖެހިފައިވާ ކަމަށެވެ. ބަންދުގައި ތިބެން ޖެހުމުން ދުވަހު މުސާރައަށް މަސައްކަތް ކުރާ އާދައިގެ މީހުނަށް އާމްދަނީ ލިބޭނެ ގޮތެއް ނެތް ކަމަށެވެ.

މި ހާލަތުގައި ސަރުކާރުގެ މިނިސްޓަރުންގެ ފަރާތުން ފެންނަމުން ދަނީ ޒިންމާދާރު ކަން ކުޑަ އަމަލުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. ވިދާޅުވީ، ހާލުގައި ޖެހޭ ރައްޔިތުންނަށް ސަރުކާރަށް އެއްވެސް އެހީތެރިކަމެއް ނުދެވޭ ކަމަށެވެ. އޭގެ ބަދަލުގައި ގައުމުގެ އިގްތިސާދީ ހާލަތު އޮތް ގޮތާ މެދު އެކި ބޭފުޅުން އެކި އިރަށް އެކި ގޮތަށް ވާހަކަ ދައްކަވާ ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ މި ސަރުކާރަށް މި ކަން ވާނެ ކަމަކަށް، އަޅުގަނޑު ހަމަ ގޮވާލަން މި ދަނޑިވަޅަކީ އަވަސް [ރިޔާސީ] އިންތިހާބެއް ބާއްވަން ޖެހޭ ދަނޑިވަޅުކަން، މި ގައުމު ހިންގަން އެނގޭ ބަޔަކަށް ގައުމުގެ ހިންގުން ހަވާލު ކުރަން ޖެހޭ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އާދަމް ޝަރީފު އިތުރަށް ވިދާޅުވީ މި އިގްތިސާދީ ހާލަތުން ގައުމު އަރައިގަތުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަން ދަންނަ ސިޔާސީ ލީޑަރެއްގެ ގޮތުގައި މި ވަގުތު ހުންނެވީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އެމަނިކުފާނަށް ނޫނީ މި ގައުމު ސަލާމަތް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަވަސް އިންތިހާބެއް ބާއްވަން އާދަމް ޝަރީފު ގޮވާލެއްވި ނަމަވެސް، ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރު ކުރުން މަނާކޮށް މުޅި ރާއްޖެ ވަނީ ލޮކްޑައުންކޮށްފަ އެވެ. މާލެ ސަރަހައްދު ވެސް މަގުމަތީ އުޅުން މަނާކޮށް ކާފިއު ހިންގާ ގޮތަށް ލޮކްޑައުން ކޮށްފައިވެ އެވެ. މި ހާލަތުގައި މި އަހަރު ބާއްވަން ޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް ވަނީ މުއްދަތެއް ނެތް ގޮތަކަށް ފަސް ކުރަން ޖެހިފަ އެވެ.