ލައިފްސްޓައިލް

ކޮވިޑް-19 ޖެހި އައިޑެންޓިކަލް ޓުވިންސް ދެ ނަރުހުން މަރުވެއްޖެ

ކޮވިޑް-19 ގެ ޝިކާރައަކަށް ވެސް އިނގިރޭސި ވިލާތުގެ ވަރަށް މަޝްހޫރު އައިޑެންޓިކަލް ޓުވިންސް ކެޓީ އާއި އެމާ ޑޭވިސް މަރުވެއްޖެ އެވެ. ދެބެން މަރުވެފައި ވަނީ އެކަކު މަރުވިތާ ތިން ދުވަސް ތެރޭ އަނެކަކެވެ.

ކުޑަކުދިންގެ ނަރުހެއް ކަމަށްވާ ކެޓީ ޑޭވިސް، 37، މަރުވީ ސައުތަމްޕްޓަން ހޮސްޕިޓަލުގައި މިދިޔަ އަންގާރަ ދުވަހު އެވެ. އަދި އޭނާގެ އައިޑެންޓިކަލް ޓުވިން އެމާ މަރުވީ ހަމަ އެ ހޮސްޕިޓަލުގައި މިދިޔަ ހުކުރު ދުވަހު އެވެ. އެމާ އަކީ ވެސް ކުރިން ނަރުސްކަން ކޮށްފައިވާ މީހެކެވެ.

އެ މީހުންގެ ކޮއްކޮ ޒޯ ބުނި ގޮތުގައި ދުނިޔެއަށް އައީވެސް އެކުގައި ކަމަށާއި ދުނިޔޭން ދާނީ ވެސް އެކުގައި ކަމަށް އޭނާގެ ދެ ދައްތަ އަބަދުވެސް ބުނާނެ އެވެ.

އެ ދެބެންނަކީ އަޖާއިބެއް ފަދަ ރަނގަޅު ދެބެން ކަމަށާއި ދެބެންގެ ވެސް ސިއްހީ އިތުރު މައްސަލަތައް މާ ކުރިއްސުރެ ވެސް ހުރި ކަމަށާއި އަބަދުވެސް އުޅެނީ ބަލިވެ ކަމަށް ޒޯ ބުންޏެވެ.

"އެ ދެބެންނަކީ އަބަދުވެސް އެހެން މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ވަރަށް ޝައުގުވެރިވާ ދެބެން. އެހެންވެ ކުޑައިރު ކުޅޭއިރުވެސް އަބަދުވެސް އުޅޭ ޑޮކްޓަރުންނާއި ނަރުހުންނަށް ވެގެން އެމީހުން ގެންގުޅޭ ޑޯލްތަކަށް ފަރުވާ ދިނުމުގައި،" ދައްތަމެންނާ ބެހޭ ގޮތުން ޒޯ ބުންޏެވެ.

ކެޓީ މަސައްކަތްކުރި ހޮސްޕިޓަލުގެ އިސް ވެރިޔާ ވިދާޅުވީ ކެޓީ އަކީ އެހެން ނަރުހުންނަށް ހުރި މިސާލެއް ކަމަށެވެ. އޭނާ ބަލި މީހުންނަށް ޚިދުމަތްކުރަނީ ހަމައެކަނި ވަޒީފާއެއް އަދާކުރާ ގޮތަށް ނޫން ކަމަށާއި ބަލި މީހުންނަށް އޯގާތެރިވުމާއި އަޅާލުންދިނުމުގައި އޭނާ އަކީ ލާމަސީލު މިސާލެއް ކަމަށެވެ.

އެމާ ވެސް އެ ހޮސްޕިޓަލުގެ ކޮލޮރެކްޓަލް ސާޖަރީ ޔުނިޓްގައި ނުވަ އަހަރު މަސައްކަތް ކުރި އެވެ. އޭނާ ވަޒީފާ ދޫކޮށްލީ 2013 ގައެވެ. އޭނާ އަކީ ވެސް ބަލިމީހުންނަށް ވަރަށް އޯގާތެރި އެހާމެ ޚިދުމަތްތެރި ނަރުހެކެވެ.

ނާސިން ޓައިމްސް އިން އާއްމުކޮށްފައިވާ ލިސްޓެއްގައިވާ ގޮތުން އިނގިރޭސި ވިލާތުގައި މިހާތަނަށް ކޮވިޑް-19 ޖެހިގެން 50 ނަރުހުން މަރުވެފައި ވެއެވެ.