ހަބަރު

ޝޯގައި ސުނީތާ ޕާފޯމްކޮށް ޕްރިޔާންކާއާ ވެސް ބައްދަލުކުރަނީ!

Jan 7, 2015

މާދަމާ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ބާއްވާ ޝޯގައި ޕާފޯމްކުރާ ބޮލީވުޑްގެ ތަރި، ޕްރިޔާންކާ ޗޯޕްރާއާ ބައްދަލުކޮށް އޭނާ އަށް ހާއްސަ "ޓްރިބިއުޓެއް" ޕާފޯމްކުރުމުގެ ފުރުސަތަށް އެދިއެދި ހުއްޓައި ނެށުންތެރިޔާ ސުނީތާ އަލީގެ މި ހުވަފެން މިއަދު ހަގީގަތަށް ވެއްޖެ އެވެ.

ޕްރިޔާންކާއާ އެއް ސްޓޭޖެއްގައި ޕާފޯމްކޮށް އޭނާއާ ބައްދަލުކުރުމުގެ ފުރުސަތު، ޝޯ އިންތިޒާމްކުރާ ފަރާތުން މި ވަނީ އެންމެފަހުން ސުނީތާ އަށް ދީފަ އެވެ. މި ފުރުސަތު އޭނާ އަށް ދިންކަން ޔަގީންކޮށްދިނީ ޝޯގެ ފަހަތުގައި ހުންނެވި ސަރުކާރުގެ އެންމެ އިސް އޮފިޝަލް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކުރެއްވި ޓްވީޓެއްގަ އެވެ.

ސުނީތާގެ ޓްވީޓަށް އަދީބު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ހުރި، ޕްރިޔާންކާގެ އެންމެ ބޮޑު ފޭނަކީ ސުނީތާ ކަމަށްވާއިރު އޭނާއާ ބައްދަލުކޮށް އެއް ސްޓޭޖެއްގައި ޕާފޯމްކުރުމުގެ ފުރުސަތު ސުނީތާ އަށް ހައްގު ކަމަށެވެ. 

އަދީބު މި ޓްވީޓް ކުރެއްވީ ފުރުސަތަކަށް އެދި ސުނީތާ ޓްވިޓާ މެދުވެރިކޮށް އަދީބު އަރިހުގައި އެދުމުންނެވެ. މި ފުރުސަތު ދިނުމުން ސުނީތާ ވަނީ އަދީބަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

ޕްރިޔާންކާއާ ބައްދަލުކުރުމުގެ ފުރުސަތު ސުނީތާ ވަނީ މިދިޔަ އަހަރު ވެސް ހޯދައިފަ އެވެ. އެއީ އިންޑިއާގެ މުމްބާއީ އަށް ދަތުރުކޮށް، ޓީވީ ޝޯއެއްގައި ބައިވެރި އޭގެ ހަވާސާއިންނެވެ.

ސުނީތާ ބުނެފައި ވަނީ ރާއްޖޭގައި ޕްރިޔާންކާއާ ބައްދަލުވުމަށް ވުރެ ބޮޑު އުފަލެއް އޭނާ އަށް ނުލިބޭނެ ކަމަށެވެ.