ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާރިޔާ އަހުމަދު ދީދީ

ކަރަންޓީން މީހުންގެ ޝަކުވާ ރައީސް އައްސަވާ: މާރިޔާ

ކަރަންޓީންގައި ތިބޭ މީހުންނަށް ދޭ ހިދުމަތްތަކާއި ކެއުން ބުއިމުގެ ކަންކަން ހަމަޖެހިފައިވާ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅު ވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވެފައި ވަނީ ބައެއް ކަރަންޓީން ފެސިލިޓީތަކުން ކެއުމަށް ދޭ ތަކެއްޗާމެދު އެ ތަންތަނުގައި ތިބި މީހުން ހިތްހަމަނުޖެހުން ފާޅުކުރަމުން ދާތީ އެވެ. އެމީހުން ގެންދަނީ ރޯދަ ވީއްލަން ދޭ ތަކެއްޗާއި، ހާރުކާން ދޭން ތަކެތީގެ ފޮޓޯ ނަގާ ސޯޝަލް މީޑިއާގައި އާންމު ވެސް ކުރަމުންނެވެ.

މާރިޔާ މިއަދު ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ މީހުންގެ ޝަކުވާތައް އަޑުއައްސަވާ އެކަންކަން ރަނގަޅު ކުރަން ރައީސް ސޯލިހް އަންގަވާ ކަމަށެވެ. ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ މީހުންނަށް ދޭ ހިދުމަތްތައް، ހާއްސަކޮށް ކެއުން ބުއިމުގެ ކަންކަން ހަމަޖެހިފައިވާ ގޮތް ރައީސް ސޯލިހު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ވަގުތު ވެސް ކަރަންޓީންގައި 1370 މީހުން އެބަ ތިއްބެވެ. އަދި އައިސޮލޭޝަންގައި 140 މީހުން އެބަ ތިއްބެވެ.

އެ މީހުންގެ ކެއުމާއި، އެހެނިހެން ހިދުމަތްތަކަށް ސަރުކާރުން ގެންދަނީ ބޮލަކަށް 750 ރުފިޔާ ހަރަދު ކުރަމުންނެވެ. އެހެން ކަމުން މިހާރު ވެސް ކޮންމެ ދުވަހަކު 1.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން އެ މީހުންނަށް ހަރަދު ކުރެއެވެ.