ރޯދަ މަސް

ސަވާބުން ތިލަފަތް ފުރާލާނެ ކަލަންޑަރެއް!

މިއީ އަމިއްލައަށް ތެދުވެ ހެޔޮ ކަން ކަމުގައި އިސްނަގައި ކުރިއަރައި ދާންވީ ވަގުތެވެ. އާންމު ދިރިއުޅުމުގައި ކުރާ ހެޔޮ އަމަލުތަކުގެ އިތުރުން ވެސް މާތް ﷲ ސުބުހާނަހޫ ވަތައާލާގެ ލޯތްބާއި އެކަލާނގެ ފުއްސެވުމާއި ސުވަރުގޭގެ މަތީ ދަރަޖަތަކަށް ވާސިލު ކޮށްދޭ އަޅުކަންތައް ވަރަށް ވެސް ގިނަ އެވެ.

ރޯދަ މަހަކީ އެފަދަ ހެޔޮ އަމަލުތައް ކުރުމުގައި އެންމެ ބޮޑު ހީވާގި ކަމެއް ދައްކަންވީ މައްސަރެވެ. ހާއްސަކޮށް ދުނިޔެ ބަދަލުވެފައިވާ ގޮތާއި އުޅެން ޖެހިފައިވާ ގޮތުން މި ރޯދަ މަހަކީ އަލުން ފަށައިގަންނަން މީހަކަށް ލިބޭނެ އެންމެ ރީތި އެއް ފުރުސަތެވެ.

މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި އަދި އެހާމެ ހިތްދަތި ހާލަތުގެ ސަބަބުން އެންމެން ތިބެން ޖެހިފައި މިވަނީ ގޭގަ އެވެ. ދުވާލާއި ރޭގަނޑުގެވެސް ހަތަރު ދަމު އެވެ. އެހެން ނަމަވެސް މިއީ ހެޔޮކަމުން ތިމާގެ ތިލަފަތް ބަރު ކޮށްލަން އެދޭ މީހަކަށް ލިބޭނެ އަޅުކަމުގެ ކަލަންޑަރެކެވެ.

އަޅުކަމަށް މީގެ ކުރިން ހުރަސް އަޅަމުންދިޔަ މާއްދީ ހުރިހާ ކަމެއް ވަނީ އެއް ފަރާތް ވެގެން ގޮސްފަ އެވެ. ދުނިޔެވީ ކަންކަމާއި އެފަދަ މާއްދީ ވާޖިބުތައް މިވަނީ ވަގުތު ކޮޅަކަށް ނަމަވެސް ފިލައިގެން ގޮސްފަ އެވެ. ވަޒީފާއަށް ދިއުމާއި، މަސައްކަތުގައި އުޅެން ޖެހިފައިވާ ވަގުތުތައް މިހާރު މި ވަނީ އަމިއްލަ ބާރުގެ ތެރެއަށް އައިސް ގޭގައި މަޑުކުރަން ޖެހިފަ އެވެ.

މިއީ ހެޔޮ އަމަލުތަކުގައި ތިމާގެ ހުރިހާ ވަގުތެއް ހޭދަކުރަން ލިބޭނެ ދުވަސްވަރެކެވެ. ހާއްސަކޮށް ރޯދައިގެ މި މައްސަރު ކޮންމެ ހެޔޮ އަމަލަކަށް އެތައް ގިނަ ގުނަ ސަވާބަކާއި ދަރުމައެއް ލިބޭނެ އެވެ. ގޭގައި ތިބެން ޖެހުނަސް ފަރުލު ނަމާދުތަކަށް ރައްކާތެރިވާށެވެ. ފުރިހަމަ ރޯދައެއް ހިފާށެވެ. ގޭގައި ތަރާވީހު ނަމާދު ކުރާށެވެ. ވީވަރަކުން ސުންނަތް ނަމާދުތަކަށް ވެސް އިސްކަން ދޭށެވެ. ދުއާގައި ހިފައި ގިނަ ގިނައިން މާތް ﷲ އަށް ދަންނަވާށެވެ. އަމިއްލަ ބަހުން ރީތި އިބާރާތުން ދުއާ ކުރުމުން ފުދޭނެ އެވެ.

މީގެ އިތުރުން މިއީ ކީރިތި ގުރުއާންގެ މައްސަރެވެ. ގުރުއާން ކިޔެވުމަށް ހާއްސަ ސަމާލު ކަމެއް ދޭށެވެ. ވަގުތުކޮޅެއް ހަަދާލައިގެން ގުރުއާނުގެ ތަރުޖަމާ އާއި ތަފުސީރުތައް ކިޔާށެވެ.

މި ނޫނަސް އެތައް ކަމެއް ކުރަން މިއަދު ވަގުތު އޮތީ ތަނަސްވެފަ އެވެ. އެ މަގު މި ތަނަވަސްވީ ކޮންފަދަ މަތިވެރި މަހެއްގައި ހެއްޔެވެ؟ އެހެންވީމަ މިއީ ކުޑަކުޑަ އެހެން ނަމަވެސް ދަރުމައާ ސަވާބުން ފުރިގެންވާ ހެޔޮ އަމަލުތަކުން ތިމާގެ ހެޔޮކަމުގެ ތިލަފަތް ފުރާލައި ބަރުކޮށްލެވޭނެ ވަގުތެކެވެ.

ޒިކުރު ކުރުން ގިނަކުރުން

ފަރުލު އަޅުކަންތަކުގެ އިތުރުން ޒިކުރު ކުރުން މިއީ ހިތާ އެންމެ ކައިރި ބައިވެރިޔާ ކަމުގައި ހަދާށެވެ. ހުރިހާ ވަގުތެއްގައި ވެސް ޒިކުރު ކުރުންމަތީ ދެމިހުންނާށެވެ. ދުލުން ހެޔޮ ބަހެއް ނުނީ ނުބުނާށެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވިއަސް އަދި ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މަގުމަތީގައި ހިނގާބިނގާވެ އުޅޭ ހާލުގައި ވެސް ޒިކުރު ކުރުމުގެ މަތީގައި ހުރުމަށް އާދަ ކުރާށެވެ.

އެގޮތުން އިސްތިޣުފާރު ކުރުން ގިނަ ކުރާށެވެ. އިސްތިޣުފާރު ކުރުމަކީ ފާފަފުއްސެވުން އެދި ދުއާ ކުރުމެވެ. ހަމައެފަދައިން އެންމެހާ މުއުމިނު އަންހެންތަކުންނާއި އެންމެހައި މުއުމިނު ފިރިހެންތަކުންނަށް ފާފަ ފުއްސެވުން އެދި ދުއާ ކުރުން ހަނދާން ނައްތާ ނުލާށެވެ.

ކީރިތި ނަބިއްޔާ މުހަންމަދު ޞައްލަ ﷲ އަލައިހި ވަސައްލަމައަށް ސޮލަވާތް ކިޔެވުން ވަރަށް ގިނަ ކުރާށެވެ. އިތުރު އެކަލޭގެފާނު ހަދީސްކުރައްވާފައި ވެއެވެ. އެ ކަލޭގެފާނުގެ މައްޗަށް އެއް ފަހަރު ސޮލަވާތް ކިޔަވައިފި މީހަކަށް މާތް ﷲ 10 ފަހަރު ސޮލަވާތް ލައްވަ އެވެ.

އަޅުކަމުގައި މުޅި އާއިލާ އެކުގައި

މި ވަގުތަކީ ގޭގައި ތިބެން ޖެހިފައިވާ ދުވަސްތަކަކަށް ވުމުން އާއިލާއާއެކު ހޭދަކުރާ ވަގުތަކީ އެންމެ ހެޔޮ ގޮތުގައި ހޭދަކުރާ ވަގުތަކަށް ހަދަން ޖެހެ އެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތައި އެމީހުންނަށް އަޅާލުމަށް މިއަށްވުރެ ތަނަވަސް ދެވަނަ ފުރުސަތެއް ދެން ނުލިބިދާނެ އެވެ. އަބަދުވެސް އެހެން މީހުނާ ރީތި ގޮތުގައި މުއާމަލާތް ކުރާށެވެ. އަދި ހަޔާތުގެ ބާއްޖަވެރިކަމަށްޓަކައި އަނބިމީހާއަށް އެކި ކަންކަމުގައި އެހީތެރިވެ ދިނުމަށް މިއަށްވުރެ ރަނގަޅު ދަނޑިވަޅެއް ނާންނާނެ އެވެ ކުދިންނާއެކު ވަގުތު ހޭދަކޮށް އެ ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް މިއަށްވުރެ ގިނައިން ވަގުތު ހުސްކުރެވޭނެ ދެވަނަ ދުވަހެއް ދެން ނުލިބި ދާނެ އެވެ.

ލިބިފައިވާ މިވާ ފުރުސަތުގައި މުޅި އާއިލާ އެކުގައި އަޅުކަމުގައި ބައިވެރިވާށެވެ. ނަމާދަށް ގޭގައި ޖަމާއަތް ހަދާށެވެ. އެ ޖަމާއަތުގައި މައިންބަފައިންނާއި އަނބިދަރިން ބައިވެރި ކުރާށެވެ. އެންމެން އެކުގައި ގުރުއާން ކިޔެވުމުގައި ވަގުތު ހޭދަ ކުރާށެވެ. ހެޔޮ ކަންކަމާއި ނުބައި ކަންކަން ދަރިންނަށް އޮޅުން ފިލުވައި ދޭށެވެ. ރީތި އަދަބުތަކާއި އަހުލާގު ދަރިންނަށް ދަސް ކޮށްދޭށެވެ. އަދި އަމަލާ ބަހުން އެކަންކަން ގޭގައި ތިބޭ ބޮޑެތި މީހުން ދައްކާށެވެ.

މާތް ﷲ އިރާދަފުޅާއެކު ކުޑަކުޑަ ދެ ތިން ކަމަކުން ދިރިއުޅުން މުޅީން ބަދަލުވެގެން ހިނގައިދާނެ އެވެ. މިހާރު މިއޮތް ހާލަތުން ލިބިފައިވާ ހިތްދަތިކަން އުފާވެރި ކަމަށް ބަދަލުވެ، އާ އުންމީދަކާއެކު އެހެން ދުވަހަކާ ކުރިމަތިލުމުގެ އިތުބާރު ލިބިގެންދާނެ އެވެ.

ކޮންމެ ކަމަކީ ވެސް މާތްﷲ ގެ އިމްތިހާނެކެވެ. މާތް ﷲ އަޅުތަކުންނަށް އޮތީ އެ އިމްތިހާނު ހަދައި ރަނގަޅަށް ފާސްވުމަށް ގަދަ އަޅާ މަސައްކަތް ކުރުމެވެ. އިސްވެ ދިޔަ ގޮތަށް އަޅުކަމުގެ ފިލާވަޅުތައް ފަރިތަކޮށްފައި ވާނަމަ މި އިމްތިހާނުން ފާސްވެ، މާތްﷲ ރުއްސަވާ މީހަކަށް ވެވޭނެ އެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަަސަން މޫސާ ފިކުރީ