ކާޖަލް

ކާޖޮލް ސަކަރާތް ކަމަށް އާމިރު ގާތު ޝާހްރުކް ބުނި

ޝާހްރުކް ޚާނާއި ކާޖޮލް އަކީ ބޮލީވުޑްގެ އެންމެ މަގްބޫލު އަދި އެންމެ ކާމިޔާބު ޖޯޑު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. މި ދެ ތަރިން އެކުގައި އެންމެ ފުރަތަމަ ކުޅުނީ "ބާޒީގަރް" އެވެ. އެއީ 1990 ގެ އަހަރުތަކުގައި ޝާހްރުކް އާއި ކާޖޮލް ވެސް ފިލްމު ކުޅެން ފެށިތާ ކުރީކޮޅުގެ ފިލްމެކެވެ. އަދި އާމިރު ޚާން ވެސް ސުޕަސްޓާރަކަށް ވުމުގެ ދަތުރު ފަށައިގެން ކުރިއަރަމުން ދިޔަ ދުވަސްވަރެވެ.

އިންޑިޔާގެ ނޫހަކުން އެ ދުވަސްވަރު ރިޕޯޓް ކޮށްފައިވާ ގޮތުގައި އާމިރަކީ އަބަދުވެސް ހުނަރުވެރި އެކްޓަރުންނާއެކު މަސައްކަތްކޮށް އޭނާގެ ފިލްމުތަކުގެ ފެންވަރު ރަނގަޅު ކުރަން މަސައްކަތްކުރާ އެކްޓަރަކަށް ވާތީ ކާޖޮލްގެ ހުނަރު ފެނި އޭނާ އާއެކު މަސައްކަތް ކުރަން ބޭނުންވި އެވެ. އަދި އޭރު ޝާހްރުކް އާއި ކާޖޮލް އެކުގައި އައްބާސް-މަސްތާންގެ "ބާޒީގަރް" ގައި މަސައްކަތް ކުރަމުން ދިއުމާއެކު ޝާހްރުކް ކައިރީގައި ކާޖޮލް އާ ދޭތެރޭ ދެކޭ ގޮތަކީ ކޮބައިތޯ އާމިރު އެހި ކަމަށް ވެއެވެ.

ޝާހްރުކް އާއި އާމިރު އޭރުވެސް ވަރަށް ގާތް ދެ އެކުވެރިންނަށް ވާތީ މި ސުވާލު އާމިރު ކުރުމުން ޝާހްރުކް ދިން ޖަވާބު މިހާރު އިވޭ ކޮންމެ މީހަކުވެސް ހައިރާން ވާނެ އެވެ. ޝާހްރުކް އާމިރު ކައިރީ ބުނި ކަމަށް ވަނީ ކާޖޮލް ވަރަށް ސަކަރާތް ކަމަށާއި އޭނާއާއެކު އާމިރު އަށް ފިލްމު ކުޅުމަކީ ކުރެވޭ ވަރުގެ ކަމަކަށް ނުވާނެ ކަމަށެވެ.

ޝާހްރުކް އެކަންޏެއް ނޫނެވެ. ޚުދް ކާޖޮލް ވެސް ޝާހްރުކް އާ ދޭތެރޭ އޭރު ދެކެނީ ހަމަ މިފަދަ ގޮތަކަށެވެ. ކާޖޮލް އޭރު ގަބޫލު ކޮށްގެން ހުރީ ވަރަށް ގޯސް މިޒާޖެއްގެ މީހެއް ކަމަށެވެ.

ނަމަވެސް "ބާޒީގަރް" ގެ ނިމިފައިވާ ބައިތައް ބަލާފައި ކާޖޮލް އާ ދޭތެރޭ ޝާހްރުކް ދެކޭ ގޮތް ބަދަލުވި އެވެ. އަދި އާމިރަށް މެސެޖް ކޮށްފައި ކާޖޮލް އަކީ ވަރަށް ކުޅަދާނަ ބަތަލާއެއް ކަމަށް ބުނި ކަމަށް ވެއެވެ.

މަޑުމަޑުން ކާޖޮލްގެ މިޒާޖު ވެސް ޝާހްރުކް އާ ދޭތެރޭ ބަހައްޓަމުން ދިޔަ ގޮތަށް ބަދަލުތައް އަންނަން ފެށި އެވެ. އަދި ފަހުން ދެ މީހުންގެ އެކުވެރިކަން ވަރަށް ބޮޑަށް ބަދަހިވެ ބެސްޓް ފްރެންޑުންނަށް ވަނީ ވެފަ އެވެ.

މިހާތަނަށް ހިންދީ ސިނަމާއިން ނެރެފައިވާ އެންމެ ބޮޑެތި ބްލޮކްބަސްޓާތަކުގެ ތެރޭގައި ހިމެނޭ އަދިތުޔާ ޗޯޕްޅާގެ "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭނގޭ" އާއި ކަރަން ޖޯހަރްގެ "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ޚުޝީ ކަބީ ޣަމް" އަދި ރޯހިތު ޝެޓީގެ "ދިލްވާލޭ" ގައި މި ދެ ތަރިން އެކުގައި މަސައްކަތް ކޮށްފައި ވެއެވެ.

އާމިރު ވެސް ކާޖޮލް އާއެކު ދެ ފިލްމެއްގައި މަސައްކަތް ކުރި އެވެ. "އިޝްގް" އާއި ޔާޝްރާޖް ފިލްމްސްގެ "ފަނާ" އެވެ. "ފަނާ" ގައި އާމިރާއި ކާޖޮލްގެ ކެމިސްޓްރީ ވަރަށް ވެސް ފުރިހަމަ އެވެ. އަދި އެ އަހަރުގެ އެންމެ މޮޅު ބަތަލާގެ ފިލްމުފެއާ އެވޯޑު ވެސް އެ ފިލްމު ކުޅެގެން ކާޖޮލް އަށް ލިބުނެވެ.