ލައިފްސްޓައިލް

ފިލާކުޅެން އެރުނު ދޮންނަ މެޝިނުގައި ތާށި ވެއްޖެ

ދެބެންގެ ދެދަރި ކުދިން ތަކަކާއެކު ފިލާ ކުޅެން އުޅުނު އަންހެންކުއްޖެއް ދޮންނަ މެޝިނަކަށް ފިލަން އެރުނު ގޮތަށް އޭގެން ނުނުކުމެވި އޭގެ ތެރޭގައި ތާށިވެއްޖެ އެވެ. އޭނާ މެޝިނުން ނެރެވުނީ ފަޔާފައިޓަރުން ގެނެސްގެން އެމީހުން ވަރަށް މަސައްކަތް ކޮށްގެންނެވެ.

އެމެރިކާގައި ހިނގި މި ހާދިސާގައި އަމާރީ ޑެންސީ، 18، އަށް ފިލަން ވަންނަން އެންމެ ރަނގަޅު ތަނަކަށް ފެނުނީ ދޮންނަ މެޝިނެވެ. އޭނާ ބުނި ގޮތުގައި ފިލަން ވެގެން އެނދު ތަންދޮށަށާއި އަލަމާރިތަކަށް ވަދެ ދެން އިތުރަށް ފިލަން ވަންނާނެ ތަނެއް ނެތުމުން ދޮންނަ މެޝިނަށް އެރެން ނިންމީ އެވެ.

"ތިރީ ބޭސްމަންޓަށް ވެސް ދެވޭކަށް ނެތް. ހުރިހާ ތަނެއް ބަންދު. އެހެންވެ ދެން ފިލާނެ ތަނެއް ނުވިސްނިގެން ދޮންނަ މެޝިނަށް ފިލަން ވަނީ. އަހަރެން ހިތަށް އެރި ދޮންނަ މެޝިން މީ ރަނގަޅު ތަނެކޭ ފިލަން. އެކަކަށް ވެސް އޭރުން ނުފެންނާނޭ،" އެންބީސީ ނޫހަށް އަމާރީ ކިޔައިދީފއި ވެއެވެ.

އަމާރީ މެޝިން ތެރޭ ތާށިވެ ނުނުކުމެވިފައި އޮއްވާ އޭނާގެ ކޮއްކޮއަކަށް ފެނިގެން އެންމެ ފަހުން އިމަޖެންސީ ނަންބަރަށް ގުޅައިގެން ފަޔާ ފައިޓަރުން ގެނައީ އެވެ.

ފަޔާ ފައިޓަރުން އައިސް އަންހެންކުއްޖާ ދޮންނަ މެޝިނުން ސަލާމަތް ކުރަން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލް ވެފަ އެވެ. އެމީހުން މެޝިނުގެ މަތީ ބައި ނައްޓާލާފައި ވަރަށް ހާލަކުން އަންހެންކުއްޖާ ސަލާމަތްކުރާ މަންޒަރު މި ވީޑިއޯގައި ފެނެ އެވެ.

މި މަންޒަރު ވީޑިއޯކުރީ އަމާރީގެ ބޮޑުދައިތަ އެކެވެ. "ކުޑަކުދިން ވާނީ ހަމަ ކުޑަކުދިންނަށޭ" އެ މީހާ ވީޑިއޯކުރަމުން ބުނާ އަޑު އިވެ އެވެ.

އަމާރީ ބުނީ މެޝިނުގައި ތާށިވެފައި އޮތްއިރު ވަރަށް ބިރުގަތެވެ. އެއީ އެމީހުން އޭނާ ނަގަން ހަދާނެ ގޮތެއް ނޭނގޭތީ އެވެ. ނަމަވެސް އެމީހުން އައިސް ބަލާފައި ކުރަން އުޅޭ ކަންކަން ކިޔައި ދިނުމުން ހިތްހަމަޖެހުނު ކަމަށް ވެސް އަންހެންކުއްޖާ ބުންޏެވެ.