ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަކަށް އެހީތެރިވެ ދިނުމުގެ ގޮތުން ވަގުތީ ކަރަންޓީނު ފެސިލިޓީއެއް ގާއިމްކޮށް ދޭން ޗައިނާއިން ނިންމައިފި އެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ވިދާޅުވީ ދިވެހި ސަރުކާރުން، ޗައިނާގެ ސަރުކާރުގައި އެހީއަށް އެދިފައިވާ ކަމަށާއި އެހެންވެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަނުން 800 މީހުންގެ ޖާގައިގެ ކަރަންޓީނު ފެސިލީޓީއެއް އަޅައިދޭން ނިންމާފައިވާ ކަމަށެވެ.
"މި ކަރަންޓީނު ފެސިލީޓީގެ މަސައްކަތަށް ސަމާނާއި ވަސީލަތްތަކާއެކު ރާއްޖެއަށް 100 މީހުން ގެންނަން ވަނީ ނިންމާފައި،" ސަފީރު ވިދާޅުވި އެވެ.
މީގެ އިތުރުން ވަގުތީ ކަރަންޓީނު ފެސިލީޓީތައް ހަދަން ހުޅުމާލޭގެ ދެ އިމާރާތެއް މަރާމާތު ކުރުމުގެ މަސައްކަތުގައި ވެސް ޗައިނާގެ ބީޔޫޖީޖީ ކުންފުނިން ވެސް ހަރަކާތްތެރިވަމު ދެ އެވެ. އެ ކުންފުނީގެ 40 މުވައްޒަފުންގެ ޓީމަކުން މަސައްކަތް ކުރަމުންދަނީ އެތަން 327 އެނދުގެ ކަރަންޓީނު ފެސިލިޓީއެއް ހަދައިދޭށެވެ.
ޗައިނާގެ އެހީގައި ކަރަންޓީނު ފެސިލިޓީތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިހާރު ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ރިސޯޓްތައް ދަނީ ބޭނުން ކުރަމުންނެވެ. އެ ތަންތަނުގައި ޖާގަހުރީ 1،100 އެނދުގެ އެވެ.
ރާއްޖެއިން ބޭރުން ވެސް ގިނަ ބަޔަކު ރާއްޖެ އަންނަން ބޭނުންވެފައި ތިބިއިރު ރާއްޖެ ނުގެނެވި ވަނީ ކަރަންޓީނު ފެސިލިޓީތަކުގެ ޖާގަ ދަތިކަމުންނެވެ. އަދި، މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އިއްޔެ އެކަނި ވެސް މާލެއިން 73 މީހުން ޕޮޒިޓިވް ވެފައިވެ އެވެ.
ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތީގައި ވެސް ކޮވިޑަށް ހާއްސަ މެޑިކަލް ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެތަނުގެ މަސައްކަތުގައި އުޅުނު ދެ މީހަކު އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެތަނުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ އެވެ.