ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑުގެ އެންމެ ބޮޑު ކުލަސްޓާ ބާޒާރުމައްޗާ ގުޅިފައި

Apr 27, 2020
2

މާލެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ނިސްބަތްވަނީ ބާޒާރުމަތީ ފިހާރަތަކާ ގުޅުންހުރި ކްލަސްޓާއަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެންއީއޯސީގެ ފަރާތުން ިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ބާޒަރުމަތީގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާއިރު، އެމީހުން ނިދަނީ ކޮން ތަނެއްގައިކަމެއްވެސް އެމީހުން ގެންގުޅޭ ކުންފުނިތަކަށްވެސް ނޭނގޭ ކަމަށެވެ.

"ވަރަށް ހާލުގައި، ވަރަށް ގިނަ މީހުން އެއްތަނެއްގައި މިއުޅޭނީ. މިސާލަކަށް އެނދެއްގަ މީހަކު އޮންނަންޏާ، އެ އެނދުގެ ދަށުގަ އިތުރު ދެ މީހުން އެބަ ނިދާ،" އަލީ ވަހީދު ވިދާޅުވި އެވެ.

އެގޮތުން، އެފަދަ ތަންތަނުގައި ތިބި ބިދޭސީން ގުޅިފަޅު، ހުޅުމާލެ އަދި ވިލިވަރަށް ބަދަލުކުރުމަށްޓަކައި އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އެގޮތުން، އެ ފެސިލިޓީތަކަށް ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް ކަމާގުޅޭ ހުރިހާ އިދާރާތަކެއް ގުޅިގެން ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ކުރެވޭނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 214 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 134 ބިދޭސީން ހިމެނެ އެވެ. އޭގެ ތެރޭގައިވެސް އެންމެ އާދައިގެ ބިދޭސީ މަސައްކަތްތެރިން ހިމެނެ އެވެ. އެކަމާ ގުޅިގެން، ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތަންތަން ފުލުހުންނާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގުޅިގެން ދަނީ ބަލަހައްޓަމުންނެވެ. އަދި އެތަންތަނުގައި ބަލިއޮތްތޯ ބެލުމަށް އެ ތަންތަނުގައި ދިރިއުޅޭ މީހުން ޓެސްޓު ކުރުމުގެ މަސައްކަތްވެސް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ.