ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު ހަ މީހަކު ޕޮޒިޓިވްވެ އަދަދު 220 އަށް

އިތުރު ހަ މީހަކު ޕޮޒިޓިވެ އަދަދު 220 އަށް އަރައިފި އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ ފަހުން ޕޮޒިޓިވްވެފައިވަނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝް މީހެއްގެ އިތުރުން ޕާކިސްތާނު މީހެއް ކަމަަށެވެ.

އިއްޔެ އަކީ ރާއްޖެއިން ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ދުވަހެވެ. އެއީ 73 މީހުންނެވެ.

އިއްޔެ އެންމެ ފުރަތަމަ ޕޮޒިޓިވްވީ 36 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 29 މީހަކާއި، ހަ ދިވެހިންނާއި އިންޑިއާ މީހެކެވެ. އޭގެ ފަހުން 11 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ބަންގްލަދޭޝްގެ ނުވަ މީހުންނާ ދިވެއްސަކާ އިންޑިއާ މީހެކެވެ.

އިއްޔެ ހަވީރުވެސް ދެ ދިވެހިންނާ ޕާކިސްތާނު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރިއެވެ.

އަދި ރޭގެ ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އޭގެ ފަހުންވެސް އިތުރު 23 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެން ކަމުން ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 220 އަށް އަރާފައެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 17 މީހެކެވެ. އޭގެ ތެރޭގައި ބަލި ޖެހުނު ހުރިހާ ޓޫރިސްޓުން ހިމެނެ އެވެ.

މިހާރު ބައްޔަށް ފަރުވާދެމުން ދަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސަކާއި މާލެ ތެރެއިން ކޮވިޑް-19 ޖެހުނު މީހުންނަށެވެ.

މާލެ ތެރެއިން ކޮވިޑް-19 ފެނި ފެތުރެމުންދާއިރު ސަރުކާރުން މިހާރު ވަނީ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފަ އެވެ. މާލޭގައި 14 ދުވަހަށް ލޮކްޑައުން އިއުލާން ކޮށްފައިވާއިރު ލޮކްޑައުން އިތުރު ކުރާނެ ކަމުގެ އިޝާރާތެއް ވެސް އިއްޔެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ދެއްވާފަ އެވެ.

މާލެއިން ބޭރުން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވި މީހަކު ފެނިފައިވަނީ ހއ. އުލިގަމުންނާއި ށ. ނަރުދޫއިންނެވެ. އެ ދެ ރަށުން ޕޮޒިޓިވްވެފައިވަނީ މާލެ ލޮކްޑައުންކުރި ދުވަހު މާލެއިން ކަނޑު ބޯޓެއްގައި ފުރައިގެން ދިޔަ ދެ މީހުންނެވެ. މީގެތެރެއިން ނަރުދޫއިން ޕޮޒިޓިވްވީ "އަމާޒު" ބޯޓުގެ ކައްޕި އެވެ. އެ ބޯޓު 13 ރަށަކަށް ދަތުރުކޮށްފައިވާއިރު 98 މީހަކު ދަތުރުކުރި އެވެ. އޭގެ ތެރެއިން ފަސް މީހެއްގެ ފަރާތުން އަލާމާތް ވެސް ވަނީ ފެނިފަ އެވެ.