ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ވުހާންގެ ޓީމުން ހިތްދަތި ވާހަކަތަކެއް

ޗައިނާގެ ސުޕަ ލީގްގެ އާ ސީޒަނަށް ތައްޔާރު ވުމަށް، ވުހާން އަށް ނިސްބަތްވާ ކުލަބު "ވުހާން ޒަލް އެފްސީ" ސްޕެއިންއަށް ދަތުރު ކުރީ، ކޮރޯނާ ވައިރަސްއާ ގުޅިގެން ވުހާން ލޮކްޑައުން ކުރުމުގެ ކުރިންނެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހު ފެތުރެން ފެށި ވައިރަސްގެ ކޮންޓްރޯލް އަތްނުފޯރާ ހިސާބަށް ދިޔުމުން ބާޒާރުތަކާއި ވިޔަފާރިތަކުގައި ބޮޑުތަޅު އަޅުވައި ވުހާންގެ ސިޓީ ބަންދު ކުރި އެވެ.

އެތެރެވުމެއް ބޭރުވުމުގެ ހުއްދައެއް ނެތެވެ. ވުހާން ޒަލްގެ ޓީމު، ޓްރެއިނިންއަށް ކޭމްޕް ކުރީ ވުހާން އާ 520 މޭލް ދުރުގައިވާ ސްޕެއިންގެ މަލަގާ ގައެވެ. ގާތްގަނޑަކަށް 20 ދުވަހަށް ޕްލޭންކޮށްގެން ޓްރޭނިންއަށް ދަތުރު ކުރި ވުހާންގެ ޓީމުން އެނބުރި ޗައިނާއަށް އަންނަން ތާވަލު ކުރި ފެބްރުއަރީ މެދުތެރޭގަ އެވެ.

ކޮރޯނާ ވައިރަސް ބާރުގަދަ ޗައިނާގެ މައްޗަށް އަތްގަދަ ކުރަމުން ދިޔަ ޚަބަރުތަކުން ދުނިޔޭގެ މީޑިއާ ދިޔައީ ކައްކަމުންނެވެ. މަލަގާއަށް ދަތުރު ކުރި ވުހާންގެ ޓީމަށް، ސްޕެއިންގައި ކުރިމަތިވީ ހިތްދަތި ކަންތައްތަކެވެ. ހާއްސަކޮށް ޗައިނާގެ ކުޅުންތެރިންނާމެދު އަމަލު ކުރެވިގެން ދިޔައީ ރަހުމާ ހަމްދަރުދީގެ ކުލުނުގެ އަސަރެއްވެސް ނެތް ގޮތަކަށެވެ.

"ސްޕެއިންގައި ކުރިމަތިވީ ވަރަށް އުނދަގޫ ހާލަތެއް ހަމަ ހަގީގަތުގައިވެސް ވަރަށް އުނދަގޫ ހާލަތެއް،" ވުހާން ޒަލްގެ އައިވަރީ ކޯސްޓްގެ ފޯވަޑް ޖީން އެވްރާޑް ކޮއުއަސީ، ދަ ގާޑިއަން އާ ވާހަކަ ދައްކަމުން ބުންޏެވެ. "އަހަރެމެން ބޭރަށް ނުކުންނަނީ ކުލަބުގެ ކިޓް ލައިގެން އަހަރެމެންނަކި ކޮންބައެއް ކަން އެނގުނީމަ މީހުން އަހަރެމެންނާ މެދު ދެކެނީ ވަރަށް ތަފާތު ކޮށް، ހާއްސަކޮށް ޓީމުގެ ޗައިނާގެ ކުޅުންތެރިންނަށް ސުޕަމާކެޓްތަކުގައިވެސް ކަންކަން މެދުވެރިވީ ވަރަށް ވަރަށް ދެރަގޮތް ތަކަކަށް."

ވުހާން ޒަލްގެ ޓީމުން ޕްލޭން ކޮށްފައި އޮތީ، ޓްރެއިނިން ކޭމްޕްގައި ސްޕެއިންގެ ބައެއް ކުލަބުތަކާއެކު ޓްރެއިނިން މެޗުތަކެއް ކުޅުމަށެވެ. އެހެންނަމަވެސް އެ ޓީމާއެކު މެޗެއް ކުޅޭކަށް އެއްވެސް ޓީމަކުން ބޭނުމެއް ނުވި އެވެ. ޓީމުގެ ޓްރެއިނިން ވަރަށް ބުރަކޮށް ފުރަތަމަ ކޮޅު ގެންދިޔަ އެވެ. މެޗެއް ނުކުޅެވުމުގެ ނުތަނަވަސްކަން އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗުން ސްޓާފުންގެ މެދުގައި އޮތެވެ. ޓްރެއިނިންތައް ކުރިއަށް ގެންދެވުނީ ވަކި މުއްދަތަކަށެވެ، ސްޕެއިންގައި ލޮކްޑައުން އިއުލާން ކުރުމުން ޓްރެއިނިންތައްވެސް ހުއްޓާލަން ޖެހުނީ އެވެ. ޓީމަށް ލިބުނު ހަނި ފުރުސަތުވެސް ބަންދުވެގެން ދިޔައީ އެވެ.

"އަހަރެމެން ބޭނުންވި ކޮންމެ ހަފުތާއަކުވެސް ކޮންމެވެސް ޓީމަކާ ދެކޮޅަށް އެކުވެރި ކަމުގެ މެޗެއް ކުޅެން، އެހެންނަމަވެސް އަހަރެމެންނާ އެކު ކުޅޭނެ ޓީމެއް ނުވި،" ކޮއުއަސީ ވާހަކަ ދެއްކި އެވެ. "އެހެންވެގެން ކޯޗްގެ ޕްލޭންތައް އިރުއިރު ކޮޅާ ބަދަލު ކުރަން ޖެހުނު، އެހެން ދިމާވީމަ ޓީމަށްވެސް ޓެކްނިކަލީ އޭގެ އުނދަގޫ ވަރަށް ބޮޑަށް ކުރި."

ވުހާންގެ ޒަލްގެ ޗައިނާގެ ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ ވުހާންގެ އޭރިއާގެ ކުޅުންތެރިންނެވެ. އެ ޓީމު ކޯޗް ސްޕެއިންގެ ހޯޒޭ ގޮންޒާލޭޒް އަށް އޭނާގެ އަމއްލަ ގައުމުގައި ބީރަށްޓެއްސަކަށް ވީއެވެ. ކުޅުންތެރިން ތަހަންމަލު ކުރަމުން ދިޔަ ކަންކަމުގައި އޭނާ ސީދާ ގޮތުން ޝާމިލުވި އެވެ. ހާއްސަކޮށް ޗައިނާގެ ކުޅުންތެރިންނަށް ނަފުސާނީ ގޮތުން ކުރިމަތިވި އުނދަގޫތަކުން އަރައި ގަތުމަށް އޭނާ އެހީ ތެރިވި އެވެ.

"ޓްރޭނިންގެ ކޭމްޕްގައިވެސް އޮތީ ވަރަށް ވަރަށް އުނދަގޫ ހާލަތެއް، އަހަރެމެން ޓްރޭން ކުރަމުން ދިޔައިރު، ޓީމުގެ ޗައިނާގެ ކުޅުންތެރިން ބޭނުމެއް ނުވި ޓްރޭނިންއަށް ނުކުންނާކަށް، އެ ކުޅުންތެރިންނަށް ނަފުސާނީ ގޮތުން ލިބެމުން ދިޔަ އުނދަގުލާއެކު އެކަމަށް ހިތްވަރެއްވެސް ނުލިބުނު،" ކޮއުއަސީ ބުންޏެވެ. "ކޮންމެ ދުވަހަކުވެސް ޚަބަރުތައް ލިބެނީ ދުވަހުން ދުވަހަށް ވުހާންގެ ހާލަތު ގޯސް ވަމުންދާ ކަމަށް އެ ހާލަތުގައި ކުޅުންތެރިންނަށް ވަރަށް ބޮޑު އަސަރެއް ކުރާނެ، އަހަރެމެންގެ ރެސްޓް ދުވަހު ބޭރަށް ނުކުތަސް ޗައިނާގެ ކުޅުންތެރިންނަށް އުނދަގޫ ކުރިމަތިވޭ."

ސްޕެއިންގައި ލޮކްޑައުން އިއުލާން ކުރުމާއި، ވުހާން ސިޓީ ބަންދުކޮށްފައި އޮތުމުން ވުހާންގެ ޓީމު މަލަގާގައި ތާށިވީ އެވެ. އެ ހާލަތު 100 އަށް ވުރެ ގިނަ ދުވަހަށް ދިގު ދެމިގެން ދިޔަ އެވެ. ކޮވިޑް-19 ގެ ހާލަތުން ވުހާންއަށް ލުއި ކަމެއް ލިބުމުން އެ ސިޓީގައި އިއުލާން ކޮށްފައި އޮތް ސްޓްރިކްޓް ލޮކްޑައުން އުވާލީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.

ވިހި ދުވަހުގެ ޓްރެއިނިން ކޭމްޕަށް ދިޔަ ޓީމު އެނބުރި ގުއަންޒޫއަށް ދެވުނީ 104 ދުވަހަށް ފަހު އެވެ. އެ ޓީމު ވުހާން ދިއުމުން އެ ސިޓީގެ ޓްރޭން ސްޓޭޝަނަށް އެ ކުލަބުގެ އެތައް ސަތޭކަ ސަޕޯޓަރުންނެއް ޖަމާވެ ތިއްބެވެ. ކުޅުންތެރިންނަށާއި ޓީމު ތަހަންމަލު ކުރި އުނދަގޫ ތަކްލީފަށް ހިތްވަރު ދިނުމަށެވެ.

"ޓީމުގެ ސަޕޯޓަރުން އޮތްތަން ފެނުނީމަ އަހަރެމެންނަށް އިހްސާސް ކުރެވުނީ އަހަރެމެންނަށް ޓީމުގެ ހޯމް ދަނޑުގައި ތިބެވުނުހެން،" ކޮއުއަސީ ވާހަކަ ދެއްކި އެވެ. "އެހެންނަމަވެސް އަހަރެމެން ތަހަންމަލު ކުރިކަންކަން އަހަރެން ހަނދާން ނުނެތޭނެ، 2020 ގެ ވާހަކަތައް އަހަރެން އަބަދުވެސް ހަނދާން ހުންނާނެ."