ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖެއިން ރަޝިޔާގެ އެހީއަަށް އެދެފި

ކޮވިޑް-19 އިގެ ބަލިމަޑުކަމުގައި ރާއްޖެއަށް ލިބޭނެ ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ރަޝިޔާގެ އެހީތެރި ކަމަށް ރާއްޖެއިން އެދިއްޖެ އެވެ.

ރާއްޖެއިން މިކަމަށް އެދިފައިވަނީ ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފްއަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ފޯނުން ގުޅުއްވައި، ކޮވިޑް-19 އާއި ގުޅޭ ގޮތުން ކުރެއްވި މަޝްވަރާގެ ތެރޭގަ އެވެ.

ދެ ބޭފުޅުން މިއަދު ދެއްކެވި ވާހަކަފުޅުގައި ކޮވިޑް-19 އާ ދެކޮޅަށް ދެ ގައުމުން އަޅާފައިވާ ފިޔަވަޅުތަކާބެހޭ ގޮތުންނާއި، ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

އަދި ކޮވިޑް-19 އިގެ ސަބަބުން ރާއްޖެ އާއި ރަޝިޔާއަށް މާލީ އަދި އިގްތިސޯދީ ގޮތުން ކުރިމަތިވާނެ ގޮންޖެހުންތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ކޮރޯނާ ވައިރަސްއާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ދެ ގައުމު ގުޅިގެން މަސައްކަތްތަކެއް ކުރުމަށްވެސް ދެ ވަޒީރުން މަޝްވަރާކު ރެއްވި އެވެ.

މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއަށް ކޮވިޑް-19 އިން ލިބޭނެ ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ރަޝިޔާގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ. އަދި މިވަގުތު ރަޝިޔާގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެެއްވި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އިގްތިސޯދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބޭނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެެވެ. ރާއްޖެއަށް މިހާރުވެސް ވަނީ އިގްތިސޯދީ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.