ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އަމާޒު ބޯޓްގެ ކޭސް: 101 މީހަކު ފާހަގަވެއްޖެ

ށ. ނަރުދޫގައި ދުއްވާ "އަމާޒު" ބޯޓްގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ކޭހާ ގުޅުންހުރި 101 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށާއި އަދިވެސް ގުޅުންހުރި އިތުރު ބަޔަކު ތިބެދާނެ ކަމަށް ބެލެވޭތީ އެ މައުލޫމާތު ހިއްސާ ކުރަން އެންއީއޯސީއިން އެދިއްޖެ އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެ ކޭހާ ގުޅިގެން މިހާތަނަށް 101 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށާ އޭގެ ތެރޭގައި ބޯޓްގެ ކުރޫންގެ ގޮތު އުޅުނު އަށް މީހަކުވެސް ހިމެނޭ ކަމަށެވެ.

އަދި ފަސް މީހެއްގެ ކިބައިން އަލާމާތްތައް ފެންނާތީ އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

އަފްޒަލް ވަނީ އަމާޒުން ދަތުރުކުރި އިތުުރު ބަޔަކު ތިބިނަމަ ލަސް ނުކޮށް އެ މައުލޫމާތު އެޗްޕީއޭއާ ހިއްސާ ކުރުމަށް އެދި ވަޑައިގެންފަ އެވެ.

އަމާޒު ބޯޓު މާލެއިން ފުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ބޯޓް 16 ވަނަ ދުވަހު ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައިވާ ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ. އެގޮތުން ޖުމްލަ 13 ރަށަކަށް ބޯޓް ދަތުރުކޮށްފައި ވެއެވެ.

އޭގެ ތެރޭގައި ނ. މާފަރާއި އެ އަތޮޅު ހެނބަދޫ އާއި މިލަދޫ އާއި ކެނދިކުޅުދޫ އާއި ވެލިދޫ އާއި ހޮޅުދޫ އަށް ދަތުރު ކޮށްފައި ވެއެވެ. މީގެ އިތުރުން ށ. އަތޮޅުން ނަރުދޫ އާއި ފުނަދޫ އާއި މިލަންދޫ އާއި ފީވަކާއި މާއުނގޫދޫ އަށް ވެސް އަމާޒު ދިޔަ އެވެ. މީގެ އިތުރުން ހއ. ދިއްދޫ އާއި އުތީމަށްވެސް އަމާޒު ބޯޓު ވަނެވެ.

ކޮވިޑަށް ޕޮޒިޓިވްވީ "އަމާޒް" ބޯޓްގެ ކެޕްޓަނަކީ އުމުރުން 49 އަހަރުގެ ދިވެއްސެކެވެ.

މި ކޭސްއަކީ ރާއްޖޭގެ ކޮވިޑްގެ ހާލަތު އެހެން ލެވެލްއަކަށް ހިނގައިދާނެ ކޭސްއެއް ކަމަށް އެޗްޕީއޭއިން ވަނީ ލަފާކޮށްފައެވެ. އެހެން ކަމުން އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ބުނެފައެވެ.