ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ތަންކޮޅެއް މަދުވި ނަމަވެސް އަދި އޮތީ މާ އުންމީދީ ހާލަތެއް ނޫން ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީގެ ފަރާތުން ޑރ. އިބްރާހިމް އަފްޒަލް ރޭ ވިދާޅުވީ ކޮވިޑްގެ ހާލަަތު އަދި ބަދަލުނުވާ ކަމަށާއިބ ކޮވިޑް ބަލިން މުޅިން އަރައިގަނެ އާންމު ހާލަތަށް ރުޖޫއަވުމަށް ހުރިހާ އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެހެން ނަނަވެސް އޭނާ ވިދާޅުވީ މަގުމައްޗަށް ބަލައިލުމުން ފެންނަނީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އޮތް ގައުމަކުން ފެންނާނެ މަންޒަރު ނޫން ކަމަށާއި މަގުތަކުގެ ހަލަބޮލިކަން ބޮޑުވެފައި ވަނީ ކަންބޮޑުވާންޖެހޭ ދަރަޖައަކަށް ކަމަށެވެ.
"އަޅުގަނޑުމެން މި ތިބީ މާ އުންމީދު ކުރެވޭ ވަރުގެ ހާލަތެއްގައެއް ނޫން. އަދި އަޅުގަނޑުމެންނަށް ފެންނަ ކޭސްތައް ސިގްނިފިކަންޓް [ފާހަގަ ކޮށްލެވޭ] މިންވަރަކަށް މަދުވާތަނެއް ނުފެނޭ،" އަފްޒަލް ވިދާޅުވި އެވެ..
މިދިއަ އޮގަސްޓް މަހަކީ ކޮވިޑްގެ ބަލި މީހުން އެންމެ ގިނައިން ރާއްޖެއިން ފެނުނު މަހެވެ. އެ މަހު އެކަނި ވެސް 3900 މީހަކަށް ބަލި ޖެހުނެވެ. 12 މީހަކު އެ ބަލީގައި މަރުވި އެވެ.
އޯގަސްޓް މަހުގެ ބައެއް ދުވަސް ދުވަހު 200 އަށްވުރެ ގިނަ މީހުނަށް ބަލި ޖެހުނުވެ. ދެތިން ދުވަހެއް ފިޔަވައި ބަލި ޖެހޭ މީހުންގެ އަދަދު އުޅުނީ 100 އިން މަތީގަ އެވެ. އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައި ވަނީ އޯގަސްޓް މަހުގެ ދެވަނަ ދުވަހު އެވެ. އެ ދުވަހު އެކަނި ވެސް 215 މީހަކަށް ބަަލި ޖެހުނެވެ. ދެން އެންމެ ގިނަ މީހުނަށް ބަލި ޖެހިފައި ވަނީ އޯގަސްޓް މަހުގެ 21 ވަަނަ ދުވަހު އެވެ. އެ ދުވަހު 194 މީހަކަށް ބަލި ޖެހުނެވެ.
ނަމަވެސް ސެޕްޓެންބަރު މަސް ފެށުމާއެކު ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ވަނީ މަދުވެފަ އެވެ. މިދިޔަ ނުވަ ދުވަހުގެ ތެރޭގައި 100 އިން މައްޗަށް ޕޮޒިޓިވްވި އަދަދު އެެރީ އެންމެ ދުވަހެކެވެ.