ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 35 މީހަކު ރަނގަޅު ވެއްޖެ އެވެ.
އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 35 މީހަކު މިއަދު ރަނގަޅުވެފައިވާ ކަމަށެވެ. އެއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 488 އަށް އަރާފައެވެ.
ކޮވިޑުން މިއަދު 35 މީހުން ރަނގަޅުވެފައިވާއިރު މިއަދު އެކަނިވެސް 56 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. އިއްޔެވެސް މި ބައްޔަށް 101 މީހުން ޕޮޒިޓިވްވިއެވެ. އަދި އޭގެ ކުރީ ދުވަހު 81 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
ކޮންމެ ދުވަހަކު ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވަމުންދާއިރު ކޮވިޑާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ވަނީ ދީފައެވެ. ޑރ. އަފްޒަލް ވިދާޅުވީ ދީފައިވާ ލުއިތައް ގެންނަންޖެހޭ ފަދަ ހާލަތަށް ނުދާ ކަމަށާ މިފަހުން ޕޮޒިޓިވްވާ އަދަދު އިތުރުވީނަމަވެސް އެއީ ލޮކްޑައުންއަށް ދީފައިވާ ލުއިތަކާއި ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.
އިއްޔެ ޕޮޒިޓިވްވީ 101 މީހުންގެ ތެރެއިން 78 މީހުންނަކީ އެއް ސައިޓަކުން ޕޮޒިޓިވްވީ ބިދޭސީންތަކެކެވެ. އަދި މިފަހުން ޕޮޒިޓިވްވާ ގިނަ މީހުންނަކީ ކަރަންޓީންގައި ތިބި މީހުން ކަމަށްވެސް އެންއީއޯސީން ވަނީ ބުނެފައެވެ.