ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮމިއުނިޓީ ސްޕްރެޑް އޮތްގޮތް ބަލަނީ

ލޮކްޑައުންއަށް ލުއިދިން ފަހުން މުޖްތަމައުގެ ތެރޭގައި ބަލީގެ ހާލަތު އޮތްގޮތް ދެނެގަތުމަށްޓަކައި ސާމްޕަލްތަކެއް ނެގުމުގެ މަސައްކަތް ފެށުމަށް ނިންމައިފި އެވެ.

މިހާރުވެސް ކޮންމެ ދުވަހަކު މަގުމަތިން ގިނަ ބައެއްގެ ސާމްޕަލް ދަނީ ނަގަމުންނެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ލޮކްޑައުންއަށް ލުއިދިން ފަހުން ދެ ހަފްތާވާން ކައިރިވެފައިވާއިރު މިވަގުތު މުޖްތަމައުގެ ތެރޭގައި ބަލީގެ ހާލަތު އޮތްގޮތް ބެލުުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފަސް ގުރޫޕަކަށް ބަހާލައިގެން ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ފްރަންޓްލައިން ވޯކަރުންނާއި ސެންޓަރުތަކުގައި މަަސައްކަތް ކުރާ މީހުންގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ މީހުން އަދި ތޮއްޖެހިފައިވާ ތަންތަނުގައި އުޅެމުންދާ މީހުންގެ ސާމްޕަލް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި އުމުރުން 20 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންގެ ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

"ލޮކްޑައުންގައި ލުއި ފަސޭހަ ދިނުމުގެ ހަރަކާތްތައް ފެށުމާއެކުގައި މި ދުވަސްކޮޅު ކިހިނެތްތޯ އަޅުގަނޑުމެންގެ ތެރޭގައި ކޮމިޔުނިޓީ ސްޕްރެޑް އޮތްގޮތް ބެލުމަށްޓަކައި ސާމްޕަލް ނެގުމުގެ މަސައްކަތް މި އަންނަ ހަފްތާގައި ފަށާނަން."

އަފްޒަލް ވަނީ ސާމްޕަލް ނެގުމުގައި ހުރިހާ އެންމެންގެ އެހީތެރިކަމަށްވެސް އެދިފައެވެ.

ލޮކްޑައުންއަށް ލުއިތަކެއް ދީފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. އަދި އިތުރު ލުއިތަކެއް މާދަމާ ދިނުމަށް ވަނީ ނިންމާފައެވެ. މިފަހުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި ބަލި ޖެހުނު ގިނަ މީހުން މިހާރު ވަނީ ރަނގަޅުވެގެން ދޫކޮށްލާފައެވެ.