ދީން

ޓީވީ ބަލައިގެން ތަރާވީސް ޖަމާއަތް ހެދޭނެތަ؟

މި އަހަރު ރޯދަ މަހުގެ ދުވަސްތަކާ ރޭތައް ހޭދަ ކުރަން ޖެހިފައި މި ވަނީ ގޭގައި ތިބެގެނެވެ. އެހެންވެ އަޅުކަމުގެ ހުރިހާ ކަމެއް ވެސް ކުރުން މިއޮތީ ޖާގައެއް ނޯންނަ ގޭ ތެރޭގަ އެވެ.

މިހާރު ގޭގައި ތިބޭއިރު ފަރުލު ނަމާދުތަކާއި، ސުންނަތް ނަމާދުތައް މުޅި އާއިލާ އެކުގައި ޖަމާއަތެއްގައި ކުރުމަކީ އެދެވިގެންވާ ކަމެކެވެ. އެކަން އެ ގޮތަށް ކޮށްފިނަމަ މާތްﷲ ގެ ރަހުމަތްފުޅުން ޖަމާއަތުގެ ހެޔޮ ދަރުމައާއި ސަވާބު މިންވަރު ކުރައްވާނެ އެވެ.

ރޯދަ މަހުގެ އެންމެ މުހިންމު އަދި އެންމެ މާތް އެއް އަޅުމަކީ ތަރާވީހު ނުވަތަ ތަރާވީސް ނަމާދެވެ. މީގެ ކުރީ އަހަރުތަކުގައި މިސްކިތްތަކުގައި ބޮޑެތި ޖަމާއަތް ހަދައިގެން ތަރާވީސް ނަމާދު ކުރަމުން އައި ނަމަވެސް މިއަހަރު އަދި އެ ފުރުސަތެއް ނެތެވެ. އެހެން ކަމުން ގޭގައި އާއިލާތައް އެކުގައި ތަރާވީސް ނަމާދުގެ ޖަމާއަތް ހަދަމުން ގެންދެ އެވެ.

މި ބަލައިލަނީ މިފަދަ ޖަމާއަތްތަކުގައި އަމަލު ކުރުމާއި ގުޅޭ ގޮތުން މި ދުވަސްވަރު ގިނަ ބަޔަކު ކުރާ އަދި ކޮށްފާނެ ސުވާލުތަކުގެ މައްޗަށެވެ.

ފޯނާއި ހަތިމު ބަލައިގެން ކިޔެވުން

ކުރީގެ ދަންނަ ބޭކަލުންގެ ތެރޭގައި އަދި މިހާރުގެ ދަންނަ ބޭކަލުންގެ ތެރޭގައިވެސް މިކަން ހުއްދަ ކުރައްވާ އަދި މަނާ ކުރައްވާ ބޭކަލުން ތިއްބެވި އެވެ. އިހުގެ ދަންނަ ބޭކަލުންގެ ތެރެއިން މުސްހަފު ބަލައިގެން ނަމާދުގައި ކިޔެވުން ހުއްދަ ކަމުގައި ޝާފިއީ މަޒުހަބާއި ހަންބަލީ މަޒުހަބުގެ ދަންނަބޭކަލުން ދެކެ ވަޑައިގަންނަވަ އެވެ. އެއާ ހިލާފަށް ނަމާދުގައި މުސްހަފު ބަލައިގެން ކިޔެވުމަކީ ނަމާދު ބާތިލުވާނެ ކަމެއް ކަމުގައި ހަނަފީ މަޒުހަބުގެ އިމާމު، އަބޫ ހަނީފާ ދެކެ ވަޑައިގަންނަވަ އެވެ.

ފަހުގެ ދަންނަބޭކަލުންގެ ތެރެއިން ބިން ބާޒު ދެކެ ވަޑައިގަންނަވާ ގޮތުގައި ނަމާދުގައި މުސްހަފު ބަލައިގެން ކިޔެވުން ހުއްދަވާނެ އެވެ. އަދި ސައުދީ އަރަބިޔާގެ ފަތުވާ މަޖިލިހުން ވެސް އެފަދައިން ފަތުވާ ދެއްވާފައި ވެއެވެ. ނަމަވެސް ސައުދީ ވަރަށް އިސް ދަންނަ ބޭކަލެއް ކަމުގައިވާ ސާލިހުލް ފައުޒާނު ފަދަ ބޭކަލުން ދެކެ ވަޑައިގަންނަވާ ގޮތުގައި މުސްހަފު ބަލައިގެން ކިޔެއްވުމަށްވުރެ ބޮޑަށް ރަނގަޅު ގޮތަކީ ނަމާދުގައި ހިތުން ކިޔެވުމެވެ.

ކުރީގެ ދަންނަ ބޭކަލުންގެ ތެރޭގައި މުސްހަފު ބަލައިގެން ކިޔެވުން ހުއްދަ ކުރައްވާ ބޭކަލުން ގެންނަވާ ދަލީލަކީ އައިޝަތުގެފާނު، އެކަމަނާ މިނިވަން ކުރެއްވި އަޅަކަށް ހަތިމު ބަލައިގެން އިމާމުވެ ތަރާވީހު ނަމާދު ކުރެއްވުމަށް ހުއްދަ ދެއްވި ކަމަށް ބުނާ ރިވާއަތެކެވެ.

މުސްހަފު ނުވަތަ ފޯނު ބަލައިގެން ނަމާދުގައި ކިޔެވުން ހުއްދަ ނުވާނެ ކަމަށް ދެކެ ވަޑައިގަންނަވާ ބޭފުޅުންގެ ނަޒަރުގައި އެއީ ނަމާދުގެ ހުޝޫއަތްތެރި ކަމަށް ބުރޫއަރާނެ ކަމެކެވެ. އަދި ނަމާދު ކުރުމުގައި ބަލަން ޖެހޭނީ ސަޖިދަ ޖަހާ ދިމާއަށް / ތަނަށް ކަމަށްވާއިރު އެ ގޮތަކީ އެކަމަށްވެސް ހުރަސް އެޅޭ ކަމެކެވެ. މީގެ އިތުރުން ނަމާދުގައި ހަރަކާތް ގިނަ ވުމަކީ ނަމާދު ބާތިލުވާނެ ކަމެއް ކަމަށް އެ އިލްމުވެރިން ދެކެ ވަޑައިގަންނަވާތީ އެކަން އެގޮތަށް ނުކުރުމަށް އިލްމުވެރިން ބާރު އަޅުއްވަ އެވެ.

އެހެންވުމުހެ ސަބަބުން މިއީ އިލްމުވެރިންގެ މެދުގައި ހިލާފު އޮތް މައްސަލަ އެކެވެ. މި މައްސަލާގައި ރާއްޖޭގެ ގިނަ އިލްމުވެރިން ބާރު އަޅުއްވަނީ ނަމާދުގައި ހަތިމު ނުވަތަ ފޯން ބަލައިގެން ނުކިޔެވުމަށެވެ.

ގޭގައި ޖަމާއަތް ހަދާނީ ކިހިނެތް؟

އެންމެން ގޭގައި ނަމާދު ޖަމާއަތް ހަދަން ޖެހިފައިވުމާއެކު މިދިއަ ދެތިން ހަތަރު ދުވަހު މިއީވެސް ވަރަށް ގިނަ ބައެއްގެ ސުވާލަކަށް ވެފައި ވެއެވެ. ގޭގައި ނަމާދު ކުރާއިރު ޖަމާއަތް ހަދާނީ ކިހިނެތް ހެއްޔެވެ؟ މި ހަމަ ޖަވާބެއް ލިބެން ޖެހޭ އެންމެ ރަނގަޅު ސުވާލެކެވެ.

ޖަމާއަތް ހެދުމުގައި އިސް ކުރަން ވާނީ ފިރިހެނުންނެވެ. އަދި އިމާމަކަށް އިސް ކުރަން ވާނީ ވެސް ފިރިހެނެކެވެ.

ކީިރިތި ރަސޫލާގެ ހަދީސް ބަސްފުޅެއްގައި ވެއެވެ: "ފިރިހެނުންނަށް އެންމެ ހެޔޮވެގެން ވަނީ އެންމެ ކުރީ ސަފުތަކެވެ. އަދި އަންހެނުންނަށް ހެޔޮ ވެެގެން ވަނީ އެެންމެ ފަހަތު ސަފުތަކެވެ."

އެހެން ކަމުން ޖަމާއަތުގައި ބައިވެރިވަނީ މަންމަ އާއި ބައްޕަ އަދި އެމީހުންގެ ކުދިން ކަމުގައިވީ ނަމަވެސް ޖަމާއަތް ހެދުމުގައި އަމަލު ކުރަން ވާނީ މި އުސޫލުގެ މަތިން ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ.

މާލޭގައި ގިނަ މީހުން ދިރިއުޅެނީ ވަރަށް ދަތި ހާލުގަ އެވެ. ތަނަވަސް ކަމެއް ނެތް ކުދިކުދި ކުލީ ކޮޓަރީގަ އެވެ. އެހެން ކަމުން ގޭގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުމަކީ ބައެއް ފަހަރު ވަރަށް ދަތި ކަަމަކަށް ވެއެވެ. އެ ހާލަތުގައި މިސްކިތްތަކުގައި ސަފުހަދާ އުސޫލުން ސަފުތައް ހަދާކަށް ލާޒިމެއް ނޫނެވެ. އިމާމު މީހާއާ ކައިވަތެއްހާ ފަހަތުގައި ފިރިހެނުންނަށް ސަފު ހެދިދާނެ އެވެ. އަދި އޭގެ ފަހަތުން އަންހެނުންނަށް ސަފު ހެދިދާނެ އެވެ.

މި ގޮތަށް އަމަލު ކުރުމުގައި ވިސްނާލަންވީ އެންމެ ކަމަކަށެވެ. އެއީ ގިބުލައަށް ކުރިމަތިލައިގެން ސަފުތައް ހަދަމުން ގެންދިއުމަށެވެ. އޭރަށް ޖަމާއަތް ފުރިހަމަ ވެއެވެ.

ޓީވީ ބަލައިގެން ތަރާވީހު ނަމާދު ކުރެވިދާނެތަ؟

ބައެއް މީހުން ހަތިމު ކުރުމުގެ މަގްސަދުގައި ނުވަތަ ރީތިކޮށް ގުރުއާން ކިޔަވާ އިމާމެއްގެ ފަހަތުގައި ތަރާވީސް ނަމާދު ކުުރުމުގެ ބޭނުމުގައި ޓީވީ ލައިވެއް ބަލައިގެން ތަރާވީހު ނަމާދު ކުރެ އެވެ. ނަމަވެސް މިއީ ހުއްދަ ކަމެއް ނޫން ކަމަށް އިލްމުވެރިން ފަތުވާ ދެއްވާފައި ވެއެވެ. އަދި އެފަދަ ނަމާދެއް ސައްހަ ވެސް ނުވާނެ ކަމަށް އިލްމުވެރިން ވިދާޅު ވެއެވެ. ސައުދީގެ ފަތުވާ ކޮމެޓީން ވެސް ވަނީ އެގޮތަށް ފަތުވާއެއް ނެރެފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ވެސް ދެކެ ވަޑައިގަންނަވަނީ އެގޮތަށެވެ. އެކަމުގައި އިލްމުވެރިން ފާހަގަ ކުރައްވާ ދެތިން ކަމެއް ވެއެވެ. ފުރަތަމަ ކަމަކީ ޓީވީ ބަލައިގެން ނަމާދު ކުރުމަކީ އިމާމު މީހާއަށް ފުރިހަމައަށް ތަބާވުމެއް ކަމުގައި ނުބެލެވެ އެވެ. އަދި ސަފުތައް ގުޅިލާމެހިފައި ނުވުމާއި ތަރުތީބު ގެއްލިފައިވުމުން އެއީ އެއް ޖަމާއަތެއް ކަމުގައި ނުބެލެވޭނެތީ އެއީ އެފަދަ ނަމާދެއް ސައްހަ ނުވާނެ ސަބަބެއްގެ ގޮތު އެކަން އިލްމުވެރިން ގަބޫލު ކުރައްވަ އެވެ.

އެހެން ކަމުން ހަތިމު ކުރުމުގެ ބޭނުމުގައި ވެސް ނުވަތަ ރީތިކޮށް ގުރުއާން ކިޔަވާ އިމާމެއްގެ ފަހަތުގައި ތަރާވީސް ކުރުމުގެ މަގްސަދުގައި ވިޔަސް ޓީވީ ބަލައިގެން ތަރާވީހު ނަމާދު ކޮށްގެން ނުވާނެ އެވެ.

ނަމާދު ކުރުމުގައި އޮތީ ކޮންމެ ރަކުއަތެއްގައި ސޫރަތުލް ފާތިހާއަށްފަހު ކީރިތި ގުރުއާނުން ފަސޭހަވީ މިންވަރެއް ކިޔެވުމެވެ. އެހެންވީމަ ތިމާއަށް ކުޅަދާނަ ވެގެން ނުވާ މިންވަރެއް ކިޔެވުމެއް ނޯވެ އެވެ. ތަރާވީހު ނަމާދުގައި ނުވަތަ އެ ނޫންވެސް ނަމާދެއްގައި ސޫރަތުލް ފާތިހާއަށްފަހު ކީރިތި ގުރުއާނުން ފަސޭހަވީ މިންވަރެއް ކިޔެވުމުން ނަމާދުގެ ހެޔޮ ދަރުމައާއި ސަވާބު ލިބޭނެ އެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަސަން މޫސާ ފިކުރީ