ކޮއްދިއްޕަރު

ޓޫރިސްޓުން ފޭބުމުން އެރީ ވެލާ

Apr 28, 2020
1

އަހަރުގެ ބޮޑު ބައިގައި ރާއްޖޭގެ ރިސޯޓުތައް އޮންނާނީ ފުރިފަ އެވެ. ޓޫރިސްޓުންނަށްޓަކައި ބީޗްތައްް ބިޒީކޮށެވެ. އެހެންވެ، ދޫނިތައް ވެސް މަތީގައި އުދުހޭނީ އެވެ. ވެލާތައް ވެސް އުޅޭނީ ބީޗާ ދުރު ދުރުންނެވެ. އެކަމަކު ކޮވިޑް-19 އާއެކު ރިސޯޓުތަކުގައި ތިބި ހުރިހާ ގެސްޓުން ފައިބައިގެން ދިއުމުން އެ ރަށްރަށުގެ ބީޗަށް އެރީ ފަރުމަތީގައި ތިބި ވެލާ ތަކަށެވެ. ބައެއް ރިސޯޓު ތަކަށް ބިސް އަޅަން މިހާރު ވަނީ ވެލާ އަރަން ފަށާފަ އެވެ. އެންމެ ފަހުން ބިސް އަޅަން ވެލައެއް މި އެރީ މާލެ އަތޮޅުގެ ގްރޭންޑް ޕާކް ކޮއްދިއްޕަރަށެވެ.

މި މަހުގެ 23 ވަނަ ދުވަހު ކޮއްދިއްޕަރު ރިސޯޓަށް މިވަނީ ހާއްސަ މެހުމާނެއް ޒިޔާރަތް ކޮށްފަ އެވެ. އެ ރަށުގައި ގެސްޓުން ތިބޭއިރު އެންމެ ބިޒީވާ ޖެޓީ ކައިރިއަށް ވަނީ ވެލައެއް އަރާ ބިސް އަޅާފަ އެވެ. އެ ރަށުގައި ތިބި މުވައްޒަފުން ވަނީ އެ ވެލައަށް ބޭނުންވާ ހުރިހާ ޕްރައިވެސީއެއް ވެސް ދީފަ އެވެ.

ރާއްޖޭގެ ކަނޑުތަކުގައި ގިނަ އަދަދަކަށް އުޅޭ ވެލާގެ ބާވަތެއްގެ އެ ވެލާ އެ ރަށަށް އެރުމާއެކު އެކަންވީ އެރަށުގައި ތިބި މުވައްޒަފުންނަށް ވަރަށް ހާއްސަ ކަމަށެވެ. އެހެންވެ، ދުރުގައި ތިބެ ފޮޓޯއެއް ނެގުމަށްފަހު އެކަން މި ވަނީ ދުނިޔެ އަށް އަންގާފަ އެވެ.

ކުރިން ދިވެހިން ޗުއްޓީ ހޭދަ ކުރަން ގޮސް އުޅުނު ކޮއްދިއްޕަރުގައި ރިސޯޓެއް ތަރައްގީ ކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ.