ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އައިއެމްއެފް އާއި އިންޑިއާގެ ފައިސާ އެމްއެމްއޭ އަށް ލިބިއްޖެ

Apr 28, 2020
6

ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އަށް ދިމާވާ ބޭރު ފައިސާގެ ދަތިކަން ހައްލު ކުރުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ދޭ ލޯނު އެހީ އާއި އިންޑިއާގެ މަރުކަޒީ ބެންކުން ދޭ ކަރަންސީ ސްވޮޕް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބިއްޖެ އެވެ.

މަރުކަޒީ ބޭންކުން ބުނީ، ރާއްޖޭގެ އިގްތިސާދީ ހާލަތަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި އެ ވަގުތަކު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގައި އެމްއެމްއޭ އިން ކުރިންވެސް ބުނެފައިވާ ކަމަށެވެ. މިގޮތުން ކުރަން ނިންމި އެއް ކަމަކީ އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ 400 ޔޫއެސް ޑޮލަރު ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ޔޫއެސް ޑޮލަރު ހޯދުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން މިވަގުތައް 150 މިލިއަން ޔޫއެސް ޑޮލަރު މިހާރު ވަނީ އެމްއެމްއޭ އަށް ލިބިފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުމަށް އެހީތެރިވުމުގެ ގޮތުން، އައިއެމްއެފުން ރާއްޖެއަަށް ދޭން ނިންމި 28.9 މިލިއަން އެމެރިކާ ޑޮލަރު ވެސް މިހާރު ވަނީ އެމްއެމްއޭ އަށް ލިބިފަ އެވެ.

"މި ކަންތައްތަކުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި އިމްޕޯޓް ކުރުމަށާއި، ކޮވިޑް 19 އާއި ގުޅިގެން ސިއްހީދާއިރާއަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށް ބޭނުންވާ ބޭރުފައިސާ އެމްއެމްއޭއިން ފޯރުކޮށް ދިނުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ. ހަމަމިއާއެކު، އެކްސްޗޭންޖް ރޭޓް ދެމެހެޓުމަށްޓަކައި ބޭންކްތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދެމުންދާ ބޭރުފައިސާގެ އަދަދު ވަނީ އިތުރު ކުރެވިފަ އެވެ،" އެމްއެމްއޭއިން ބުނެފައިވެ އެވެ.

މަރުކަޒީ ބޭންކުން ބުނީ މީގެ އިތުރުން، އެމްއެމްއޭގައި ގާއިމުވެފައިހުރި އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ބޭންކްތަކަށް ބޭރުފައިސާ އިތުރަށް ފޯރުކޮށްދިނުމުގެ އިންތިޒާމު ތަކެއް ވެސް ރޭވިފައިވާ ކަމަށެވެ.

"ކޮވިޑް 19 ގެ ސަބަބުން، ރާއްޖޭގެ އަދި ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތައް މި އޮތޯރިޓީން މިދަނީ ވަރަށް ގާތުން ބަލަމުންނެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި އެ ވަގުތަކު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ވާހަކަ ދެންނެވީމެވެ،" އެމްއެމްއޭ އިން ބުނެފައިވެ އެވެ.

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ނުވަތަ ގްރޮސް އިންޓަނޭޝަނަލް ރިޒާވް ހުރީ 741.4 މިލިއަން ޑޮލަރެވެ. އެހެން ނަމަވެސް މި މަހުގެ 27 ގެ ނިޔަލަށް ރަސްމީ ރިޒާވްވަނީ 882.6 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.

ކޮވިޑް 19 ގެ ސަބަބުން، ރާއްޖޭގެ އަދި ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތައް ވަރަށް ގާތުން ބަލަމުންދާ ކަމަަށާ ރާއްޖޭގެ އިގްތިސާދީ ހާލަތަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި އެ ވަގުތަކު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަަށްވެސް މަރުކަޒީ ބެންކުން ވަނީ ބުނެފައެވެ.