މިދިޔަ ހަފުތާގައި ސީރިޔާއަށް ދިޔަ މީހުންގެ ތެރޭގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ހ. ހިލްޓަން އަޒްލިފް ރައޫފް ވެސް ހިމެނޭ ކަން "އަވަސް" އަށް ކަށަވަރުވެއްޖެ އެވެ.
ސީރިޔާ ގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވުމަށް މިދިޔަ ހަފުތާގައި ހަ ދިވެއްސަކު ވަނީ ތުރުކީ މަގުން ސީރިޔާ އަށް އެތެރެވެފަ އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ހިމެނޭއިރު އެ މީހުންނާ އެކު އަހަރު ނުވާ ކުޑަކުއްޖަކު ވެސް ގެންގޮސްފައިވެ އެވެ. ނަމަވެސް މިހާތަނަށް ރަސްމީ އެއްވެސް ފަރާތަކުން އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އާންމެއް ނުކުރެ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި އެ ހަ މީހުންގެ ތެރޭގައި އަޒްލިފް ރައޫފް ވެސް ހިމެނެއެވެ. އަފްރާޝީމް މަރާލުމުގައި އަޒްލިފްގެ ބައިވެރިވުން އޮތް ކަމަށް ބުނެ އޭނާ އާއި އިތުރު ބައެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހަށް ވެސް މައްސަލަ ފޮނުވައިފަ އެވެ. ނަމަވެސް އެ މިހާތަނަށް މައްސަލަ ކޯޓަށް ފޮނުވާފައެއް ނުވެއެވެ.
މީގެ އިތުރުން ފައިސާތަކެއް ހޯދަން މީހަކަށް ބިރުދައްކައި، މީހެއްގެ ސައިކަލެއް ފޭރުނު ކަމަށް ބުނެ އަޒްލިފާއި އިތުރު ބައެއްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލައިފަ އެވެ. ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ އެ ޝަރީއަތް މިހާރު ވެސް ދަނީ ހިނގަމުންނެވެ.
މީގެ އިތުރުން ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގައި ފުލުހުން ކުރިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މީހަކު ވެސް މިދިޔަ ހަފުތާގައި ސީރިޔާ އަށް ދިޔަ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ވަނީ އެނގިފަ އެވެ. ނަމަވެސް އެ މީހާގެ މައުލޫމާތު މިހާތަނަށް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ސީރިޔާގެ ރައީސް ބައްޝާރު އަލްއަސަދުގެ ވެރިކަމާ ދެކޮޅަށް 2011 ގައި ފެށި މުޒާހަރާތައް ދާޚިލީ ހަނގުރާމައަކަށް ބަދަލުވެ، އެކި ޖަމާއަތްތަކުން ދަނީ ސީރިޔާ ގައި ހަނގުރާމަ ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަ ކުރުމަށް މީގެ ކުރިން ވެސް ބައެއް ދިވެހިން ސީރިޔާ އަށް ގޮސްފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ މަރުވެފަ އެވެ.