ދީން

ދިންނަވާނޭ މަގު ބަޔާން ކޮށް ދެއްވި ހަދީސް

ކޮންމެ މުސްލިމެއްގެ ވެސް އެންމެ ބޮޑު އުންމީދަކީ ދެ ދުނިޔޭގެ ބާއްޖަވެރިއަކަށް ވުމެވެ. ދުނިޔޭގައި ވެސް ހެޔޮ އަދި އާހިރަތުގައި ވެސް ހެޔޮކަން ލިބިގެންވާ މީހެއް ކަމުގައި ވުމެވެ. އިސްލާމްދީން އިންސާނުންނަށް މަގު ދައްކަނީ ވެސް އެ ގޮތަށެވެ.

މުސްލިމުންނަކީ ދުނިޔެ ދޫކޮށް ހަމައެކަނި އާހިރަތް ހޯދަން މަސައްކަތް ކުރާނެ ބައެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އާހިރަތް ދޫކޮށް ހަމައެކަނި ދުނިޔޭގެ އުފަލާއި އަރާމު ހޯދަން މަސައްކަތް ކުރާނެ ވެސް ބައެއް ނޫނެވެ. މިއިން ގޮތަކަށް ކުރިއަށްދާން ހިޔާރު ކޮށްފިނަމަ އެއަށްވުރެ ބޮޑު އަބާޖަވެރި ކަމެއް ނުވާނެ އެވެ.

ހަގީގީ ދިންނެވުން ލިބޭނީ ކިހިނެއް ހެއްޔެވެ؟ ދުނިޔެ އާއި އާހިރަތް ކާމިޔާބު ކުރާނީ ކިހިނެތް ހެއްޔެވެ؟

ކޮންމެ މީހަކަށް ވެސް ދިންނަވާނެ މަގަކީ ކޮބައިކަން އެނގެން ޖެހެ އެވެ. އެއީ ވަރަށް ފަސޭހަ ވެސް ކަމެކެވެ. ރީތި އެންމެ ހަދީސް ބަސްފުޅަކުން އެ މަގު މިއޮތީ ފެންނާށެވެ.

އުގުބަތު ބުނު އަމިރު رضي الله عنه ގެ އަރިހުން އައިސްފައި ވެއެވެ. އެކަލޭގެފާނު މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ސުވާލެއް ކުރެއްވެވި އެވެ. ދިންނަވާނޭ މަގަކީ ކޮބައި ހެއްޔެވެ؟ ދެން މާތް ރަސޫލާ ހަދީސް ކުރެއްވި އެވެ: "ތިބާގެ ދޫ ހިފަހައްޓާށެވެ. އަދި ތިބާގެ ގެއަކީ ތިބާއަށް ފުދޭ ތަނެއް ކަމުގައި ހަދާށެވެ. އަދި ތިބާގެ ފާފަތަކަށް ހިތާމަކޮށް ރޮއި ހަދާށެވެ." -- މި ހަދީސް ރިވާކުރެއްވީ އަލްއިމާމު އަބޫ ތިރުމިޒީ އެވެ.

ހަދީސްގައިވާ މި ތިން ކަންތައް ކުރާށެވެ. އޭރުން އެ މީހަކު ސަލާމަތް ވާނެ އެވެ.

ދޫ ރައްކާތެރި ކުރުން

ދޫ ރައްކާތެރިކުރުމާއި ގުޅޭގޮތުން ވަރަށް ގިނަ ހަދީސް ބަސްފުޅުތައް ވެއެވެ. އަދި ދޫ ރައްކާތެރި ކުރުމުގެ މައްޗަށް ވަރަށް ގިނަ އިލްމުވެރިން ދަރުސްތައް ދެއްވާފައި ވެސް ވެއެވެ.

ހަދީސް ބަސްފުޅެއްގެ މާނައިގައިވާ ގޮތުގައި އެމީހެއްގެ ލަދުވެތި ގުނަވަނާއި ދޫ ރައްކާތެރިކޮށް ބޭއްވޭނެ ކަމުގެ ޔަގީންކަން ދޭ މީހަކަށް ސުވަރުގެ ވަދެވޭނޭ ކަމުގެ ގެރެންޓީ ކީރިތި ރަސޫލާ ދެއްވަ އެވެ.

ދުލުން ބުނާ ބަސްތަކަކީ، ހެޔޮ ކަމުގެ ފަތް، ނޫނީ ނުބައިކަމުގެ ފަތުގައި ލިއްޔުއް ވޭނޭ އެއްޗެއް ކަމުގައި ކީރިތި ގުރްއާނުގައި އަންގަވާފައި ވެއެވެ. އަދި ގުނަވަންތަކުން ކުރާ ކަންކަމަށް އާހިރަތް ދުވަހު ޒިންމާވާން ޖެހޭނޭ ކަމުގައިވެސް އަންގަވާފައި ވެއެވެ.

ގޯސް ވާހަކަތަކާއި އެފަދަ އަމަލުތަކުން އެއްކިބާ ވެގެން ނޫނީ ރޯދައިގެ ދަރުމަ އާއި ސަވާބެއް ނެތެވެ. އެހެންވެ ކޮން މީހަކު ވެސް ފުރަތަމަ ކަމަކަށް އެ މީހެއްގެ ދޫ ރައްކާތެރި ކުރަން ޖެހެ އެވެ.

ގެއަކީ ފުދޭ ތަނެއް ކަމުގައި ހަދާށެވެ

މީގެ މާނައަކީ ކޮބައި ހެއްޔެވެ؟ މީގެ މާނައަކީ ފިތުނަ ފަސާދަ އުފެދޭ ފަދަ އެންމެހާ ތަނަކުން އެއްކިބާވުމެވެ. އަދި ތިމާއާ ނުބެހޭ ކަންކަމުގެ ތެރެއަށް ވަދެ ނުގަތުމެވެ. އަދި މީހުންނަށް އުނދަގޫވާ ފަދަ ކަންކަން ތިމާގެ ފުށުން ވިޔަ ނުދިނުމެވެ. އެހެން ކަމުން މިއީ ވެސް ދިންނެވުމުގެ ތެރެއިންވާ ކަމެކެވެ.

ފާފަތަކަށް ހިތާމަކުރުން

ކުރެވޭ ނުރަގަނޅު އަމަލުތަކަށް ހިތާމަ ކުރުމަކީ ތައުބާވުމުގެ އެންމެ މުހިންމު ބައެވެ. ފާފަތަކަށް އަރައިގަނެވިފައި ވުމަކީ ތިމާ ދެރަވެ ހިތާމަ ކުރާ ކަމެއް ކަމުގައިވާނަމަ، އެކަންކަމަކީ ނުރަނގަޅު ކަންތައްތަކެއް ކަމާއި، އެކަން ކުރެވުނީތީ ހިތާމަކުރުމަކީ މާތް ﷲ އަށް ކިޔަމަން ގަތުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި އެއީ ފާފަތަކުން ދުރުހެލިވުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެއެވެ.

ފާފަތަކަށް ނުވަތަ ކުރެވޭ ކުށްތަކަށް ހިތާމަކުރާ މީހަކު އެކަމުގެ ތައުބާއަށް އެދި މާތްﷲ އަށް ދުއާ ދަންނަވާނެ އެވެ. ހަގީގީ ތައުބާވުމަކީ އެފަދަ ފާފައެއް ދެން ނުކުރުމަށް ހިތުގައި އަޒުމް ކަނޑައެޅުމެވެ. އަދި ފާފަ ކުރުމާ މުޅިން ދުރުވެ ގަތުމެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަސަން މޫސާ ފިކުރީ