ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން މުޅި ދުނިޔެ ވަނީ ލޮކްޑައުން ހާލަތުގަ އެވެ. ހުރިހާ އެންމެންނަށް ވެސް ގޭތެރޭގައި ތިބެން ވަނީ މަޖްބޫރުވެފަ އެވެ.
މިއީ ކުރަންޖެހޭ ކަމަކަށް ވިޔަސް އެއްބައިމީހުންނަށް މިގޮތަށް ގޭގައި ތިބުމަކީ އެހާ ފަސޭހާ ކަމެއް ނޫނެވެ. އަދި އުމުރުން ދުވަސްވީ ބައެއް މީހުންނަށް އެމީހުން ކޮންމެ ދުވަހަކު ބޭރަށް ނުކުމެލާ އުސޫލުން ބޭރަށް ގޮސް ނުލެވުމަކީ ވަރަށް ބޮޑު ހިތްދަތިކަމެއް ލިބޭ ކަމެކެވެ. ޚާއްސަކޮށް ހަނދާން ނެތޭ ބަލި ޖެހިފައިވާ މީހުންނަށް މިގޮތަށް ބޭރަށް ނުނުކުމެ ތިބެން ޖެހޭ ސަބަބު ވިސްނައި ދިނުން އެހާ އުނދަގުލެވެ. ސަބަބަކީ އެމީހުންނަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރަން ދަތިވެފައިވާ އަދި ވިސްނުމުގެ ގާބިލްކަންވެސް ވަރަށް ދަށްވެފައި ތިބޭ ބަޔަކަށް ވާތީ އެވެ.
އޮސްޓްރޭލިޔާގެ ފިލްމު ޑައިރެކްޓަރެއް ކަމަށްވާ ޖޭސަން ވެން ގެންޑެރެންގެ މަންމައަކީ އަލްޒައިމާގެ ސަބަބުން ހަނދާންތައް ގެއްލިފައިވާ 87 އަހަރުގެ މީހެކެވެ. އަލްޒައިމާ ނޫނަސް ހަނދާނާ ގުޅިފައިވާ އިތުރު މައްސަލަތައް ވެސް އޭނާގެ ހުރެ އެވެ.
ޖޭސަންގެ މަންމަ ދިރިއުޅެނީ އޭނާ އާއި އާއިލާއާ އެކުގަ އެވެ. ޖޭސަންގެ މަންމަ އަކީ އާއްމުކޮށް ހިސާބުގަނޑުގައި ނުކުމެ ހިނގާލާ، ސުޕަމާކެޓަށް ގޮސް އެއްޗެހި ގަނެލާ އުޅުނު މީހެކެވެ. އެހެންވެ އެގޮތަށް ބޭރަށް ނުކުމެވޭގޮތް ނުވުމަކީ އޭނާއަށް ވަރަށް އުނދަގޫ ކަމަކަށްވި އެވެ. އެހެންވެ މަންމަ އަށް ދިމާވާ މައްސަލަތަކުގެ ހައްލު ޖޭސަން ހޯދީ ވަރަށް މޮޅަށެވެ.
މަންމައަށް ޓަކައި ޖޭސަން އޭނާގެ އަންހެނާއި ދަރިން ވެގެން އެމީހުންގެ އަމިއްލަ ގޭގައި ވަނީ ސުޕަމާކެޓެއް ތައްޔާރުކޮށްފަ އެވެ.
ސުޕަމާކެޓެއް ގޮތަށް ތައްޔާރު ކޮށްފައިވާ މިތަނަށް ކޮންމެ ދުވަހަކުވެސް ޖޭސަން އޭނާގެ މަންމަ ގޮވައިގެން ބާޒާރު ކުރަން ދެއެވެ.
ޖޭސަން ވަނީ މި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ޔޫޓިއުބްގައި ޝެއާ ކޮށްފަ އެވެ.
"ބޭރަށް ނުނުކުމެ ގޭގައި އައިސޮލޭޓް ވެގެން ތިބެން ޖެހޭ ދުވަސްތަކަކީ އަހަރެމެން އެންމެންނަށް ވެސް ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް. ޚާއްސަކޮށް ހަނދާންތައް ނެތިފައިވާ މީހަކަށް ގޭގައި އިންނަން މަޖްބޫރު ކުރުމުން އޭނާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލި ހަނދާނުގެ މައްސަލަތައް އިތުރަށް ގޯސްވޭ. އެހެންވެ އަހަރެމްން މަންމައަށްޓަކައި ގޭގައި ސުޕަމާކެޓެއް ތައްޔާރުކޮށް މަންމަގެ ފޭވަރިޓް ހުރިހާ އެއްޗެއް އެތަނުން ގަނެވޭ ގޮތް ހަދައިދިނީ،" މި ވީޑިއޯގެ ކެޕްޝަންގައި ޖޭސަން ލިޔެފައި ވެއެވެ.
މި ވީޑިއޯ ބަލާފައި ގިނަ ބަޔަކު ޖޭސަން އާއި އޭނާގެ އާއިލާގެ ރަނގަޅުކަމުން ވަރަށް ބޮޑަށް ހިތަށް އަސަރުކޮށްފި ކަމަށް ބުނެފައި ވެއެވެ. މަންމަ އުފަލުގައި ބެހެއްޓުމަށް ޖޭސަންމެން ކުރާ މަސައްކަތަށް އެންމެންގެ ހިތްތައް ވެސް ތައުރީފުން ފުރިފަ އެވެ.