ރިއަލް ސްޓޭޓް ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ބޭންކްތަކުން ހަމަޖައްސާފައިވާ ލުއިތަކެއް ދޭއިރު އެޕާޓްމަންޓްތަކާއި ގެތަކުގެ ކުލި ކުޑަ ކުރަން ޖެހޭ ގޮތަށް އެ ލުއިތައް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ހުށަހަޅައިފި އެވެ.
ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަންނަން ސަރުކާރުން ތައާރަފު ކޮށްފައިވާ އިކޮނޮމިކް ޕެކޭޖްގެ އުފެއްދުންތެރިކަން އިތުރު ކުރުމާ ގުޅޭ ގޮތުން މަޖިލީހުން ލަފައެއް ދިނުމަށް ޓަކައި މަޖިލީހުގެ އެކި ކޮމިޓީތަކުން ވަނީ އެ ކޮމިޓީތަކާ ގުޅުން ހުރި ދާއިރާތަކުގެ ބައިތައް ދިރާސާކޮށްފަ އެވެ.
އެ ގޮތުން އިގްތިސާދީ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ވަނީ، ރިއަލް ސްޓޭޓް ޕްރޮޖެކްޓްތަކަށް ނަގާފައިވާ ލޯނުތަކަށް ބޭންކްތަކުން ލުއި ދީފައިވާ ލޯނުތަކުގެ ތެރެއިން ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކާއި ގެތަކުގެ ކުލި ކުޑަ ވާން ޖެހޭ ގޮތަށް ބަދަލެއް ގެނެސް ލުއި ދިނުމަށް މަޖިލީހުގެ ލަފާގައި ހިމެނުމަށް ހުށަހަޅައިފަ އެވެ.
މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ވަޒީފާ ގެއްލުނު ފަރާތްތަކަށް އެލަވަންސް ދިނުމާ ގުޅޭ ގޮތުންނާއި ދަނޑުވެރިކަން ތަރައްގީ ކުރުމާ ގުޅޭ ގޮތުން ވެސް އިގްތިސާދީ ކޮމިޓީން ބައެއް ކަންކަން ހުށަހަޅާފައިވެ އެވެ.
މާލިއްޔަތު ކޮމިޓީން ހުށަހެޅި ކަންކަން
- ވެލިއު އެޑެޑް ތަކެއްޗާއި ކާބޯތަކެތި ހަދާ ފަރާތްތަކަށް ރިލީފް ޕެކޭޖުން ފުރުސަތު ހޯދައިދިނުން
- ކާބޯތަކެތި އަދި ބޭސް އެތެރެ ކުރާ ފަރާތްތަކަށް ބޭނުންވާ ބޭރު ފައިސާ ލިބޭނެކަން އެމްއެމްއޭއިން ކަށަވަރުކޮށް ދިނުން
- ވަޒީފާ ގެއްލޭ ފަރާތްތަކަކުގެ އެލަވަންސްގައި އަމިއްލަ މަސައްކަތް ކުރާ މީހުން ހިމެނުން
- އެޕާޓްމަންޓްތަކާއި ގެތަކުގެ ކުލި ކުޑަ ވާން ޖެހޭ ގޮތަށް ލޯނުގެ ލުއިތައް ހަމަޖެއްސުން
- ރިސޯޓުތަކުގެ މުވައްޒަފުންނާއި އެ ފަރާތްތަކުގެ އާއިލާތައް ދެނެގަނެ ރިލީފް ޕެކޭޖެއް ދިނުން
- ރިލީފް ޕެކޭޖްގެ ދަށުން ކުދި ވިޔަފާރިތަކަށް ދޫކުރާ އަދަދު 30 އިންސައްތައަށް އިތުރު ކުރުން
- ޕެކޭޖް ތަންފީޒު ކުރެވެމުންދާ ގޮތުގެ ތަފުސީލުތައް ކޮންމެ ފަނަރަ ދުވަހަކުން އިގްތިސާދީ ކޮމިޓީއަށް ދިނުން
އެޕާޓްމަންޓްތަކާއި ގެތަކުގެ ކުލި ކުޑަ ކުރަން ޖެހޭ ގޮތަށް ރިއަލް ސްޓޭޓް ޕްރޮޖެކްޓްތަކުގެ ލޯނުގެ ލުއި ދިނުމަށް އިގްތިސާދީ ކޮމިޓީން ހުށަހެޅިއިރު، މި ހާލަތުގައި ކުލި ނެގުން ހުއްޓުވާ ގޮތަށް ގާނޫނެއް ފާސްކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ދަނީ މަޝްވަރާ ކުރަމުންނެވެ. އެ ކޮމިޓީގެ ރިޕޯޓެއް އަދި އާންމެއް ނުކުރެ އެވެ.
މި ހާލަތާ ގުޅިގެން ބޭންކްތަކަށް ދައްކަން ޖެހޭ ލޯނުތައް ވެސް ވަނީ ފަސްކޮށްފަ އެވެ. އޭގެ ތެރޭގައި ބީއެމްއެލް އާއި ހައުސިން ޑިވެލޮޕްމަންތް ފިނޭންޝަލް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ހައުސިން ލޯނުތައް ވެސް ވަނީ ހަ މަސް ދުވަހަށް ފަސްކޮށްފަ އެވެ.
ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މާލެ ލޮކްޑައުން ކުރި ފަހުން މަގުމަތީގައި ހަރަކާތްތެރިވި ފުލުހުންނަށް ވަނީ މަގުމަތިވެފައިވާ ގިނަ ބަޔަކު ފާހަގަކުރެވިގެން ޖެންޑާ މިނިސްޓްރީން ގާއިމުކޮށްފައިވާ ވަގުތީ ހިޔާތަކަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ކުލި ނުދެއްކިގެން ގެއިން ނުކުންނަން ޖެހުނު ބައެއް މީހުން ވެސް ހިމެނެ އެވެ.