އިއްޔެއާ މިއަދު ގދ. ތިނަދޫއިން މަރުވި ދެ މީހަކާއި މިއަދު މާލެއިން މަރުވި މީހެއްގެ ސާމްޕަލް ނަގާ ކޮވިޑަށް ޓެސްޓް ކުރަމުންދާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.
އެންއީއޯސީން މިހެން ބުނެފައިވަނީ ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މަރުވި އުމުރުން ދުވަސްވީ މީހަކު ހިނެވުމަކާއި ނުލައި ވަޅުލި ކަމަށް ބުނާ މައްސަލައެއް އާއިލާއިން ފެންމަތިކޮށްފައި ވަނިކޮށެވެ. އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނީ ގދ. މަޑަވެލި، އާގޭ، ހަސަން އަހުމަދު 87، އެެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލު ވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ތިނަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވި 87 އަހަރުގެ މީހާ އާއި މިއަދު އެ ހޮސްޕިޓަލްގައި މަރުވި 78 އަހަރުގެ މީހެއްގެ ސާމްޕަލް ނަގަން އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ.
އެ ދެ މީހުންނަކީ ވެސް ނޭވާލުމުގެ މައްސަލަތަކެއް ކުރިމަތިވެގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ ދެ މީހުން ކަމަށާ އެހެން ކަމުން އެ މީހުން ސާމްޕަލް ނަގާ ކޮވިޑަށް ޓެސްޓް ކުރަން ނިންމާފައިވާ ކަމަށެވެ. މަބުރޫކް އަދި ވިދާޅުވީ އެ ދެ މީހުންވެސް ހިނެވުމަށްފަހު ވަޅުލުމަށް އެޗްޕީއޭއިން އިރުޝާދު ދިން ކަމަށެވެ.
މީގެ އިތުރުން މިއަދު މަރުވި 83 އަހަރުގެ މީހެއްގެ ވެސް ސާމްޕަލް ނަގާފައިވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މީހާއަކީ ކޮންޓެކްޓްރޭސިންގެ ތެރެއިން ފާހަގަވެ، ސާމްޕަލް ނެގިފައިވާ މީހެއް ކަމަށާ އެމީހާ މަރުވިއިރު ނަތީޖާ ނުލިބޭ ކަމަށެވެ.
މި ތިން މީހުންނާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހާމަ ކުރުމަށް މާދަމާ ޓެގްގެ އިސް ބޭފުޅަކު ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށްވެސް މަބުރޫކް ވިދާޅުވި އެވެ.
ސަމަދު ހޮސްޕިޓަލުގައި މަރުވި އުމުރުން ދުވަސްވީ މީހާއާ މެދު އަމަލު ކޮށްފައި ވާނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އެ ހޮސްޕިޓަލުން ވެސް މިއަދު ވަނީ ބުނެފަ އެވެ.
ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ މަރުވި ހަސަން އަހުމަދުގެ ކިބައިގައި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަން (ސާރީ) ގެ އަލާމާތްތައް ހުރުމާ ގުޅިގެން އެ ހޮސްޕިޓަލުން އެ މައުލޫމާތު އެޗްޕީއޭއާ ހިއްސާ ކުރި ކަމަށާއި އެޗްޕީއޭގެ އިރުޝާދުގެ ދަށުން މިދިޔަ އާދީއްތަ ދުވަހު އޭނާ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެއަށް ފަހު މާލެ ފޮނުވާލުމުގެ އިންތިޒާމްތައް ހަމަޖައްސަމުން ދަނިކޮށް މިދިޔަ ހޯމަ ދުވަހުގެ ރޭ އޭނާ މަރުވި ކަމަށެވެ.
ކަށުނަމާދުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ގދ. މަޑަވެއްޔަށް ގެންދިޔުމަށް އާއިލާއިން އެދުމުން އެ ހާލަތުގައި އެޗްޕީއޭއިން އަމަލު ކުރަން ނިންމާފައިވާ ނިންމުން އާއިލާއާ ހިއްސާކޮށްފައިވާ ކަމަށާއި މައްޔިތާ އާއިލާއާ ހަވާލު ކުރުމަށް ފަހު ޖަމާއަތްތެރިން ހޯދުމުގަ އާއި ވަޅުކޮންނާނެ އިންތިޒާމްތައް ތިނަދޫ ކައުންސިލާ ގުޅިގެން ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
މައްޔިތާ ހިނަވާ ގެއަށް ގެންދިޔުމުގެ ކުރިން ޖަމާއަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ފަރާތްތައް ހޮސްޕިޓަލަށް ގެންގޮސް ހިނަވަން ލާން ޖެހޭ ޕީޕީއީ ސޫޓްގެ ބޭނުމާއި އެ ސޫޓް ލާން ޖެހޭ ގޮތް ކިޔައިދީފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.