ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ. ކޮވިޑްގައި ރާއްޖެއިން މަރުވެފައި ވަނީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އެއީ އައިމިނަތު އާދަމް ކިޔާ އަންހެނެކެވެ. އޭނާ މަރުވީ މިއަދު އިރުއޮއްސި 7:10 ގައެވެ.
އެ މީހާއަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު މީހެކެވެ. އެމީހާގެ ނަތީޖާ ލިބިފައިވަނީ މަރުވި ފަހުންނެވެ.
މަރުގެ ހަބަރުގެ ތަފްސީލް ހާމަކުރުމަށް މިރޭ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެެރިންގެ ބައްދަލްވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮވިޑް-19 ޖެހިގެން މަރުވި އަންހެން މީހާގެ ކޭސް ގުޅިފައިވަނީ 126 ވަނަ ކޭސްއާ ކަމަށެވެ.
އެ އާއިލާގެ އިތުރު ބަޔަކުވެސް ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށާ މަރުވި އަންހެން މީހާގެ ސާމްޕަލް ނަގާފައިވަނީ 27 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަރުވި އަންހެން މީހާ ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ.
"..ކޮވިޑް-19 އާ ގުޅިގެން ހުރިހާ ގައުމަކުންވެސް ތަޖުރިބާ ކުރަމުންދާ ހިތާމަވެރި މަރުހަލާއަށް އަޅުގަނޑުމެން މި ދަތުރުކުރަން ފެށީ. މިހާރުވެސް އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި އައިސީޔޫގައި، ހޮސްޕިޓަލްތަކުގައި އަދި ފަރުވާ ދެމުންދާ ތަންތަނުގައި ބަލި މީހުން އެބަތިބި. އަޅުގަނޑުމެންގެ މިހާރުގެ ހިސާބުތައް ހުރިގޮތުން ލަފާކުރެވޭ އަދަދުތަކެއްވެސް އެބަހުރި."
މިނިސްޓަރު އަމީން ވިދާޅުވީ މަރުވި މީހާ ވަޅުލާނީ ތަޔައްމަމު ކުރުމަށްފަހު ކަމަށެވެ. އަދި އޭނާ ހިނެވުމުގެ ކަންކަމުގައި ހަރަކާތްތެރިވާނީ ތަމްރީން ލިބިފައިވާ އަންހެން ސިފައިން ކަމަށެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މީހަކު މަރުވެއްޖެ ނަމަ ކަށުކަމާކެމީގެ ކަން ކަމަށް ސިފައިން ވަނީ ތަމްރީންކޮށްފައެވެ. ރާއްޖޭގެ ޑޮކްޓަރުންގެ ލަފާގެ މަތިން ސިފައިންނަށް އެފަދަ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ދީފައިވަނީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ހާއްސަ ޕްރަގްރާމެއްގެ ތެރެއިންނެވެ.
އެ ތަމްރީންތައް ސިފައިންގެ ދެ ޖިންސުގެ 15 މީހަކަށް ވަނީ ދީފައެވެ.
މީގެ އިތުރުން ދަރުމަންތާގައި ފަރުވާ ދެމުން އަންނަ އިތުރު ބަލި މީހެއްގެ ހާލަތު ވެސް ވަރަށް ދެރަ ކަމަށް އެނގިފައި ވެއެވެ. މިރޭ އޭނާގެ އޮކްސިޖަން ލެވެލް ދަށްވެގެން ފަރުވާދޭން ފަށާފައިވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވަނީ ވިދާޅުވެފައި ވެއެވެ. އެއީވެސް އަންހެނެކެވެ. އޭނާގެ އުމުރަކީ 80 އަހަރެވެ.