ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ދުނިޔެ ކައިރިން ދިޔަ ބޮޑު ގިނިހިލަ ވެސް ފޭސްމާސްކެއް ބައްޓަމަށް

ދުނިޔެއާ ވަރަށް ކައިރިން އަބަދުވެސް ގިނިހިލަތައް ދަތުރުކުރެ އެވެ. ނަމަވެސް މީގެން ގިނަ ގިނިހިލަތަކަކީ އެއިން ދުނިޔެއަށް ގެއްލުމެއް ފޯރާނެ އެއްޗެއް ކަމަކަށް ސައިންސްވެރިން ނުދެކެ އެވެ. އިއްޔެ، އޭޕްރީލް 29 ގައި ވެސް މައުންޓް އެވަރެސްޓްގެ ދެބައިކުޅަ އެއްބައި ވަރުގެ ބޮޑު ގިނިހިލައެއް ދުނިޔެއާ ވަރަށް ކައިރިން ދަތުރުކޮށްފައި ވެއެވެ.

ގިނަ ބަޔަކަށް މި ގިނަހިލައިގެ އެންމެ ޝައުގުވެރިވާ ކަމަކަށް ފާހަގަ ކުރެވުނީ އޭގެ ބައްޓަމެވެ. ސައިންސްވެރިން ނަގާފައިވާ މި ގިނަހިލައިގެ ފޮޓޯތަކުން އެ ހިލަ ސިފަ ކުރެވެނީ ފޭސްމާސްކެއްގެ ބައްޓަމަށެވެ.

އެހެންވެ މިކަމާ ޚިޔާލު ފާޅުކުރި ބައެއް މީހުން މަޖަލަކަށް ބުނެފައިވަނީ ގިނިހިލަ ވެސް ކޮވިޑް-19 ދެކެ ބިރުން ދުނިޔެއާ ކައިރިއަށް އަންނަން ނުކެރި މާ ދުރުން ދިޔައީ ކަމަށެވެ.

ޕުއެޓޯ ރިކޯގެ އަރެސީބޯ އޮބްޒަވޭޓަރީގައި ބަހައްޓާފައިހުރި ރާޑަރުތަކުން މި ގިނަހިލައިގެ ފޮޓޯތައް ނަގާފައި ވެއެވެ. ގިނިހިލަ، 1998 އޯއާރް2 ދުނިޔެއާ އެންމެ ކައިރިވާނީ އޭޕްރީލް 29 ވަނަ ދުވަހު ކަމަށާއި އެ ދުވަހު މި ހިލަ ދުނިޔެއާ 3.9 މިލިއަން މޭލާ ކައިރިވާނެ ކަމަށް ސައިންސްވެރިން މާ ކުރިން ވެސް ވަނީ ބުނެފަ އެވެ.

މި އޮބްޒަވޭޓަރީގައި ތިބި މި ޓީމުގެ ހުރިހާ މެމްބަރުން ވެސް ތިބީ ކޮވިޑް-19 އަށް ބިރުން ފޭސްމާސްކް އަޅައިގެންނެވެ. އެހެންވެ ގިނިހިލަ ވެސް ފޭސްމާސްކެއްގެ ސިފައިގައި ފެނުމުން އެމީހުން ވެސް ވަރަށް ގަޔާވާ މަންޒަރަކަށް ވިއެވެ.

ނާސާގެ ޓުވީޓްގައި ބުނެފައިވާ ގޮތުގައި މި ގިނަހިލީގައި އޭގެ އަމިއްލަ ކުޑަ ހަނދެއް ވެސް ވެއެވެ. މި ގިނަހިލަ އެންމެ ފުރަތަމަ ނާސާ އަށް ފެނިފައިވަނީ 1998 ވަނަ އަހަރު އެވެ. މި ގިނިހިލަ ދުނިޔެއަށް ވެއްޓިއްޖެނަމަ ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އޮތީ ބެލެވިފަ އެވެ. ނަމަވެސް ގިނިހިލަ ދުނިޔެއަށް ވެއްޓޭނެހެން ހީނުވާ ކަމަށް ސައިންސްވެރިން އޭރުއްސުރެ ދަނީ ބުނަމުންނެވެ.

ކޮންމެއަކަސް މި ދުވަސްވަރަކީ ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން ދުނިޔޭގެ އެންމެން ކަހަލަ ގޮތަކަށް ފޭސްމާސްކް އަޅައިގެން އުޅޭ ދުވަސްވަރަކަށް ވެފައި ގިނިހިލަ ވެސް ފޭސްމާސްކް ސިފައަށް އިނުން ވެފައިވަނީ ވަރަށް އަޖައިބު އަދި މަޖާ އިއްތިފާގަކަށެވެ.