ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ދެވަނަ ފަހަރަށް ކޮވިޑްޖެހޭ ސަބަބު އަދި ނުހޯދޭ

ކޮވިޑް-19 އެއް ފަހަރު ޖެހިފައިވާ ބައެއް މީހުންނަށް ދެ ވަނަ ފަހަރަށް އެ ބަލި ޖެހިގެން މަދުން ނަމަވެސް ރިޕޯޓު ކުރަމުން ދެއެވެ. އެގޮތުން މިދިޔަ ހަފުތާގައި ޗައިނާގެ މީހަކަށް ވެސް ދެ ވަނަ ފަހަރަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ. މި މީހާ އަށް ދެ ވަނަ ފަހަރަށް ބަލި ޖެހިފައިވަނީ ފުރަތަމަ ބަލި ޖެހުނުތާ ހަތަރު މަސް ފަހުންނެވެ.

ޖިލިން ޕްރޮވިންސްގައި ދިރިއުޅޭ މި މީހާގެ ނަން ޗައިނާގެ މީޑިއާ އިން ހާމަ ކޮށްފައެއް ނުވެ އެވެ. މީގެ ކުރިން ހޫބޭގެ އަންހެނަކަށް ވެސް ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހުނުތާ ހަ މަސް ފަހުން ދެ ވަނަ ފަހަރަށް ބަލި ޖެހުނުކަން ޗައިނާގެ ހެލްތު އޮތޯރިޓީން ވަނީ ޔަގީން ކޮށްދީފަ އެވެ.

ޗައިނާއިން ދެ ވަނަ ފަހަރަށް ބަލި ޖެހުނު ފިރިހެންމީހާ އަށް އެންމެ ފުރަތަމަ ބަލި ޖެހުނީ ބޭރު ގައުމަކުން އައުމުން ކަމަށް ވާތީ އެ ފަހަރު އެމީހާގެ ކޭސް އަކީ އިމްޕޯޓެޑް ކޭސް އަކަށް އޮތީ ބެލެވިފަ އެވެ. މިމީހާ ދެވަނަ ފަހަރަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެއީ ބަލި ވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުގެ ކުރިން ޓެސްޓް ކުރުމުންނެވެ. ނަމަވެސް މި މީހާގެ ހަށިގަނޑުން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް މިފަހަރު ފެނިފައެއް ނެތެވެ.

އިޒްރޭލުގެ ޑޮކްޓަރެއް ވެސް ދެ ވަނަ ފަހަރަށް ކޮވިޑް-19 ޖެހުނު ކަމަށް އެ ގައުމުގެ މީޑިއާ އިން ރިޕޯޓް ކޮށްފައި ވެއެވެ. މިހާރު ގިނަ ބަޔެއްގެ ސުވާލަކަށް ވެފައިވަނީ ކޮވިޑް-19 އެއް ފަހަރަށް ވުރެ ގިނަ ފަހަރަށް ޖެހިދާނެތޯ އާއި ޖެހޭނަމަ އެ ޖެހެން މެދުވެރިވާ ސަބަބަކީ ކޮބައިތޯ އެވެ. އަދި މި ބަލި ޖެހޭ ގޮތާއި ބަލި ޖެހުމަށްފަހު ހަށީގަނޑަށް ބަލިން ދިފާއު ވެވޭ މިންވަރާ މެދު ވެސް ސުވާލު އުފެދެ އެވެ.

މި ބަލި ދެ ވަނަ ފަހަރަށް ޖެހިދާނެ އެއްވެސް ސަބަބެއް ސައިންސްވެރިންނަށް މިހާތަނަށް ހޯދިފައެއް ނެތެވެ. އެހެންކަމުން ތަޖުރިބާކާރުން ބޮޑަށް ތުހުމަތުކުރަނީ ޓެސްޓްގެ ނަތީޖާ ރަނގަޅު ނޫނީ ކަމަށެވެ. ނޫންނަމަ މާ ގިނަ ދުވަހަށް ބަލި ހަށިގަނޑުގައި ހުރުމެވެ. ބައެއް ތަޖުރިބާކާރުން ބުނަނީ ބަލިން ރަނގަޅުވުމަށް ފަހު ވެސް ވައިރަސްގެ ބައިތައް ހަށިގަނޑުގައި ސާފުނުވެ ހުންނަނީ ކަމަށެވެ.

ކޮވިޑް-19 އިގެ އިމިއުނިޓީގެ ސިއްރު އަދިވެސް އޮތީ ނޭނގުމުގެ ތެރޭގަ އެވެ. އެއް ފަހަރަށް ވުރެ ގިނަ ފަހަރަށް މި ބަލި ޖެހިދާނެތޯ ނުވަތަ ނޫންތޯ ވެސް ސައިންސްވެރިންނަށް ޔަގީން ކަމާއެކު ބުނާކަށް ނޭނގެ އެވެ. އަދި ފުރަތަމަ ފަހަރަށް އިންފެކްޝަން ޖެހުމަށްފަހު ބަލީގެ ދިފާއީ ބާރު އެ މީހެއްގެ ގައިގައި އުފެދޭ މިންވަރެއް ވެސް ބުނާކަށް ނޭނގެ އެވެ.

ފާނަބަސަންދު ކަހަލަ ބައެއް ބަލިތަކުގައި އެއް ފަހަރު ބަލި ޖެހުމުން އެ މީހެއްގެ ހަށިގަނޑަށް އެ ޖަރާސީމެއް އަލުން ވަދެއްޖެނަމަ އެ ނައްތާލާނެ ގޮތް މުޅި އުމުރަށް ވެސް ހަނދާން ހުރެ އެވެ. ނަމަވެސް ކޮރޯނާވައިރަހަށް މިގޮތަށް ދިމާވާކަން ސައިންސްވެރިންނަށް އަދި ހޯދިފައެއް ނެތެވެ.

ޓެސްޓުތަކުން ދައްކާ ގޮތުގައި ބަލި ޖެހި ރަނގަޅުވާ ގިނަ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީޒް ހުރެ އެވެ. މިއީ ކުރިމަގުގައި އެ މީހާއަށް މި ބަލިން ދިފާއު ވެވިދާނެ ސަބަބެކެވެ. ނަމަވެސް ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީޒްގެ މިންވަރަކީ އެމީހާއަށް ދެ ވަނަ ފަހަރަށް ބަލި ނުޖެހެން އެކަށީގެންވާ މިންވަރެއްތޯ ނުވަތަ ނޫންތޯ ވެސް އަދި ބެލެވިފައެއް ނެތެވެ.

ޕްރޮފެސޭ ކަރޯލް ސިކޯރާ ވިދާޅުވާ ގޮތުގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން އެކަށީގެންވާ ވަރަށް ދިފާއީ ބާރު އުފެދެނީ އެންމެ 10 ޕަސެންޓް މީހުންނަށެވެ. އެހެންކަމުން ދެ ވަނަ ފަހަރަށް ބަލި ޖެހިއްޖެނަމަ ހަށިގަނޑަށް އެ ބައްޔާ ހަނގުރާމަކޮށް ހަށިގަނޑުން ބޭރުކޮށްލެވިދާނެ ކަމާ މެދު ޝައްކެވެ.

މެލްބަން ޔުނިވަސިޓީގެ އެހެން ދިރާސާއެއްގައި ބައިވެރިކުރި 41 މީހުންގެ ވެސް ބަލި ޖެހުމަށްފަހު އެންޓިބޮޑީޒް އުފެދުނެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ހަށިގަނޑަށް ވައިރަސް ވަދެއްޖެނަމަ އެންޓިބޮޑީޒް ހަނގުރާމަ ކޮށްގެން ހަށިގަނޑުން ބޭރު ކުރެވެނީ އެންމެ 14.1 ޕަސެންޓް ވައިރަހެވެ.

މިފަދަ އެހެން ރިސާޗެއް ބުނާ ގޮތުގައި ބަލި ޖެހޭ މީހުންގެ ހަށިގަނޑުގައި ދިފާއީ ބާރު އުފެދެ އެވެ. ނަމަވެސް ގިނަ ދުވަސް ވާ ވަރަކަށް އެ ބާރު ދަށްވަމުން ގޮސް ހަ މަސް ތެރޭގައި މުޅިން ބާރު ކެނޑެ އެވެ. އަލުން ބަލި ޖެހެނީ އެހެންވެ އެވެ.