ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ރަޝިޔާ ވެކްސިން އަތަށް ގޮވާފާނެ: ސައިންސްވެރިން

Aug 11, 2020
11

ކޮވިޑް-19 އަށް ރަޝިޔާއިން އުފެއްދި ވެކްސިން އާއްމުންނަށް ދިނުމުގެ ހުއްދަ ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ދޭން ވަނީ ހަމަޖެހިފަ އެވެ. އެއާއެކު އޮކްޓޯބަރު މަހުގެ ތެރޭގައި އެ ގައުމުގެ އާބާދީއަށް ވެކްސިން ދިނުމުގެ ޚާއްސަ ކެމްޕެއިނެއް ފަށަން އެ ގައުމު ދަނީ ތައްޔާރު ވަމުންނެވެ. ނަމަވެސް މި ވެކްސިންގައި ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތެވެ. ވެކްސިންގެ ހުރިހާ ކްލިނިކަލް ޓްރަޔަލްއެއް ފުރިހަމަ ނުވާތީ އެވެ.

ދުނިޔޭގެ ނަން މަޝްހޫރު ގިނަ އަދަދެއްގެ ސައިންސްވެރިން މިހާރު ވަނީ މި ވެކްސިން އަތަށް ގޮވާފާނެ ކަމުގެ އިންޒާރު ދެމުންނެވެ.
ރަޝިޔާގެ ރައީސް ޕުޓިން މިދިޔަ އޭޕްރީލް މަހު ނެރުއްވާފައިވާ އަމުރެއްގައި ވަނީ ކޮވިޑް-19 އަށް އުފައްދާ ބޭސްތަކާއި ވެކްސިންތަކުގެ މަސައްކަތްތައް ވީހާ ވެސް އަވަހެއް ކުރުމަށެވެ. އަދި ބޭހާއި ވެކްސިން އުފެއްދުމުގެ މަސައްކަތް ވީހާވެސް ކުރު މުއްދަތެއްގެ ކޮށް ނިންމުމަށެވެ.

ރަޝިޔާގެ އެސޯސިއޭޝަން އޮފް ކްލިނިކަލް ޓްރަޔަލްސް އޮގަނައިޒޭޝަން އިން ބުނެފައިވާ ގޮތުގައި ރައީސް ޕުޓިންގެ މި އަމުރާ ގުޅިގެން އެ ގައުމުގެ ސައިންސްވެރިންނަށް ނުކުރެވޭ ވަރުގެ ކަމަކަށް ކުރަންޖެހުނެވެ. އެއާއެކު އެ ގައުމުގެ އިސް ވެރިންގެ ރަނގަޅު ފޮތަށް އެރުމަށްޓަކައި ލެވުނުހާ ބާރެއްލާފައި މޮޔައިންތަކެއް ފަދައިން ދުވަން ފެށީ އެވެ.

ރަޝިޔާގެ ޑެޕިއުޓި ހެލްތު މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ކޮރޯނާވައިރަހާ ދެކޮޅަށް ދުނިޔޭގައި އުފައްދާ ފުރަތަމަ ވެކްސިން އޮގަސްޓް 12 ވަނަ ދުވަހު އެ ގައުމުގައި ރަޖިސްޓްރީ ކުރާނެ އެވެ.

މި ވެކްސިން ފަރުމާކުރި ލެބޯޓްރީގެ ޗީފް އެލެކްސެންޑާ ޖިންޓްސްބާގް ވަނީ ކޮރޯނާވައިރަހާ ދެކޮޅަށް މި ވެކްސިން މަސައްކަތް ކުރާނެ ގޮތް ކިޔައި ދެއްވާފާ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ވެކްސިން ޓެސްޓް ކޮށްފައި ވަނީ ވެކްސިން އުފެއްދުމުގައި އުޅުނު ސައިންސްވެރިން އެމީހުންގެ އަމިއްލަ ގަޔަށް ވެކްސިން ޖަހައިގެންނެވެ. އަދި އެވެސް ހިއުމަން ޓްރަޔަލްސް ފެށުމުގެ ކުރިންނެވެ. މިއީ ވަރަށް ގިނަ ބައެއް ފާޑުކިޔުން މި ވެކްސިން އަށް އަމާޒުވި އެއް ސަބަބަކަށް ވެސް ވަނީ ވެފަ އެވެ.

ޚުދް ރަޝިޔާގެ އެސޯސިއޭޝަން އޮފް ކްލިނިކަލް ރިސާޗުން ވެސް ބުނެފައި ވަނީ މިއީ އެ ގައުމުގައި ކްލިނިކަލް ރިސާޗްތައް ކުރުމާ ގުޅޭ ގޮތުން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ މުޅިން ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ދުނިޔެ ގަބޫލުކުރާ ބައިނަލްއަގުވާމީ ރެގިއުލޭޝަންސް އާ ވެސް ޚިލާފު ކަމެކެވެ.

ޖިންޓްސްބާގް ވިދާޅުވަނީ ކޮވިޑް-19 އަށް ތައްޔާރުކުރި ވެކްސިންގައި ބޭނުން ކޮށްފައިވާ ކޮރޯނާވައިރަސް ޕާޓިކަލްސް އިން އިންސާނުންގެ ހަށިގަނޑަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވާނެ ކަމަށެވެ. މި ވެކްސިންގައި ބޭނުންކޮށްފައިވަނީ އެޑެނޯވައިރަހުގެ ޕާޓިކަލްސް ކަމަށާއި މީގެން އިންސާނާގެ ސިއްހަތަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

ޖޫން 18 ވަނަ ދުވަހު ކްލިނިކަލް ޓްރަޔަލްސް ފެށި މި ވެކްސިން ޓެސްޓްކުރުމުގެ ފަހުގެ މަރުހަލާ އަދިވެސް ނުނިމެ އެވެ. ނަމަވެސް ރަސްމީކޮށް ރަޖިސްޓްރީކޮށް އާއްމުކޮށް މީހުންނަށް ދޭން ފަށަން ތައްޔާރު ވަމުންނެވެ.

ޖިންޓްސްބާގް ވިދާޅުވަނީ އާއްމުންނަށް ވެކްސިން ދޭން ފަށައި އެމީހުންގެ ހަށީގަނޑުގައި ކޮރޯނާވައިރަހާ ދެކޮޅަށް ދިފާއީ ބާރު އުފެދުމުން މި ވެކްސިންގެ ބަރާބަރުކަން މުޅި ދުނިޔެ ވެސް ގަބޫލު ކުރާނެ އެވެ.

"ބައެއް މީހުންގެ ގަޔަށް ވެކްސިން ޖެހީމަ ސައިޑް އިފެކްޓެއްގެ ގޮތުގައި ހުން އައުން އެކަށީގެންވޭ. ނަމަވެސް ޕެރެސެޓަމޯލް ކަހަލަ އާދައިގެ ބޭހަކުން މި މައްސަލަ ހައްލު ކުރެވޭނެ،" ޖިންސްޓްބާގް ވިދާޅުވި އެވެ.

އެމެރިކާގެ އިންފެކްޝަސް ޑިޒީޒް ސްޕެޝަލިސްޓް ޑރ. އެންތަނީ ފައުސީ ވަނީ މިހާ ފާސްޓް-ޓްރެކް ކޮށް ވެކްސިން އުފެއްދި ގޮތާ މެދު ސުވާލު އުފައްދާފަ އެވެ.

"އަހަރެން އުންމީދުކުރަން ޗައިނާ އާއި ރަޝިޔާއިން މި އުފައްދާ ވެކްސިން އާއްމު ރައްޔިތުންނަށް ދިނުމުގެ ކުރިން ރަނގަޅަށް ޓެސްޓް ކުރާނެ ކަމަށް. ސަބަބަކީ އަހަންނަށް ހީވަނީ ޓެސްޓްތައް ރަނގަޅަށް ނުހަދައި ވެކްސިން އުފައްދާފައިވާ ކަމަށް ބުނުމަކީ ވަރަށް ބޮޑު މައްސަލައަކަށް ވެދާނެހެން،" ފައުސީ ވިދާޅުވި އެވެ.

ރަޝިޔާގެ ވެކްސިންގެ ހިއުމަން ސްޓަޑީޒް ފެށީ އޭޕްރީލް 17 ވަނަ ދުވަހު އެވެ. އެދުވަހު 76 ވޮލަންޓިއަރަކަށް މި ވެކްސިން އަޖުމަ ބެލުމުގެ ގޮތުން ދިނެވެ. މި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ދިނީ ދިޔާކޮށް ހުރި ވެކްސިން އެވެ. އަނެއްބައި މީހުންނަށް ދިނީ ކުނޑި ގޮތަށް އުފައްދާފައިވާ ވެކްސިން އެވެ.

ޑަބްލިޔުއެޗްއޯ އިން ބުނަނީ އަޖުމަ ބެލުމުގެ ގޮތުން ވެކްސިން ދޭ ހުރިހާ ކެންޑިޑޭޓުން ވެސް ޓެސްޓްކުރުމުގެ ހުރިހާ މަރުހަލާތަކެއް ކަޑައްތު ކުރަން ޖެހޭނެ ކަމަށެވެ. ވެކްސިން އާއްމުކޮށް ދޭން ފަށަން ޖެހޭނީ އޭގެ ފަހުންނެވެ.