ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮރޯނާވައިރަސް: ވެކްސިން ލިބުނަސް ހަނގުރާމައަށް ނިމުމެއް ނެތް

ކޮރޯނަވައިރަހަކީ އެހާ ފަސޭހައިން އެ ވަބާއަކުން ދުނިޔެއަށް ސަލާމަތް ވެވެން އޮތް ބައްޔެއް ނޫން ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެފި އެވެ. ބޭސް އުފެއްދުމުގެ ރޮނގުގައި އެންމެ ކުރީގައި އުޅުއްވާ މާހިރުންނާއި ސިއްހީ ގޮތުން ފުންނާބު އުސް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ވެކްސިނެއް ލިބުނަސް އެހާ ފަސޭހައިން މިހާރުގެ ޖީލަށް މި ބަލިމަޑުކަމުން އަރައެއް ނުގަނެވޭނެ އެވެ. އެތައް އަހަރެއް ވަންދެން މި ވައިރަސް ދުނިޔެއަށް ގޮން ޖަހަމުން ދާނެކަމަށް ސިއްހީ މާހިރުން ލަފާ ކުރައްވަ އެވެ.

މި ބައްޔަށް އެކަށީގެންވާ ވެކްސިނެއް ލިބިއްޖެނަމަ ކޮންމެވެސް ވަރަކަށް ދުނިޔޭގެ އެކި ގައުމުތަކުގައި ދިރިއުޅޭ މީހުންނަށް ބަލިން ދިފާއު ވެވޭނެ މަގެއް ފެނި، ހަމަޖެހިލުމުގެ ނޭވާއެއް ލެވޭނެ އެވެ. ނަމަވެސް މި ވައިރަސް ދޭތެރެ ދޭތެރެއިން ދުނިޔޭގެ ކަންކޮޅުތަކުގައި އިތުރުވެ މީހުންނަށް ތުރާ ކުރުން ނުހުއްޓޭނެ ކަމަށް ވެއެވެ. އަދި މިއީ އަބަދާ އަބަދު ހަނގުރާމަކުރަން ޖެހޭ ބައްޔަކަށް ވާނެ ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެ އެވެ. އަރިދަފުސް ރޯގާ އާއި އެހެން ޕެތޯޖަންސް ފަދައިންނެވެ.

"އަހަރެމެންނަށް ގަބޫލު ކުރެވޭ ގޮތުގައި އެހާ ފަސޭހައިން އެހާ އަވަހަށް މި ވައިރަސް ދުނިޔެއިން ނައްތައެއް ނުލެވޭނެ. އަބަދުވެސް ބަޔަކަށް ބަލި ޖެއްސޭނެ ގޮތެއް އޮތްތޯ ވައިރަސްތައް ދަނީ މަސައްކަތް ކުރަމުން. އަދި ކިރިޔާ ވެސް ފުރުސަތެއް ލިބިއްޖެނަމަ އެ ތަނެއްގައި ބަލި ފަތުރަން ފަށާނެ،" ޑަބްލިޔުއެޗްއޯގެ ޗީފް ސައިންޓިސްޓް ސޯމްޔާ ސްވަމިނަތަން ވިދާޅުވި އެވެ.

ޗީފް ސައިންޓިސްޓް މިހެން ވިދާޅުވެފައިވަނީ "ހައު ކޮވިޑް-19 އިޒް ރިޝޭޕިން ދަ ގްލޯބަލް ހެލްތުކެއަ އީކޯސިސްޓަމް" ގެ ނަމުގައި ބްލޫމްބާގް ޕްރޮގްނޯސިސް އިން އިންތިޒާމްކުރި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަހަރެމެންނަށް މިހާރު ޔަގީންކުރެވޭ ގޮތުގައި މި ބައްޔާއެކު އިންސާނުންނަށް ޖެހޭނީ ދިރިއުޅެން ދަސްކުރަން،" އޭނާ ވިދާޅުވި އެވެ.

ވައިރަސްތަކާ ދެކޮޅަށް މިހާތަނަށް އިންސާނިއްތު ކޮށްފައިވާ ހަނގުރާމައިގެ ރެކޯޑުތަކަށް ބަލާލުމުން ވެސް ޗީފް ސައިންޓީސްޓްގެ މި ވިދާޅުވުމަކީ ވަރަށް ބޮޑު ތެދެއް ކަން ޔަގީން ކުރެވެ އެވެ. މިހާތަނަށް ދުނިޔެއަށް ފައިދާވި ބޮޑެތި ބަލިތަކުގެ ވައިރަސްތަކުގެ ތެރެއިން ދުނިޔޭން މުޅިން ނައްތާލެވިފައި ވަނީ ހަމަ އެންމެ ވައިރަހެކެވެ. ސްމޯލްފޮކްސް ނުވަތަ ކަށިވިދުރީގެ ވައިރަސް އެވެ. ބާކީ ހުރި ހުރިހާ ވައިރަސް އެއް އަދިވެސް ޖެހެނީ މެނޭޖް ކުރާށެވެ. އެ ބައްޔެއް ތަނެއްގައި ގިނަ ވާން ފަށާއިރަށް އެތަނަކަށް ބޮޑު ސަމާލުކަމެއް ދީގެން ބޮޑު ވަބާއަކަށް ވިޔަ ނުދީ މައިތިރި ކޮށްގެންނެވެ.

ބޭސް އުފެއްދުމުގެ ރޮނގުން ވަރަށް ކުރީގައި އުޅޭ ކުންފުންޏެއް ކަމަށްވާ ނޯވާޓިސްގެ ޗީފް އެގްޒެކެޓިވް އޮފިސާ ވާސް ނަރަސިމްހަން ވިދާޅުވީ ކޮރޯނާވައިރަހާ ދެކޮޅަށް ތައްޔާރުކުރެވޭ އެކި ވައްތަރުގެ ބޭހާއި ވެކްސިން އާއެކު ބަލި ކޮންޓްރޯލް ކުރެވި މެނޭޖްކުރެވިދާނެ އެވެ. ނަމަވެސް ވައިރަސް ދުނިޔޭން ނައްތާލުމަކީ އެހަ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ.

ޑަބްލިޔުއެޗްއޯ އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ކޮރޯނާވައިރަހާ ދެކޮޅަށް އުފައްދާ 29 ވެކްސިނެއް މިހާރު ހިއުމަން ޓްރަޔަލްތަކުގެ އެކި މަރުހަލާތަކުގައި ވެއެވެ. އަދި ބުރާސްފަތި ދުވަހާ ހަމައަށް 20 މިލިއަން މީހުންނަށް މި ބަލި ޖެހި 751،000 މީހުންގެ ފުރާނަ މި ބަލީގައި ގެއްލިއްޖެ އެވެ.

އަސްލު ވެކްސިނެއް އުފެއްދުމަށް ނަގާ އެތައް އަހަރެއް ކުރުކޮށްލާފައި އަވަސް އަރުވާލައިގެން ގިނަ ވެކްސިންތަކެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ދަނީ މި ބަލީގެ ނުރައްކާ ބޮޑުކަމުންނެވެ. ނަމަވެސް ވެކްސިނެއް ތައްޔާރު ވިޔަސް އެންމެ ފުރަތަމަ އެ ވެކްސިން ދޭނީ ސިއްހީ އެހީތެރިންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަށެވެ. ދެން އާބާދީގައި ތިބި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންނަށެވެ. އާންމުންނަށް މި ވެކްސިން ލިބޭ ވަރު ވާނީ އަންނަ އަހަރުގެ ކޮންމެވެސް ހިސާބެއްގަ އެވެ.

ނަރަސިމްހަން ވިދާޅުވީ ވެކްސިންގެ އިންތިޒާރު ދިގުވާ ވަރަކަށް އޭގެ ނަތީޖާއަށް އޮންނަ އިތުބާރު ބޮޑުވާނެ އެވެ. އެހެންކަމުން އޭނާ ލަފާ ކުރައްވަނީ ރަނގަޅު ވެކްސިނެއް ވުޖޫދަށް އައިސް ދުނިޔޭގެ އާބާދީގެ އެންމެންނަށް ލިބޭ ވަރު ވާނީ އަންނަ އަހަރު ނިމޭހާތާނގައި ކަމަށެވެ.

ރަޝިޔާގެ ވެކްސިން ފިޔަވައި ދެން އެންމެ އަވަހަށް އިންސާނުންނަށް ދެވޭ ވަރަށް ތައްޔާރުވާނެ ވެކްސިން އަކީ އޮކްސްފޯޑު ޔުނިވަސިޓީގެ ވެކްސިނެވެ. ނަމަވެސް ހުރިހާ ވެކްސިނެއްގެ ވެސް ޓްރަޔަލް މަރުހަލާތައް ފުރިހަމަކުރަން ސައިންސްވެރިން ވަރަށް ބާރު އަޅަ އެވެ. ވެކްސިންގެ ސައިޑް އިފެކްޓްސްގެ ގޮތުގައި ކޮންމެ ފަދަ ކަމެއް ވެސް ބަޔަކަށް މެދުވެރިވެދާނެތީ އެވެ. އަދި ވެކްސިން އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކަށް ބަލި ޖެހިދާނެތީ އެވެ.