ދީން

ރޯދައާ ގުޅިގެން އުފެދޭ ބައެއް ސުވާލުތައް

ރޯދަ މަހަކީ ހުރިހާ ގޮތަކުންވެސް ތަފާތު މައްސަރެކެވެ. ހެޔޮ ކަންކަމުގައި ވީހާވެސް ގިނަ ވަގުތެއް ހޭދަކުރެވެތޯ އެންމެވެސް ގަަދައަޅައި މަސައްކަތް ކުރެއެވެ. އެހެން މައްސަރުތަކާއި ހިލާފަށް އަޅުކަމުގައި ހީވާގިކަން ބޮޑުވެގެންދާވެސް މައްސަރެއް މެއެވެ.

ރޯދައާއި ގުޅިގެން ވަރަށް ގިނަ ސުވާލުތައް ކުރެވެއެވެ. ރޯދައަށް ހުރެގެން މިވެނި ކަމެއް ނުވަތަ އެވެނި ކަމެއް ކޮށްފިނަމަ ރޯދަ ގެއްލޭނެތޯ ވަރަށް ގިނަ މީހުން ސުވާލު ކުރެއެވެ. އެ ސުވާލުތައް ކުރަނީ ކަން އޮންނަ ގޮތް ޔަގީންކޮށް، ދީނުގައިވާ ފުރިހަމަ ގޮތުގައި ހިފުމުގެ ބޭނުމުގައެވެ.

ބައެއް މީހުންނަށް އެއީ ވަރަށް އާދައިގެ ސުވާލުތަކެއް ކަމަށް ހީވެއެވެ. ނަމަވެސް ތިމާއަށް ނޭންގޭ ކަމެއް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހާއްސަކޮށް ދީނުގައި ކަން އޮންނަ ގޮތް ކޮންމެ މީހަކަށްވެސް އެނގުން މުހިންމެވެ.

އެހެން ކަމުން މިފަހަރު ބަލާލާނީ މިގޮތަށް ކުރެވޭ ބައެއް ސުވާލުތަކަށެވެ. އަދި އެ ސުވާލުތަކަށް އިލްމުވެރިން ދެއްވާފައިވާ ޖަވާބު ތަކަށެވެ.

އިހްތިލާމު ވުން

ރޯދައަށް ހުރެ ދުވާލުގެ ވަގުތު ނިދިފައި އޮއްވާ އިހްތިލާމު ވެއްޖެނަމަ (ނިދީގައި މަނި ބޭރުވެއްޖެނަމަ) ރޯދައެއް ގެއްލޭނެތޯ ވަރަށް ގިނަ މީހުން ސުވާލު ކުރެއެވެ.

ނަމަވެސް އެ ހާލަތުގައި ރޯދަ ނުގެއްލޭނެ ކަމަށް އިލްމުވެރިން ވިދާޅުވެއެވެ.

އެފަދަ މީހަކު ޖުނުބު ހިނަގަތުމުން ފުދޭނެއެވެ. ރޯދަ ގެއްލޭނީ އަމިއްލަ އިހްތިޔާރުގައި ގަސްދުގައި ރަމަޟާންމަހު ދުވަހާލުގެ ވަގުތު ޖިންސީ އެދުންވެރިކަން ފުއްދުމުންނެވެ. އެފަދަ ކަންކަމުން އެއްކިބާވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ލޮލާ ކަންފަތައް ބޭސް އެޅުން

ލޮލަށް ނުވަތަ ކަންފަތަށް ބޭސް އެޅުމަކީވެސް ރޯދަ ގެއްލޭނެ ކަމެއް ނޫން ކަމަށް ދަންނަ ބޭކަލުން ވިދާޅުވެއެވެ. އެއީ ލޮލަށް ނުވަތަ ކަންފަތައް ބޭސް އެޅުމަކީ ކެއިން ބުމުގެ މާނައިގައި ހިމެނޭ ކަމެއްކަމުގައި ނުބެލެވޭތީއެވެ. ބައެއް ފަހަރަށް އެގޮތަށް ބޭސް އެޅުމުން ބޭހުގެ ރަހަ އަރުތެރޭގައި ކުރެއެވެ. ދެން އުފެދޭ ސުވާލަކީ އެ ހާލަތުގައި ރޯދަ ގެއްލޭނެ ތޯއެވެ.

މި މައްސަލާގައި ވާހަކަ ދައްކަވާފައިވާ އިލްމުވެރިންގެ ނަޒަރުގައި އެއީ މައްސަލައެއް ނޫނެވެ. އެކަންވެސް ކެއިން ބުމުގެ މާނައިގައި ނުހިމެނޭތީ އެކަމުގެ ސަބަބުން ރޯދަ ނުގެއްލޭނެ އެވެ.

ނަމަވެސް ނޭފަތަށް ބޭސް އެޅުމުން އަރުތެރެއިން އެ ބޭސް ދިރިއްޖެނަމަ ރޯދަ ގެއްލޭނެއެވެ.

ދަތް ވެއްޓުން

ރޯދަ ވެރިޔާގެ ދަތެއް ވެއްޓުމަކުން، ނުވަތަ ދަތް އުފުރުމަކުންވެސް ރޯދައެއް ނުގެއްލޭނެއެވެ. ނަމަވެސް ދަތް އުފުރުމުގައި އަރުތެރެއިން އެއްވެސް އެއްޗެއް ދިރުނަ ނުދީ ރައްކާތެރިވާންޖެހޭނެއެވެ.

އަދި ރޯދަ ހުންނަ ހާލަތެއްގައި ކުއްލި ކަމެއް މެދުވެރިވެގެން ނޫނީ އެފަދަ ކަމެއް ނުކުރުންވެސް ބުއްދިވެރިއެވެ. އެހެނީ އެކަމުގެ ސަބަބުން ލިބޭ ވޭނުމުގައިވެސް ރޯދައަށް ހުރުމަށް ދަތިވެދާނެއެވެ. ނުވަތަ ނަގަންޖެހޭ ފަރުވާއަކުން ރޯދަ ދޫކޮށްލަންވެސް ޖެހިދާނެ އެވެ.

ހޮޑުލެވުން

މިއީވެސް ވަރަށް ގިނަ ބަޔަކު ކުރާ ސުވާލެކެވެ. ބައެއް މީހުންނަށް ވަހެއް ޖެހުމުންވެސް ހޮޑުލެވޭ ގޮތްވެއެވެ. އަދި އެތެރެ ހަށިން ވައެއް ބޭރުވުމުގެ ތެރޭގައިވެސް ހޮޑުލެވޭ މީހުން އުޅެއެވެ.

ގަސްތަކާ ނުލާ ރޯދަވެރިޔާއަށް ހޮޑުލެވުމަކުން ރޯދައެއް ނުގެއްލޭނެއެވެ. ރޯދަ ގެއްލޭނީ ގަސްދުގައި ގަދަކަމުން ހޮޑު ލައިފިނަމައެވެ.

ފެންވަރާއިރު ފެންފޮދެއް ބޮވުން

ފެންވެރުމުގެ ތެރޭގައި ނޭނގުމެއްގައި ފެންފޮދެއް ދިރުމަކުން ރޯދައެއް ނުގެއްލޭނެ ކަމަށް އިލްމުވެރިން ވިދާޅުވެފައިވެއެވެ. ނަމަވެސް ތިމާގެ ރޯދައަށް ރައްކާތެރިވެ އެފަދައިން ފެންފޮދެއް ނުދިރުވުމަށް ސަމާލުވާން ޖެހޭނެއެވެ.

މީގެ އިތުރުން މޫދުގައި އުޅޭއިރުވެސް ބައެއް ފަހަރު ނޭގުމުގެ ތެރޭގައި ނުވަތަ އިހުތިޔާރުން ބޭރުން ލޮނުކޮޅެއް ބޮވޭގޮތް ވެދާނެއެވެ. އެ ހާލަތުގައިވެސް ރޯދައެއް ނުގެއްލޭނެއެވެ. ނަމަވެސް ރައްކާތެރިކަމަށްޓަކައި ރޯދަ ހުރެ މޫދަ އެރުން ފަދަ ކަމެއް ނުކުރުން ރަނގަޅު ކަަމަށް އިލްމުވެރިން ވިދާޅުވެއެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަސަން މޫސާ ފިކުރީ