ބޮލީވުޑް

ބޮޑެތި ފިލްމުތައް ޑިޖިޓަލް ޕްލެޓްފޯމަށް އަތުވެދާނެބާ؟

ބޮލީވުޑް ފިލްމުތައް ސިނަމާގައި ރިލީޒް ނުކުރިޔަސް މިހާރު އޯޓީޓީ (އޯވަ ދަ ޓޮޕް) ޕްލެޓްފޯމްގައި ނުވަތަ ޑިޖިޓަލްކޮށް ފިލްމު ރިލީޒް ކުރުމުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ. އަދި ރަނގަޅު، ބޮޑު ބަޖެޓް ފިލްމުތަކަށް ވަރަށް ބޮޑެތި އަގުތައް ވެސް ދަނީ ހުށަހެޅެމުންނެވެ.

މިހާރު މިއޮތް ހާލަތުގައި މިހާރު ނިމިފައި އަދި ނިމުމުގެ މަގުމަތީގައި ހުރި ފިލްމުތައް ޑިޖިޓަލް ޕްލެޓްފޯމްގައި ރިލީޒްކުރުމާ ބެހޭ ގޮތުން ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ވަރަށް ފަހުން ލިޔުމެއް ޝާއިއު ކޮށްފައި ވެއެވެ. ސަބަބަކީ ސިނަމާތައް ހުޅުވޭނެ ދުވަހެއް ނޭނގި ފިލްމު އުފެއްދި ފަރާތްތަކަށް ލިބެމުންދާ ގެއްލުން ކުޑަ ކުރެވޭނީ މިގޮތަށް ކަމަށް ތަރަން ބުނެފައި ވެއެވެ.

ތަރަން ފާޅުކުރީ އޭނާގެ އަމިއްލަ ޚިޔާލެއް ނަމަވެސް ބޮލީވުޑް ފިލްމުތައް އުފައްދާ ފަރާތްތަކުން މި ޚިޔާލާ މެދު ސީރިއަސްކޮށް ވިސްނަމުންދާ ކަމަށް ބެލެވެ އެވެ. މިހާރު ރިލީޒް ކުރަން ތައްޔާރުވެފައި ހުރި ބައެއް ފިލްމުތައް ޑިޖިޓަލްކޮށް ރިލީޒް ކުރަން އުޅޭ ކަމުގެ ތަފާތު ޚަބަރުތަކެއް މިހާރު އިންޑިޔާގެ ނޫސްތަކުން ފެންނަމުންދަނީ މި ސަބަބާ ހުރެ ކަމަށް ބެލެވެ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި އަކްޝޭ ކުމާރުގެ "ލަކްޝްމީ ބޮމް" އަކީ މިގޮތަށް އޯޓީޓީ ޕްލެޓްފޯމްގައި ރިލީޒްކުރާ ފުރަތަމަ ބޮޑު ފިލްމަށް ވެދާނެ އެވެ. ރަގަވާ ލޯރެންސް ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ. މި ފިލްމު ޑިޖިޓަލްކޮށް ރިލީޒް ކުރުމާ ބެހޭ އަޑުތައް ގަދަވެފައި ވިޔަސް ފިލްމާ ކުޅޭ އެއްވެސް މީހަކު މި ވާހަކަޔަށް އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެ އެވެ.

ޓްރޭޑް އެނަލިސްޓުން ބުނާ ގޮތުގައި މި ފިލްމަށް ޚަރަދުކުރި ބަޖެޓަށް ވުރެ ދެ ގުނަ އިތުރު އަދަދަކަށް ފިލްމު މިހާރު ވަނީ ވިއްކާލާފަ އެވެ. ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ފޮކްސް ސްޓާ ސްޓޫޑިއޯޒް އާއި ޝަބީނާ ޚާން އަދި ތުޝާރު ކަޕޫރު މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެކޭ އަދި ނުބުނެ އެވެ.

އިންޑިއާ ލޮކްޑައުންއަށް ދިޔައިރު ރިލީޒް ކުރުމަށް ތައްޔާރު ވެފައިވާ އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އާއި ރަންވީރު ސިންގްގެ "83" ވެސް ޑިޖިޓަލް ޕްލެޓްފޯމްގައި ރިލީޒް ކުރުމަށް ވިސްނަމުންދާ ކަމުގެ ޚަބަރުތަކެއް ވެސް ދަނީ ފެތުރެމުންނެވެ. ނަމަވެސް މި ފިލްމުގެ ޕްރޮޑީއުސަރުން ވަނީ މި ވާހަކަ ދޮގުކޮށްފަ އެވެ.

ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީގެ "ޝޭރްޝާހް" ވެސް ޑިޖިޓަލްކޮށް ރިލީޒް ކުރަން އުޅޭކަމުގެ ޚަބަރުތައް ކަރަން ވެސް ވަނީ ދޮގު ކޮށްފަ އެވެ.

ޑިޖިޓަލް ފިލްމުގެ ވިޔަފާރީގައި އުޅޭ މީހަކު ބުނީ ސިނަމާތަކުގައި ފިލްމު އަޅުވައިގެން ލިބޭ ވަރުގެ ބޮޑެތި އަދަދުތައް ހަމައެކަނި ޑީޖިޓަލް ޕްލެޓްފޯމްގައި ރިލީޒް ކޮށްގެން ނުލިބޭނެ ކަމަށެވެ. އެއީ ފިލްމުތަކުގެ ވިޔަފާރި ކުރެވޭނެ ގޮތެއް ކަމަކަށް އޭނާ ނުދެކެ އެވެ.

ތިން ފިލްމު ނުވަތަ ގިނަވެގެން ފަސް ވަރަކަށް ފިލްމު ގަންނައިރު ޑިޖިޓަލް ޕްލެޓްފޯމްގައި ދައްކަން ފިލްމު ގަންނަ ފަރާތްތައް އަތުން ފައިސާ ހުސްވާނެ ކަމަށާއި އަގުބޮޑު ގިނަ ފިލްމުތަކެއް ގަނެވޭ ފެންވަރު އެމީހުންގެ ކިބައިގައި ނުހުންނާނެ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

ނަމަވެސް ކުޑަ ބަޖެޓުން ނުވަތަ އާދައިގެ ވަރެއްގެ ބަޖެޓަކުން އުފައްދާ ފިލްމުތައް ކައިރި މުސްތަގްބަލެއްގައި ސީދާ ޑީޖިޓަލް ޕްލެޓްފޯމްގައި ރިލިޒްކުރާތަން ފެނުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ.