ބޮލީވުޑް

ޖޫހީއަށް "ޝަރްމާޖީ ނަމްކީން" ނިންމާ ނުލެވިފައި

"ޔެސް ބޮސް" ފަދަ ރީތި ފިލްމުތައް ކުޅެފައިވާ ޖޫހީ ޗައުލާ މިހާރު ކުޅެނީ ވަރަށް މަދު ފިލްމެކެވެ. އޭނާ ފިލްމެއް ކުޅެން ޚިޔާރު ކުރިޔަސް ކުރަނީ ހުރިހާ ކަމަކަށް ވަރަށް ވިސްނާ ފިކުރު ކޮށްފަ އެވެ. ފިލްމު ނުކުޅުނަސް ޖޫހީ އުޅޭލެއް ބިޒީ ކަމުން ވަރަށް ރަނގަޅު ޕްރޮޖެކްޓްތަކެއް އޭނާއަށް ގެއްލިފައި ވެސް ވެއެވެ.

ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން އިންޑިޔާ ލޮކްޑައުން ކޮށްފައިވާތީ ފިރިމީހާ އާއި ދެ ދަރިންނާއެކު ގޭގައި މިހާރު ވަގުތު ހޭދަ ކުރަމުން ދާ ޖޫހީ ވެސް މިހާރު އިންތިޒާރު ކުރަނީ ލޮކްޑައުން ނަގައި އާއްމު ހާލަތަކަށް ދިރިއުޅުން ބަދަލުވާނެ ދުވަހަކަށެވެ.

ޖޫހީ މިހާރު ފިލްމެއްގެ މަސައްކަތް ކުރަމުން ދެއެވެ. "ޝަރުމާޖީ ނަމްކީން" ކިޔާ މި ފިލްމު އަދި ރަސްމީކޮށް އިއުލާން ނުކުރިޔަސް ފިލްމު ފެށުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

މި ފިލްމުގެ ވާހަކަ ހާމަކުރާކަށް ޖޫހީ ބޭނުމެއް ނޫނެވެ. ނަމަވެސް ފިލްމު ޑައިރެކްޓް ކުރާނީ ވަރަށް މަޝްހޫރު އަންހެން ޑައިރެކްޓަރެއް ކަމަށް ޖޫހީ ބުންޏެވެ. މި ފިލްމުގައި ޖޫހީ އާއެކު ބައިވެރިވެފައި ވަނީ ރިޝީ ކަޕޫރެވެ. ނަމަވެސް އޭނާ މަރުވިއިރު ފިލްމުގައި އޭނާ ކުޅެން ޖެހިފައި އޮތް ބައި މުޅިން ނިމިފައިވާ ކަމެއް ޔަގީނެއް ނޫނެވެ.

ޖޫހީ ބުނީ ފިލްމުގެ ޝޫޓިންގްގެ ނުނިމި އޮތީ ވަރަށް ކުޑަ ބައެއް ކަމަށެވެ. މި ފިލްމުގެ އިތުރުން ޖޫހީގެ ވެބް ސީރީޒް އެއްވެސް ވަރަށް އަވަހަށް ފަށަން ވަނީ ހަމަޖެހިފަ އެވެ.