ބޮލީވުޑް

ރިޝީ ހަނދާނާ ދުރުވާން ޖޫހީއަށް ދަތިވެފައި

ޖޫހީ ޗައުލާ އާއި ރިޝީ ކަޕޫރު އެކުގައި ރީތި ގިނަ ފިލްމުތަކެއް ކުޅެފައި ވެއެވެ. އެހެންކަމުން ރިޝީ މި ދުނިޔެއާ ވަކިވިތާ ގިނަ ދުވަސް ތަކެއް ފާއިތުވީ އިރުވެސް ރިޝީގެ ހަނދާންތަކާ ޖޫހީ އަކަށް ވަތްކެއް ނުވެވެ އެވެ. ކޯސްޓާރުންގެ އިތުރުން ދެ މީހުންގެ މެދުގައި ޒަމާންވީ ގާތް އެކުވެރިކަމެއް އޮތީމަ އެވެ.

ރިޝީގެ އެންމެ ހިތްގައިމު ހަނދާނެއްގެ ގޮތުގައި ޖޫހީ ފާހަގަކުރީ ސްކްރިޕްޓް ކިޔައިދޭ ސެޝަންތަކަށް ހާޒިރުވާން ދެކޮޅު ހެދުމެވެ. ނަމަވެސް އެ ސެޝަނަށް އައުމަށްފަހު އޭނާ އެ ސްކްރިޕްޓާ ގަޔާވީވީނުން އެހެން އެންމެން ގެޔަށް ދާއިރުވެސް އޭނާ ނުގޮސް އިންނަ ކަމަށް ޖޫހީ ބުންޏެވެ.

"ފިލްމުގެ ހުރިހާ ބައިވެރިންނަށް ސްކްރިޕްޓް ކިޔައި ދިނުން އިންތިޒާމު ކުރާއިރަށް ރިޝީ ބުނާނެ ތިމަންމަ ނުދާނަމޭ. ދެން ވަރަށް އާދޭސްކޮށް އެންމެ ފަހު ވަގުތު އެންމެން އައިސް އެބަ ތިއްބޭ އަންނާށޭ ބުނީމަ އަންނާނީ. އަންނަ ގޮތަށް އައިސް އިށީންނާނީ މޭޒު ކޮޅުގަ. އިށީނދެފަ ބުނާނެ އެންމެ ބައިގަޑިއިރޭ ދެވޭނީ. އިތުރު މަސައްކަތްތައް އެބަހުއްޓޭ ކުރަން. އަހަރެން ނޫޅެމޭ ސްކްރިޕްޓްގައި ލިޔެފައިވާ އަހަރެންގެ ޑައިލޯގްތައް ކިޔާކަށް ވެސް. އެހެން މީހެކޭ އެ ޑައިލޯގްތައް ކިޔަން ޖެހޭނީ،" ރިޝީގެ ހަނދާން އާ ކުރަމުން ޖޫހީ ކިޔައި ދިނެވެ.

ޖޫހީ ބުނި ގޮތުގައި ރިޝީ ކޮންމެ ތަނަކަށް ދިޔަސް އެންމެ ފުރަތަމަ ދާ ގޮތަށް ގޮސް އެންމެންނަށް އެއްޗެހި ގޮވާނެ އެވެ. އެއަށް ފަހު މައިތިރިވެ ދެން އެންމެންނާ ވެސް މުއާމަލާތް ކުރާނީ ވަރަށް ރަނގަޅަށް ކަމަށެވެ.

އިއްތިފާގުން ރިޝީ އެންމެ ފަހުން ކުޅުނު ފިލްމު "ޝަރްމާޖީ ނަމްކީން" ގައި ވެސް ބަތަލާގެ ބައި ކުޅެފައިވަނީ ޖޫހީ އެވެ.

މި ފިލްމު މިމަހުގެ 31 ވަނަ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. ރިޝީ މަރުވިއިރު މި ފިލްމުގެ ދެބައިކުޅަ އެއްބައި އޮތީ ނުނިމި އެވެ. މި ބައި ރިޝީގެ ދަރިފުޅު ރަންބީރު ލައްވާ ފުރިހަމަކުރަން ވެސް ޕްރޮޑިއުސަރުން ޚިޔާލު ކުރި އެވެ. ނަމަވެސް ފަހުން ޕްރޮސްތެޓިކް ބޭނުންކޮށްގެން މި ރޯލު ކުޅުވީ ޕަރޭޝް ރާވަލް ލައްވަ އެވެ.