ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ވިޔަފާރި ބަނދަރަށް ލުއިކުރަން ބޯޓު ފަހަރު ޝެޑިއުލް ކުރަން އެދިއްޖެ

May 1, 2020
2

ކޮވިޑް-19 އާ ގުޅިގެން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އޮޕަރޭޝަނަށް ބަދަލު ގެނެސްފައި ވާތީ، ވިޔަފާރި ބަނދަރަށް ލުއި ތަކެއް ހޯދުމުގެ ގޮތުން، ބޯޓު ފަހަރު ޝެޑިއުލް ކުރަން އެޖެންޓުންގެ ފަރާތުން އެދިއްޖެ އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެންނަ މުދަލުގެ ބޮޑު ބައެއް ކަނޑު މަގުން ގެންނަމުން ދާތީ، ވިޔަފާރި ބަނދަރަށް ބާރު ބޮޑު ވެފައިވާ ކަމަށެވެ. އަދި ވިޔަފާރި ބަނދަރުގެ މަސައްކަތް ހުއްޓުނަ ނުދޭން އަޅާފައިވާ ފިޔަވަޅާއެކު، މުވައްޒަފުން މަސައްކަތް ކުރާ ގޮތަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ 148 މުވައްޒަފުން ލޮކްޑައުން ވެގެން މި ދަނީ މަސައްކަތް ކުރަމުން. މީގެ ތެރޭގައި ސްކިލްޑް މުވައްޒަފުން ހިމެނޭ. ކްރޭން އާއި ހެވީ ވެހިކަލް ދުއްވާ މީހުން ވެސް ހިމެނޭ. އެހެންވެ، މިއާއެކު ބަނދަރުގެ މަސައްކަތް ބަރާބަރަށް ކުރި އަށް ދޭ. މުދާ ކްލިއަ ކުރުމުގައި މި ވަގުތު ދައްޗެއް ނެތް. އެކަމަކު ގިނަ އަދަދެއްގެ މުދާ އެބަ ގެނޭ. އަދި މި ވަގުތު ދީފައިވާ ޑެމަރޭޖުގެ ލުއި ތަކާއެކު ގިނަ އަދަދެއްގެ މުދާ ބަނދަރުގައި ނުގެން ގޮސް އެބަހުރި. އަޅުގަނޑުމެން އެދެން ވިޔަފާރިވެރިންގެ ފަރާތުން، ބަނދަރުގައި ހުރި މުދާ ގެންދަން،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދާ އޮޕަރޭޝަންގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް އެކި ގޮތްގޮތަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްޕީއެލް އިން ބުނެފައިވާ ގޮތުގައި މިހާރު ވެސް މާލެ ވިޔަފާރި ބަނދަރުގައި ކޮންޓެއިނާ ބޯޓަކާއި ދެ ޕެރިޝަބަލް ބޯޓު އެބައޮތް ކަމަށެވެ. ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 50 އަށް ވުރެ ގިނަ ކޮންޓެރިނާ ކްލިއަ ކޮށްދެވިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.