ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"މަނަދޫ މީހާ ޕޮޒިޓިވްވިކަން އެނގުނީ ދޫކޮށްލި ފަހުން"

މަނަދޫއިން ޕޮޒިޓިވްވި މީހާގެ ގައިގައި އެބަލި ހުރިކަން އެނގުނީ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލި ފަހުން ކަމަށާ އެެހެން ކަމުން އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އަށް މިއަދު ދެ ރަށަކުން މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ތަކަންދޫއިން ތިން މީހަކާއި މަނަދޫ މީހެކެވެ.

މަނަދޫއިން ޕޮޒިޓިވްވެފައިވަނީ އުމުރުން 80 އަހަރުގެ އަންހެނެކެވެ. އެ ކޭސްގެ މައުލޫމާތު ހާމަކުރައްވާ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެ އަންހެން މީހާއަކީ ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން އައިޖީއެމް ހޮސްޕިޓަލަށް އައި މީހެއް ކަމަށެވެ. އޭރުވެސް އޭނާގެ ގައިގައި ފްލޫގެ އެއްވެސް އަލާމާތެއް ނެތް ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ހޮސްޕިޓަލުން އޭނާގެ ސާމްޕަލް ނަގާ ކޮވިޑަށް ޓެސްޓް ކުރުމަށް ނިންމީއެވެ. އަދި ޓެސްޓް ނަތީޖާ ލިބުނީ ފަރުވާއަށްފަހު އޭނާ ގެސްޓް ހައުސްއަށް ދިޔަ ފަހުން ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ. އަފްޒަލް ވިދާޅުވީ އެ ކޭސްއާ ގުޅިގެން އޭނާގެ ކޮންޓެކްޓް ރޭސިންގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އަދި މާލެއާއި މަނަދޫގައި އޭނާއާ ކޮންޓެކްޓްވި އެންމެން ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.

މަނަދޫ މިއަދު ވަނީ މޮނިޓަރިންގެ ހާލަތަށްވެސް ގެނެސްފައެވެ.

ކޮވިޑަށް ސާމްޕަލް ނަގާ މީހުން، ނަތީޖާ ލިބުމުގެ ކުރިން ދޫކޮށްލަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެ އަންހެން މީހާގެ ކޭސް ތަފާތު ކަމަށެވެ. އޭނާއަކީ އެފަދަ އަލާމާތެއް ހުރެގެން ޑޮކްޓަރަށް ދައްކަން އައި މީހެއް ނޫން ކަމަށާ ފަރުވާއަށްފަހު ސާމްޕަލް ނަގާ، ނަތީޖާ ލިބުމުގެ ކުރިން ދޫކޮށްލީ އެހެން ވެގެން ކަމަށެވެ.

ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 13 މީހުންނެވެ. އޭގެ ތެރޭގައި ތަކަންދޫ ތިން މީހަކު ހިމެނޭތީ އެ ރަށްވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެ ރަށުން ޕޮޒިޓިވްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކާވިޔާ ބޯޓްގައި ދަތުރުކުރި ބައެކެވެ. އެ ބޯޓުން ދަތުރުކުރި އުލިގަމު މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެތެރެއިން ކޮވިޑް ބަލި ފެންނަން ފަށާފައިވާއިރު އިއްޔެ އަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވީ ދުވަހެކެވެ. އިއްޔެ އެކަނިވެސް 191 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.