ކޮވިޑް ކަރަންޓީނު މުއްދަތު ކުރުކުރުމަކީ މިވަގުތު ރައްކާތެރި ކަމެއް ނޫން ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ކޮވިޑް-19 ގެ ބަލި މީހުން އަދި އެ މީހުންނާ ކޮންޓެކްޓްވާ މީހުން 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރެއެވެ. މާލެ އިން ރަށްރަށަށް ދާ މީހުންނާއި ބޭރުން ރާއްޖެ އަންނަ މީހުން ވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހެއެވެ. ނަމަވެސް އެކި ގައުމުތަކުގައި ކަރަންޓީން މުއްދަތު ތަފާތެވެ. ބައެއް ގައުމުތަކުގައި 28 ދުވަސް ވެސް ކަރަންޓީން މުއްދަތުގެ ގޮތުގައި ހަަަމަޖެއްސި އެވެ. ބައެއް ގައުމުތަކުން މިހާރު ވަނީ އެ މުއްދަތު 10 ދުވަހަށް ކުރު ކޮށްފަ އެވެ.
ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކަރަންޓީން މުއްދަތު ރާއްޖޭގައި މިވަގުތު ކުރުކުރުމަކީ ރާއްޖެއަށް ރައްކާތެރި ގޮތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ކަރަންޓީން މުއްދަތު ކުރުކުރުމާއި ގުޅޭގޮތުން މަޝްވަރާއެއް މިހާތަނަށް ކޮށްފައިވެސް ނުވާ ކަމަަށެވެ. އެފަދަަ ނިންމުމެއް ނިންމާނީ ޓެގް ޓީމުގެ މަޝްވަރާއަށްފަހުގައި ކަމަށް ވެސް ވިދާޅުވި އެވެ.
އަފްޒަލް ވިދާޅުވީ ފަހުގެ މަރުހަލާއެއްގައި އެ މަޝްވަރާތައް ވެސް ކުރާނެ ކަމަށާއި މިއީ އަދި ކަރަންޓީން މުއްދަތު ކުރުކުރުމުގެ މަޝްވަރާ ފަށަން ރަނގަޅު ވަގުތެއް ނޫން ކަމަށެވެ.
ކޮވިޑް ބަލި މީހުނާއި ކޮންޓެކްޓްވާ ބައެއް މީހުންވެސް ކަރަންޓީންވާން ދާން ދެކޮޅު ހަދަ އެވެ. އަދި ހޯމް ކަރަންޓީންގައި ބެހެއްޓޭނެ ފަދަ މާހައުލެއް ނެތް މީހުން ވެސް އެޗްޕީއޭއިން ކަނޑައަޅާ ތަންތަނަށް ކަރަންޓީންވާން ދާން ދެކޮޅު ހަދަ އެވެ.
ކޮވިޑްގައި ރާއްޖެއިން 228 ދުވަސް ހޭދަކޮށްފައިވާއިރު މިހާތަނަށް 11,271 މީހަކަށް ކޮވިޑް ބަލި ޖެހިފައިވެއެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 10,234 މީހުން ވަނީ ބަލިން ރަަނގަޅުވެފައެވެ. އެއީ ބަލި ޖެހުނު މީހުންގެ 90 އިންސައްތައެވެ. މިވަގުތު ބަލިން ރަނގަޅުނުވެ ތިބީ 993 މީހުންނެވެ. ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދަނީ 38 މީހުންނެވެ. ކޮވިޑްގައި ރާއްޖެއިން 37 މީހަކު ވަނީ މަރުވެފަ އެވެ.