ލައިފްސްޓައިލް

ބުޅަލެއް ދަރި ގޮވައިގެން ހޮސްޕިޓަލަށް!

މައިވަންތަ ކަމަކީ ﷲ ހެއްދެވި ހުރިހާ މަޚްލޫގުންނެއްގެ ކިބައިގައި ވެސް ލައްވާފައިވާ ވަރަށް ވަރު ގަދަ ލޯތްބެކެވެ. ދަރިއަކަށްޓަކައި މަންމައަކު ކޮންމެ ފަދަ ގުރުބާނީއެއް ވާންވެސް ތިބެނީ ތައްޔާރަށެވެ. މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާ މި ވާހަކައަކީ ބުޅަލެއް އެސޮރުގެ ކުޑަ ދަރި ބަލިވެގެން އެސޮރު ތުނބުލައިގެން ހޮސްޕިޓަލަކަށް ދިޔަ ވާހަކަ އެވެ.

އޭޕްރިލް 27 ވަނަ ދުވަހު މީހަކު ކުރި ޓުވީޓެއްގައި މި ބުޅަލުގެ ފޮޓޯތަކަކާއި މި ވާހަކަ ހިއްސާ ކޮށްފައި ވެއެވެ.
ތުރުކީގެ އިސްތަންބޫލުގައި ހިނގި މި ހާދިސާގައި ދަރި ބުޅާ ބަލިކަން އެނގުމުން މަންމަ ބުޅާ އެސޮރު ތުނބުލައިގެން ކައިރީގައި ހުރި ހޮސްޕިޓަލަށް ގޮސް ވަދެ އެވެ. އަދި އެ ހޮސްޕިޓަލުގައި ތިބި ސިއްހީ އެހީތެރިކަން އެ ބުޅަލަށް ފަރުވާ ދީ މައިބުޅަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ވެސް މި ޚަބަރުގައި ވެއެވެ.

"މިއަދު އަހަރެމެން ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގައި ބަލި މީހުންނަށް ފަރުވާ ދެމުން ދަނިކޮށް ކުއްލިއަކަށް ބުޅަލެއް އެ ސޮރުގެ ދަރި ތުނބުލައިގެން އައިސް އެ ތަނަށް ވަން،" އެވަގުތު އިމަޖެންސީ ރޫމްގައި ހުރި ސިއްހީ ޚިދުމަތްތެރިއަކު ތުރުކީ ބަހުން ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ. އޭނާ ވަނީ މި ޓުވީޓާއެކު ހޮސްޕިޓަލުގައި ބުޅަލަށް ޚިދުމަތް ދެމުން ދިޔަ މަންޒަރުގެ ފޮޓޯތަކެއް ވެސް ޓުވީޓްކޮށްފަ އެވެ.

އޭނާ ބުނި ގޮތުގައި ބުޅަލަށް އެސޮރުގެ ދަރި ބަލިވެއްޖެކަން އެނގުމުން ގޮވައިގެން ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށް އައީ އެވެ. އެ ވަގުތު އެތަނުގައި ޖަނަވާރުންގެ ޑޮކްޓަރަކު ވެސް ހުރުމާއެކު ވަރަށް ފަސޭހައިން އެ ބުޅަލަށް ފަރުވާ ދެވޭގޮތް ވީ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

މިކަން ވެފައިވަނީ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަރަށް އުފާކުރި ކަމަކަށެވެ. ޚާއްސަކޮށް ބުޅާ ދެކެ ލޯބިވާ ގިނަ ބަޔަކު ވަނީ ހޮސްޕިޓަލުން ކުޑަ ބުޅަލަށް ފަރުވާ ދިން ކަމަށްޓަކައި ވަރަށް އުފާކުރާ ކަމަށް ބުނެފަ އެވެ.

ކޮމެންޓްކުރި މީހަކު ބުނެފައިވާ ގޮތުގައި މި ބުޅަލަކީ ވަރަށް ވިސްނުންތޫނު މަންމައެކެވެ. އެހެން ނޫންނަމަ ހޮސްޕިޓަލަށް ދަރި ބުޅާ ގޮވައިގެން ދާކަށް ނޭނގުނީހެވެ. އެހެން މީހެއްގެ ކޮމެންޓްގައި ބުޅާ ބޭނުންވީ އޭނާގެ ދަރީގެ "ކެޓް-ސްކޭން" އެއް ކަމަށް ވެދާނެ ކަމަށެވެ.