ކޮވިޑް-19 އިގެ ދެކޮޅަށް ކުރާ މަސައްކަތަށް އެހީ ވެދޭން ބައެއް ސާމާނު، ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން ދިވެހި ސަރުކާރަށް ހަދިޔާ ކުރަން ނިންމައިފި އެވެ.
ރާއްޖޭގައި ހިންގާ މަތީ ފެންވަރުގެ މި ރިސޯޓުގެ އޯނަރުން ކަމަށްވާ ޗެކް ރިޕަޕްލިކަށް ނިސްބަތްވާ ޖިރީ ސްމެކް އާއި ޑެނިއަލް ކްރެޓިންސްކީގެ ފަރާތުން ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާ ތަކެތި މިއަދު ގެންނާނެ ކަމަށް އެ ރިސޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ވެލާގެ ހިއްސާދާރުން ހަދިޔާކުރާ ތަކެތި
- 10،000 ޓެސްޓް ކިޓު
- 5 ވެންޓިލޭޓަރު
- 100،000 ފޭސް މާސްކް
- 200 ރެސްޕިރޭޓާ
- 500 ޕީޕީއީ ކިޓް
މި ތަކެތި ގެންނަނީ އެ ރިސޯޓުގެ ހިއްސާދާރުން ކަމުގައިވާ ޖިރީ ސްމެކް އާއި ޑެނިއަލް ކްރެޓިންސްކީ ވަޑައިގަންނަވާ ޕްރައިވެޓް ދެ ޖެޓުގަ އެވެ.
ވެލާ ރިސޯޓުގެ ހިއްސާދާރުން ހަދިޔާ ކުރައްވާ ތަކެތި ހިފައިގެން އަންނަ ޖެޓުތަކުގައި އެ ބޭފުޅުންގެ އިތުރުން އެހީތެރިން ވެސް އާދެ އެވެ. އެކަމަށް ބޭނުންވާ ހުއްދަތައް މިހާރު ނަގާފަ އެވެ.
ކޮވިޑް-19 ރާއްޖޭގައިވެސް ފެތުރި ޖުމްލަ އަދަދު 400 އަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ. މި ވައިރަހަށް ރެންޑަމް ޓެސްޓިންވެސް ކުރަމުން އަންނައިރު، ގިނަ މީހުން ޓެސްޓު ކުރުމަށް ވީހާ ވެސް ގިނަ ޓެސްޓު ކިޓު ރާއްޖެއަށް ބޭނުންވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ.