ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެމްޓީސީސީގެ ސްޓާފުން ގެއަށް ނުގޮސް މަސައްކަތް ކުރެވޭނެ ގޮތް ހަދައިފި

May 2, 2020
1

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޓަކައި އެމްޓީސީސީގައި މަސައްކަތް ކުރާ ފްރަންޓް ލައިން މުވައްޒަފުން ގެއަށް ނުގޮސް މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެމްޓީސީސީން ބުނީ މާލެ ސަރަހައްދުގައި އެމްޓީސީސީން ފޯރުކޮށްދޭ އާންމު ފެރީއާއި، ސްޕީޑް ފެރީއާއި، މެޓްރޯ ބަސް އަދި ޕްރައިވެޓް ހަޔާ ހިދުމަތުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ އެ ކުންފުނީގެ މުވައްޒަފުން ގެއަށް ނުގޮސް މަސައްކަތް ކުރެވޭ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.

އެ ގޮތުން ހުޅުމާލޭގައި ހުންނަ މާލެ ފެރީ ޓާމިނަލް އާއި މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލް އަދި ވިލިމާލޭގައި ހުންނަ ފެރީ ޓާމިނަލްގައި އައިސޮލޭޝަން ފެސިލިޓީ ގާއިމުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އޭގެ މަގްސަދަކީ ކުންފުނީގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާއަށް މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކޮށް ދިނުން ކަމަށް އެމްޓީސީސީން ބުންޏެވެ.

ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކުރިއިރު ވިލިމާލޭގައި ދިރިއުޅޭ ސިއްހީ ހިދުމަތްތެރިން މާލެއަށް ވަޒީފާ އަދާ ކުރަން ގެނެސް ދިނުމަށް ޓަކައި އެމްޓީސީސީން ދަނީ ކޮންމެ ދުވަހަކު ފެރީ ދަތުރުގެ ހިދުމަތް ދެމުންނެވެ. ވިލިމާލެއާއި ތިލަފުށި އަދި ގުޅިފަޅުގައި އުޅޭ މީހުނަށް މުދާ ފެރީގެ ހިދުމަތް ވެސް އެ ކުންފުނިން ދަނީ ދެމުންނެވެ.

މީގެ އިތުރުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ބޭނުންވާ އެކިކަހަލަ ލޮޖިސްޓިކް ސަޕޯޓް ފޯރުކޯށްދިނުމުގައި އެމްޓީސީސީގެ އުޅަނދުތަކާއި ވެހިކަލްތަކުގެ އެހީތެރިކަން ވެސް ފޯރުކޮށްދެމުންދާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ ތިލަފުށީގައި އެ ކުންފުނިން ހިންގާ ބްޓޯޔާޑުން ދެމުންދާ ހިދުމަތްތައް މި ދަނޑިވަޅުގައި ދޭން ޖެހޭ ހާލަތެއްގައި މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން 120 މުވައްޒަފުން އެ ތަނުގައި ތިބި ކަމަށެވެ. އަދި ކުންފުނިން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ ސައިޓްތަކުގައި ވެސްއެ ކުންފުނީގެ މުވައްޒަފުން އުޅެމުންދާ ކަމަށް އެމްޓީސީސީން ބުންޏެވެ.