ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެސްޓީއޯ

އެސްޓީއޯ މުވައްޒިފު ޕޮޒިޓިވުމުން ފިހާރަތައް މޮނިޓަރިންއަށް

އެސްޓީއޯގެ މުވައްޒިފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ކުންފުނީގެ ފިހާރަތަކާއި ބައެއް ސެންޓަރުތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އެސްޓީއޯގެ މުވައްޒިފަކު ހިމެނޭ ކަމަށެވެ. އެއީ އެސްޓީއޯގެ ލޭބާ ކްއާޓަރުގައި ދިރިއުޅެމުންދާ މީހެކެވެ.

އެކަމާއި ގުޅިގެން އެސްޓީއޯ ސްޕަމާކެޓް، އެސްޓީއޯ ޓްރޭޑް ސެންޓަރު އަދި އެސްޓީއޯ ލޭބާ ކްއާޓާ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

"..ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ ތެރޭގައި އެސްޓީއޯގެ ކޭސްއެއް އެބަ ހިމެނޭ. އެސްޓީއޯގެ ލޭބާ ކްއާޓަރެއްގައި ދިރިއުޅޭ ބޭފުޅެއް އަދި އެސްޓީއޯގެ މުވައްޒިފެއް، އެކަމާއި ގުޅިގެން އެސްޓީއޯ ސްޕަމާކެޓް، އެސްޓީއޯ ޓްރޭޑް ސެންޓަރު އަދި އަމީނީ މަގު މާފަންނުގައި ހުންނަ އެސްޓީއޯ ލޭބާ ކްއާޓާ މޮނިޓަރިންގެ ހާލަތަށް ގެނެވުނު. މިހާރު އެސްޓީއޯ ސުފަމާކެޓާއި، އެސްޓީއޯ ގުދަން ޑީކޮންޓަމިނޭޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން."

މަބުރޫކް ވިދާޅުވީ ޑީކޮންޓަމިނޭޝަންގެ މަސައްކަތް މިރޭ ނިމެނެ ކަމަށް ބެލެވޭ ކަމަށާ އޭގެ ފަހުން އެ ތަންތަން އާންމު ހާލަތަށް ގެނެވޭނެ ކަމަށެވެ.

މާލެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 28 އަށް އަރާފައެވެ. އެއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 519 އަށް އަރާފައެވެ.