ރިޝީ ކަޕޫރުގެ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅު އޭނާ މަރަށް ތެޅެމުންދިޔަ މަންޒަރު ވީޑިއޯކުރި ވޯޑް ބޯއީ އެއްގެ މައްސަލަ އިންޑިޔާގެ ފުލުހުން ބަލަން ފަށައިފި އެވެ.
އެ މީހަކީ ރިޝީ ނޫނަސް އެހެން ކޮންމެ މީހަކަށް ވިޔަސް އޭނާ މިފަދަ ނާޒުކު ހާލަތެއްގައި ވަނިކޮށް އެ މަންޒަރު ވީޑިއޯ ކުރުމަކީ ވަރަށް އަޚްލާގީ ފެންވަރު ދަށް އަމަލެއް ކަމަށް ގިނަ ބަޔަކު ސިފަ ކުރެ އެވެ. އަދި މިއީ އޭނާގެ އިންސާނީވަންތަ ހައްގަކަށް އަރައިގަތުން ކަމަށް ގަބޫލު ކުރެވެ އެވެ. މިއީ ގާނޫނީ ގޮތުން ވެސް ވަރަށް ބޮޑު މަނާ ކަމަކަށް ވާއިރު ރިޝީ ބާއްވާފައި އޮތް ހޮސްޕިޓަލުގެ އެ މުވައްޒަފު އޭނާއަށް ވަޒީފާގެ ގޮތުން ލިބިދީފައިވާ ބާރެއް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާ ކަން މި ވީޑިއޯއިން ޔަގީން ކުރެވެ އެވެ.
ކަޕޫރު އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މި ވީޑިއޯކުރި މީހާއާ ދެކޮޅަށް އެ އާއިލާއިން ދައުވާ ކުރަން ވަނީ ނިންމާފަ އެވެ. މިވަގުތު އެ އާއިލާގެ އެންމެން ވެސް ތިބީ ވަރަށް ހިތާމަވެރި އަދި ކަމަކާ އަޅާ ލެވޭ ވަރުގެ ހާލަތެއްގައި ނޫން ކަމަށާއި އެމީހުންނަށް މި ހާލަތުން އަރައިގަނެވި ހަމަޔަކަށް އެޅުމުން ވީޑިއޯކުރި ވޯޑް ބޯއީ އާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.
ރިޝީ އޮތީ މުމްބައިގެ ވަރަށް މަޝްހޫރު ހޮސްޕިޓަލެއްގައި ކަމަށް ވާތީ އެފަދަ ތަނެއްގައި ވޯޑް ބޯއި އެއްގެ ވަޒީފާ އަދާކުރާ މީހަކަށް މިފަދަ ކަމެއް ކުރުމުގެ ފުރުސަތު ލިބިދާނެ ކަމަށް ވާހަކަ ދެއްކި މީހާ ޝައްކު ކުރެ އެވެ.
ވީޑީއޯ ކުރީ އެހެން ބަލި މީހެއްގެ ކައިރީގައި ހުރި މީހަކަށް ވެސް ވެދާނެ ކަމަށާއި ސަބަބަކީ ވޯޑް ބޯއީން ތަމްރީނު ކޮށްފައި ތިބެނީ ބަލި މީހުންނަށް އޯގާތެރިކަމާއި އަޅާލުން ދިނުމަށް ކަމަށް ވާތީ އެމީހުން މިފަދަ ކަމެއް ކޮށްފާނެ ކަމާ މެދު ޝައްކު ކަމަށް އޭނާ ބުންޏެވެ.
މި ވީޑިއޯގެ އެކި ބައިބައި މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ގިނަ ބަޔަކު ދަނީ ވީޑީއޯއިން ފެންނަ މަންޒަރު ތަކާ ހިތްހަމަނުޖެހި ރުޅިއައިސްގެން ތަފާތު ޝުއޫރުތައް ފާޅު ކުރަމުންނެވެ. އަދި މިއީ ރިޝީ ނޫނަސް އެހެން މީހަކާ ދޭތެރޭ ވެސް ކަންތައް ކުރަން ހެޔޮވާނެ ގޮތެއް ނޫންކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.
ފިލްމު ޑައިރެކްޓަރު ހަންސަލް މެހެތާ ވެސް މިކަމާ ވަރަށް ރުޅިގަ ދަވެގެން ވާހަކަ ދައްކާފައި ވެއެވެ. އޭނާ ބުނީ މީހެއްގެ ޕްރައިވަސީ އަށް އަރައި ގަނެވޭނީ ދެން މި ވަރަށް ކަމަށެވެ. ސޯޝަލް މީޑިއާގެ ތެރެއިން މީހުންގެ ޒާތީ ކަންކަން ވެސް ހާމަވާނީ ދެން މިވަރަށް ކަމަށް އޭނާ ބުންޏެވެ. އަދި ސޯޝަލް މީޑިއާގެ ސަބަބުން މީހުންގެ ހޭ ބުއްދި ފިލައި، މިނިކާ ޖަނަވާރުންނަށް ވެފައިވާކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. މި މީހާއަށް ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް އޭނާ ގޮވާލި އެވެ.
ޕްރޮޑިއުސަރު ޕެހެލަޖް ނިހަލާނީ ބުނި ގޮތުގައި ރިޝީ ކަހަލަ މީހަކަށް މިފަދަ ކަމެއް ދިމާވެފައިވާއިރު އަދި އާދައިގެ މީހަކަށް އަދި މިއަށް ވުރެ ވެސް މާ ދެރަވަރު ކަންތައްތައް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މަރުމަތީގައިވާ މީހެއްގެ ވީޑިއޯކޮށް އާއްމުކުރުމަކީ ވަރަށް ލާ އިންސާނީ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.