ވިޔަފާރި

ސްޓެލްކޯ އެޕް: މިއީ މާ ފަސޭހަ ގޮތެއް

ގޭގައި ތިބެ ފަސޭހަކަމާއެކު ބިލްތައް ދެއްކޭ ގިނަ އެޕްލިކޭޝަން ތަކެއް ރާއްޖޭގައި އެބަހުއްޓެވެ. އެކަމަކު، މި ފަދަ ގިނަ އެޕް ތަކުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޭނުން ކުރަން ފަސޭހަ ނުވުމުމެވެ. ޔޫޒާ ފްރެންޑްލީ ނުވުމެވެ. ނަމަވެސް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ނެރެފައިވާ މޮބައިލް އެޕްލިކޭޝަން ވަރަށް ތަފާތެވެ. މި އެޕް މެދުވެރިކޮށް ކަރަންޓް ބިލަށް އަރާނެ ވަރު އަމިއްލަ އަށް ހިސާބު ހަދާލެވޭއިރު، ބޭނުންކޮށްލަން ވެސް އެހާ ފަސޭހަ އެވެ. އެހެންވެ މިއީ މާ ފަސޭހަ ގޮތެކެވެ.

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ސްޓެލްކޯ މޮބައިލް އެޕުން، ރައްޔިތުންނަށް ފަސޭހަ ކަމާއެކު ބިލް ދެއްކުމާއި ބިލަށް އަރާވަރު އަމިއްލަ އަށް ހިސާބު ކޮށްލެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މުޅި ގޭގެ ހުރިހާ ފްލޯއެއްގެ މީޓަރުތައް އެޕަށް އެޑްކޮށް, ބިޒްނަސް މީޓަރާއި, އެހެނިހެން މީޓަރުތައް ވެސް ކެޓަގޮރައިޒް ކޮށްލެވޭނެ އެވެ. އަދި އަމިއްލަ އަށް ރީޑީން ނެގުމަށްފަހު ބިލަށް އަރާ ވަރު ފަސޭހަ ކަމާއެކު ހިސާބުކޮށްލެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މި އެޕްލިކެޝަން ބޭނުން ކުރާ ފަރާތް ތަކަށް ކޮންމެ މަހަކު ބިލްއެއް ވެސް ލަސްކަމެއް ނެތި ބަރާބަރަށް އަޕްޑޭޓް ވާނެ ކަމަށާ މިގޮތަށް ކަންތައް ކުރުމުން ބިލް ނުލިބިގެން ކުރާ ޝަކުވާތަށް މަދު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އެޕުން ފާއިތުވި ހަ މަސް ދުވަހުގެ ކަރަންޓް ބޭނުން ކުރެވިފައިހުރި ގޮތް މި އެޕްލިކެޝަން މެދުވެރިކޮށް ބަލާލެވޭ އިރު މި އެޕްލިކޭޝަނަކީ އެޕް ސްޓޯރާއި, ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރަން ފަސޭހަ, ފައިލް ސައިޒް ވަރަށް ކުޑަ އެޕްލިކޭޝަނެކެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ސިޓީ ލޮކްޑައުންކޮށްފައިވާތީ ރިޑިން ނަގަން ގެތަަކަށް ނުދެވޭތީ މީޓަރުގެ ފޮޓޯއެއް ނަގާފައި ފޮނުވުމަށް ވެސް ސްޓެލްކޯ އިން ވަނީ އަންގާފަ އެވެ. އަދި މީޓަރުގެ ފޮޓޯ ނުފޮނުވާ ކަސްޓަމަރުންނަށް އެވްރެޖް ބިލް ލިބުނު ކަމުގައިވީނަމަވެސް މީޓަރުގެ ފޮޓޯ ފޮނުވުމުން އެކިއުރޭޓް ބިލް ލިބިގެންދާނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ. އަދި މިދިޔަ މަހުގެ ބިލް ހުރިހާ ކަސްޓަމަރުންނަށް ލިބޭނީ 40 އިންސައްތައިގެ ޑިސްކައުންޓަކާއެކު ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.