ނ. މަނަދޫ އިން 15 ސިއްހީ އެހީތެރިން އައިސޮލޭޓްކޮށްފި އެވެ.
އެންއީއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މަނަދޫގައި މަސައްކަތް ކުރަމުންދިޔަ 15 ސިއްހީ އެހީތެރިއަކު އެކަހެރިކޮށްފައިވަނީ ކޮވިޑަށް ޕޮޒިޓިވްވީ މީހަކާ ކޮންޓެކްޓްވެފައިވާތީ ކަމަށެވެ.
މަނަދޫއިން މާލެ ގެނެވުނު ބަލި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާ އެމީހާއަކީ އަލާމާތްތަކެއް ފެނިގެން މާލެ ގެނައި މީހެއް ނޫން ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.
"..މަނަދޫގައި 15 ހެލްތް ކެއާ ފްރަންޓްލައިންގައި މަސައްކަތްކުރާ މަސައްކަތްތެރިން ވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެެއިން އައިސޮލޭޝަންގައި ތިބުމަށް އެންގިފައި. މިކަމަކީ ސިއްހީ ސަލާމަތްތެރިކަން ޔަގީން ކުރުމުގެ ގޮތުން ކުރެވިފައިވާ ކަމެއް. އެއީ މަނަދޫއިން މާލެ ގެނެވުނު މީހެއް ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެނެއް ނޫން ނަމަވެސް އޭނާގެ ގައިން ނެގުނު ސާމްޕަލް ޕޮޒިޓިވްވެފައިވާތީވެ އޭނާއާ ކޮންޓެކްޓްވި ކަމަށް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވު މީހުން."
މަނަދޫއިން ޕޮޒިޓިވްވެފައިވަނީ އުމުރުން 80 އަހަރުގެ އަންހެނެކެވެ. އެ ކޭސްގެ މައުލޫމާތު ހާމަކުރައްވާ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެ އަންހެން މީހާއަކީ ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން އައިޖީއެމް ހޮސްޕިޓަލަށް އައި މީހެއް ކަމަށެވެ. އޭރުވެސް އޭނާގެ ގައިގައި ފްލޫގެ އެއްވެސް އަލާމާތެއް ނެތް ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ހޮސްޕިޓަލުން އޭނާގެ ސާމްޕަލް ނަގާ ކޮވިޑަށް ޓެސްޓް ކުރުމަށް ނިންމީއެވެ. އަދި ޓެސްޓް ނަތީޖާ ލިބުނީ ފަރުވާއަށްފަހު އޭނާ ގެސްޓް ހައުސްއަށް ދިޔަ ފަހުން ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ. އަފްޒަލް ވިދާޅުވީ އެ ކޭސްއާ ގުޅިގެން އޭނާގެ ކޮންޓެކްޓް ރޭސިންގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އަދި މާލެއާއި މަނަދޫގައި އޭނާއާ ކޮންޓެކްޓްވި އެންމެން ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މަނަދޫ ވަނީ މޮނިޓަރިންގެ ހާލަތަށްވެސް ގެނެސްފައެވެ.