ދީން

ހާލަތާ ގުޅޭ މި ހަދީސަށް އަމަލުކުރަމާ!

ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގެ ހައްލު އިސްލާމް ދީނުގައި ވެއެވެ. މާތް ވެގެންވާ އިސްލާމް ދީނަކީ ހަގީގަތުގައި ދިރިއުޅުމުގެ ހަގީގީ ނިޒާމަށް އޮތް ނަމެކެވެ. މާތް ނަބިއްޔާގެ ހަޔާތްޕުޅުގައި ދިރިއުޅުމުގެ އެންމެ މަތިވެރި އަދި އެންމެ ރީތި ނަމޫނާ ވަނީ ދައްކައިދީފަ އެވެ.

އިސްލާމްދީން ސާފުތާހިރު ކަމަށް ވަރަށް ބޮޑަށް ބާރު އަޅަ އެވެ. ދީނުގައި މިކަން މިގޮތަށް އޮންނަތާ 1400 އަހަރުވީ އެވެ. ކޮވިޑް-19 އާ ގުޅިގެން މިހާރު މި ތިބި ހާލަތާމެދުގައި ވިސްނާލާށެވެ. އަބަދުވެސް އިވެމުން އެދަނީ ސާފުތާހިރު ކަމަށް އިސްކަން ދިނުމަށް ބާރު އަޅައި ދައްކާ ވާހަކަތަކުގެ އަޑެވެ. ބަލިމަޑުކަމުން ރައްކާތެރި ކަމަށް އޮތް ހައްލަކީ އެއީ ކަމުގަ އެވެ.

މިއަދުގެ ހާލަތާ ވަރަށް މުނާސަބު ހަދީސެއް އެބައޮތެވެ.

ހުޒައިފަތު ބުނުލް ޔަމާނު رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. "ފިތުރަތުގެ ތެރެއިންވާ ދިހަ ކަމެއް ވެއެވެ. އެއީ މަތިމަސް ކުރު ކުރުމާއި، ތުނބުޅި ދިގު ކުރުމާއި، ދަތް އުނގުޅުމާއި، ނޭފަތަށް ފެންލައި ސާފު ކުރުމާއި، ނިޔަފަތި ކެނޑުމާއި، އިނގިލިތަކުގެ ހުޅުތައް ސާފު ކުރުމާއި، ކިހިލިފަތީގެ އިސްތަށި އުފުރުމާއި، ފޫޅުން ތިރީގެ އިސްތަށި ބޭލުމާއި އިސްތިންޖާ ކުރުމެވެ." މި ހަދީސް ރިވާ ކުރެއްވީ އިމާމު މުސްލިމެވެ.

ފިތުރަތުގެ ތެރެއިން ހިމެނޭ މި ކަމުގައި އަންހެނުންނާއި ފިރިހެނުން ބައެއް ކަންކަމުގައި އެއްގޮތް ވެގެން ވެއެވެ. އޭގެތެރޭގައި، ނިޔަފަތި ކެނޑުމާއި، ކިލިފަތިން އިސްތަށި އުފުރުމާއި، ފޫޅުންތިރީގެ އިސްތަށި ބޭލުމާއި، އިސްތިންޖާ ކުރުން ހިމެނެ އެވެ.

މިކަންކަމަކީ އަންހެނުންނާއި ފިރިހެނުން ވެސް ކުރަންޖެހޭ ކަން ކަމެވެ. މުޖްތަމައުގައިވެސް ބައެއް މީހުން މިކަން ކަމަށް ފަރުވާ ކުޑަ ކުރެއެވެ. މި ހަދީސްފުޅުގައިވާ ވަކިވަކި ކަންކަމުގެ ބައެއް ތަފްސީލުތަކަށް ބަލައިލަމާ ހިނގާށެވެ.

ނިޔަފަތި ކެނޑުމާއި އިސްތަށި ބޭލުން

ނިޔަފަތި ކެނޑުމަކީ ފިތުރަތުގެ ސުންނަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އިސްލާމް ދީނުގައި އިންސާނާގެ ފަރުދީ ސާފުތާހިރު ކަމަށް ސަމާލުކަންދޭ މިންވަރު މިކަމުން އެނގިގެން ދެއެވެ.

ނިޔަފަތި ދިގު ކުރުމަކީ، އެ ނިޔަފަތި ރަނގަޅަށް ސާފު ނުކުރެވޭ ނަމަ ބަލިމަޑުކަން ފެތުރުމުގައި އެހީވެދޭ ކަމެކެވެ. އަދި ފައިގެ ނިޔަފަތި ކެނޑުމަކީ، ނިޔަފަތީގެ ކަންވަދެ ދުޅަވުންފަދަ ކަންކަމަށް ހުރި ފަރުވާ އެއްވެސް މެއެވެ.

ނިޔަފަތި ކެނޑުމާއި، ކިހިލިފައްޗާއި، ޖިންސީ ގުނަވަންތަކުގެ ވަށައިގެވާ އިސްތަށި ބޭލުންފަދަ ކަންކަން ސާޅީސް ދުވަހަށްވެރު އިތުރަށް މިކަންކަން ނުކޮށް ދޫކޮށްލުން ވަނީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތާ ހިލާފު ކަމެއް ކަމުގަ އެވެ.

އަނަސް ބުނު މާލިކު رضي الله عنه ވިދާޅުވިއެވެ: "ތިމަންމެން ސާޅީސް ދުވަސް ކަނޑައަޅުވައި ދެއްވައި، ނިޔަފަތި ކެނޑުމާއި، މަތިމަސް ކޮށުމާއި، ކިހިލި ފަތިން އިސްތަށި އުފުރުމާއި، ލަދުވެތި ގުނަވަންތަކުން އިސްތަށި ބޭލުމުގައި، ސާޅީސް ދުވަހަށްވުރެ ދިގުކޮށް، މިކަންކަން ނުކޮށް ދޫކޮށް ނުލުމަށް ވަނީ އަންގަވާފައެވެ."

މިއީވެސް އަލްއިމާމު މުސްލިމު ރިވާކުރައްވާފައިވާ ހަދީސެކެވެ.

ދަތް އުނގުޅުމާއި ވުލޫ ކުރުން

ސާފުތާހިރު ކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބަ އެވެ. ހަށިގަނޑާއި ފޭރާން ސާފުތާހިރު ކޮށްގެން މެނުވީ ނަމާދު ސައްހައެއް ނުވާނެ އެވެ. މި ދުވަސްވަރު ބަލީން ރައްކާތެރިވުމަށްޓަކައި ގިނަގިނައިން އަތް ދޮވުމަށް އިރުޝާދު ދެވޭ ހިނދު، ކޮންމެ މުސްލިމަކު ވުލޫ ކުރާއިރު ދެތް ދޮވެ ސާފު ކުރުމަކީ މި މާތް ދީނުގައި ސާފުތާހިރު ކަމަށް ބާރުއަޅާ މިންވަރު އަންގައިދޭ ކަމެކެވެ.

ދަތް އުނގުޅުމަށް ވެސް ދީނުގައި ހާއްސަ ސަމާލުކަމެއްވަނީ ދީފަ އެވެ. މި އުންމަތުގެ މީސްތަކުންނަށް ބުރަޔަކަށް ނުވާނޭނަމަ ކޮންމެ ނަމާދަށް ދަތް އުނގުޅުމަށް އަމުރު ކުރެއްވީސް ކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ހަދީސް ކުރައްވާފަ އެވެ.

ހަމައެފަދައިން ވުލޫ ކުރާއިރު ކޮލަށް ފެންލައި ކޯދޮވެ ސާފު ކުރުމާއި، ނޭފަތުގެ ހިނދުރީގެ ތެރެއަށް ފެން ދަމާލައި ނޭވާއާއެކު ބޭރުކޮށްލުމަކީ ވެސް ވުލޫ ކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ވުލޫ ފުރިހަމަ ކުރާ މީހުންގެ ވުލޫގެ ގުނަވަންތަ ދިއްލިފައިވާ ފަދައިން ގިޔާމަތް މަހުޝަރު ދުވަހު އެމީހުން ފާހަގަ ވާނޭ ކަމުގައި ވެސް ހަދީސް ފުޅުތަކުގައި ވާރިދުވެފައި ވެއެވެ. އަދި މާތް ﷲ އީ ގިނަގިނައިން ތާހިރުވާ މީހުން ދެކެ ލޯބިވެވޮޑިގެންވާ އިލާހެއް ކަމުގައި ކީރިތި ގުރުއާނުގައި ވަނީ އަންގަވާފަ އެވެ.

އިސްތިންޖާ ކުރުމާއި ފެންވެރުން

ބައެއް މުޖްތަމަޢުތަކުގައި ފެންވެރުވާއި، އިސްތިންޖާ ކުރުމަކީ މީސްތަކުން ފަރުވާ ކުޑަކުރާ ކަމެވެ. ނަމަވެސް މިކަމީ މުސްލިމަކަށް ފަރުވާ ކުޑަ ކުރެވޭނެ ކަމެއް ނޫނެވެ. މަދުވެގެން ކޮންމެ ހަފުތާއަކު އެއްފަހަރު ފެންވަރުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އުއްމަތަށް އިރުޝާދު ދެއްވާފަ އެވެ. އަދި ހުކުރު ދުވަހު ހުކުރަށް ދިޔުމަށް ފެންވެރުމަކީ ގަދަވެގެންވާ ސުންނަތެއް ކަމުގައި ވެސް ދީނުގައި ވަނީ ކަނޑައަޅުއްވާފަ އެވެ.

މި އުއްމަތުގެ ނަބިއްޔާ މީސްތަކުންނަށް ހުރިހާ ކަމެއް އުނގަންނަވައި ދެއްވިއިރު ފާހާނާ ކުރާނެ ގޮތް އުނގަންނަވައި ދެއްވިތޯ، ޔަހޫދީންގެ މީހަކު ފުރައްސާރައިގެ ރާގެއްގައި މަތިވެރި ސަޙާބީ ސަލްމާނުލް ފާރިސީގެ އަރިހުގައި ބުނި ހިނދު، އެކަލޭގެފާނު އެ ސުވާލަށް ދެއްވާނޭ ޖަވާބު ގިނަ ގުނައެވެ. "އާއެކެވެ." ފާޚާނާ ކުރާއިރު ގިބުލަޔަށް ކުރިމަތި ލުން ނަހީކުރެއްވި ކަމާށާއި، ސާފުވުމުގައި ކަނައަތް ބޭނުން ނުކުރުމަށާއި، ހިލައިން ނަޖިސް ފިލުވައި އިސްތިންޖާ ކުރާނަމަ ތިން ހިލައަށްވުރެ މަދު ނުކުރުމަށް ވެސް އިރުޝާދު ދެއްވިކަމަށް ސަލްމާނު رضي الله عنه ވިދާޅުވި އެވެ. އަދި ކުޑަކަމު ދިޔުމާއި ބޮޑުކަމު ދިޔުމުގައި މީސްތަކުނަށް އައުރަ ކަށުފުނުވާނޭ ގޮތަށް ރައްކާތެރިވުމާއި، ކުޑަކަމުދާއިރު ތިކިބުރާފާނޭ ކަމަށް ވިސްނައި އެނަޖިހުން ސަލާމަތް ވުމަށްވެސް ވަނީ އަންގަވާފަ އެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަސަން މޫސާ ފިކުރީ