ހޮލެންޑް

ހިތުގެ މައްސަލަ ޖެހި ހޮލެންޑް ކޯޗް އެޑްމިޓްކޮށްފި

ހިތުގެ މައްސަލައެއް ދިމާވުމުން، ހޮލެންޑްގެ ގައުމީ ޓީމުގެ ކޯޗް ރޮނަލްޑް ކޫމަން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި އެވެ.

ކޫމަން ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ މެއަށް އެރި ތަދެއްގެ ސަބަބުންނެވެ. އެކަމަށް ފަރުވާ ހޯދުމަށް އޭނާއަށް ވަނީ ހިތުގެ ބައްޔަށް ފަރުވާ ދީފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާއަށް ދަނީ ހޮސްޕިޓަލްގެ ކާޑިއެކް ސެންޓަރުގައި ޓެސްޓްތަކެއް ހަދަމުންނެވެ.

އޭނާގެ އަންހެނުން ބުނީ، ކޫމަން ހޮސްޕިޓަލަށް ގެންދެވުނީ އެމްބިއުލައިންސްގައި ކަމަށާއި މިހާރު އޭނާގެ ހާލަތު މަޑުމަޑުން ރަނގަޅު ވަމުން އަންނަ ކަމަށެވެ.

ޑަޗް ފުޓްބޯލް ފެޑްރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ގައުމީ ކޯޗް ކޫމަން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ކާޑިއެކް ކެތަރަޒޭޝަންގެ ފަރުވާ ހޯދާފައިވާ ކަމަށާއި މިއަދު އޭނާ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށެވެ.

މިދިޔަ ހަތަރު އަހަރު ތެރޭ ހޮލެންޑްގެ ފުޓްބޯޅަ އަޑިގަނޑަކަށް ވެއްޓުމުން، ހޮލެންޑްގެ އެފްއޭއިން ކޫމަން ކޯޗް ކަމަށް ހަމަޖެއްސީ 2018 ވަނަ އަހަރު އެވެ. އެ އަހަރު ބޭއްވި ވޯލްޑް ކަޕަށާއި އޭގެ ކުރިން ބޭއްވި ޔޫރޯއަށްވެ ވެސް ހޮލެންޑް ކޮލިފައި ވެފައެއް ނުވެއެވެ.

ކޫމަންގެ ކޯޗް ކަމުގެ ދަށުން ހޮލެންޑް ވަނީ ޔޫރޯ 2020 ށް ކޮލިފައި ވެފަ އެވެ. އެ މުބާރާތް ވަނީ މިހާރު އަންނަ އަހަރަށް ފަސް ކޮށްފަ އެވެ. އަދި މިދިޔަ އަހަރު ބޭއްވި ޔޫއެފާ ނޭޝަން ލީގްގެ ފައިނަލަށް ވެސް ހޮލެންޑް ދަތުރު ކުރި އެވެ.