ބޮލީވުޑް

"ޗާންދްނީ"ގެ ތިން ތަރިން ވެސް މިހާރު ދުނިޔެއަކު ނެތް!

ޔާޝް ޗޯޕްޅާ ޑައިރެކްޓް ކުރި "ޗާންދްނީ"އަކީ 1980 އިގެ އަހަރުތަކުގައި ނުކުތް އެންމެ ރީތި ލޯބީގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމެވެ. "ޗާންދުނީ އޯ މެރި ޗާންދުނީ" ލަވަ އަކީ އެ ދުވަސްވަރުގެ ޒުވާނުންގެ ލޯބީގެ މާތައް ފޮޅުވަމުން ދިޔައިރުގެ އެންމެ އަސަރުގަދަ ހަނދާންތަކާ ގުޅިފައިވާ ލަވަ އެކެވެ. ނަމަވެސް މި ރީތި ފިލްމުގެ އެންމެ މުހިއްމު ރޯލުތައް އަދާކުރި ތިން އެކްޓަރުން ވެސް މިހާރު ވަނީ މި ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ. މިއީ ގަބޫލު ކުރަން ދަތިވިޔަސް ހަގީގަތެކެވެ.

މިއީ އިއްތިފާގަކަށް ވިޔަސް މި ތަރިންނާ ގުޅޭ ވަރަށް އާދަޔާޚިލާފު އިއްތިފާގުތަކެއް ވެސް ވެއެވެ. "ޗާންދުނީ" ގެ އެއް ބަތަލު ވިނޯދް ކަންނާ މަރުވީ އޭޕްރީލް 27 ވަނަ ދުވަހެއްގަ އެވެ. ފިލްމުގެ އަނެއް ބަތަލު ރިޝީ ކަޕޫރު މަރުވެފައި ވަނީ ވިނޯދް ވެސް މަރުވި ހޮސްޕިޓަލުގައި އޭނާ މަރުވިތާ އަހަރެއް ފުރުނު ދުވަހަށް ތިން ދުވަސް ފަހުންނެވެ. މި ދެ ތަރިން ވެސް މަރުވީ ކެންސަރު ޖެހިގެންނެވެ.

"ޗާންދްނީ" އެހާ ރީތި އެހާ މޮޅު ފިލްމަކަށް ވުމުގައި ޝްރީދޭވީގެ ހުނަރުވެރިކަން ވަރަށް ބޮޑު ދައުރެއް ކުޅެފައި އެވެ. އޭނާގެ ފަރި އަދާތަކާއި އެކްޓިން މޮޅު ކަމުން މިއަދާ ހަމައަށް ވެސް ގިނަ ބަޔަކު ޗާންދްނީ މަތިން ހަނދާން ހުންނާނެ އެވެ.

ޔާޝް ޗޯޕްޅާގެ އެހެން ފިލްމުތައް ފަދައިން "ޗާންދުނީ" އަކީ ވެސް ލަވް ޓްރައިންގަލް އެކެވެ. ޗާންދުނީ އަކީ ކޮންމެ ޒުވާން ފިރިހެނެއްގެ ހުވަފެންތަކުގެ ރާނީއަށް އެ ދުވަސްވަރު އޮތީ ވެފަ އެވެ. ފިލްމު ރިލީޒްވި ދުވަސްވަރު ޝްރީދޭވީ ފިލްމުގައި އެޅި ހުރިހާ ހެދުމެއް ވެސް ފެޝަނަށް ވެސް ކޮންމެ އަންހެން ކުއްޖެއް ވެސް އެފަދަ ހެދުމެއް ފަހައިގެން ލާން ޝައުގުވެރިވި އެވެ.

އެ ދުވަސްވަރު އެންމެ ހިނގާ ސްޓައިލަކަށް ވީ ޝްރީދޭވީ ލީ ހެދުންތަކުގެ ސްޓައިލްތަކެވެ. ނަމަވެސް މިހާރު މި ފިލްމުގެ ވާޙަކަ ވަނީ މާޒީވެފަ އެވެ. ފިލްމުގައި މުހިއްމު ބައިތައް ކުޅުނު ތިން އެކްޓަރުން މި ދުނިޔެއަށް އަލްވަދާއު ކިޔާފައިވާއިރު ޑައިރެކްޓަރު ޔާޝް ޗޯޕްޅާ ވެސް ދުނިޔެއަށް ނެތެވެ.