އޮފްބީޓް

އުމުރުގެ ތަފާތު ބޮޑުކަން ވެސް ބޮޑު މައްސަލައަކަށް ވެއްޖެ

ދެމަފިރިއެއްގެ އުމުރުގެ ތަފާތު ބޮޑުވުމަކީ ވަރަށް ގިނަ ބައެއްގެ ލޮލުގައި އެމީހުން އަޅައިގަންނަ ކަމެކެވެ. މިފަދަ ދެމަފިރިއެއްގެ އުމުރުގެ ތަފާތު ބޮޑު ކަމުން މީހުންނަށް މިއީ ދެމަފިރިންކަން ގަބޫލު ކުރަން ދަތިވެ އެންމެ ފަހުން ފުލުހުންނަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ. މިއީ ދެމަފިރިންކަން ގަބޫލުކުރަން ގިނަ ބަޔަކު ބޭނުންނުވީ އަންހެންމީހާގެ މޫނު މާ ބޮޑަށް ކުޑަ ކުއްޖަކާ ވައްތަރު ކަމުންނެވެ.

އެމެރިކާގެ ބަލްޓިމޯރުގައި ދިރިއުޅޭ ޓޯރީއަށް 22 އަހަރެވެ. އަދި އޭނާގެ ފިރިމީހާ އެޑީ އަށް 49 އަހަރެވެ. ދެމަފިރިންގެ މެދުގައި 27 އަހަރުގެ ތަފާތެއް ހުރުމުން ގިނަ ބަޔަކަށް މިއީ އަސްލު ދެމަފިރިންކަން ގަބޫލު ނުކުރެވި ފުލުހުންނަށް މައްސަލަ ހުށަހެޅީ އެވެ.

އެޑީ އަކީ ޓްރަކް ޑްރައިވަރެކެވެ. އޭނާ ބައެއް ފަހަރަށް އެކި ތަންތަނަށް މުދާ ހިފައިގެން ދަތުރުތައް ކުރާއިރު ކުރީ ސީޓުގައި ޓޯރީ ވެސް އޭނާއާއެކު ދަތުރު ކުރެ އެވެ. އެއީ ދެމަފިރިން އެކުގައި ގިނަ ވަގުތު ހޭދަކުރުމުގެ ބޭނުމުގައި ކުރާ ކަމެކެވެ. އެ މީހުން މިގޮތަށް ޓްރަކްގައި ތަނަކަށް ދަތުރު ކުރަނިކޮށް އެޑީގެ އެކުވެރިއަކަށް ފެނުމުން އޭނާ "ކުޑަ އަންހެންކުއްޖެ" އް ކިޑްނެޕް ކޮށްގެން ގެންދަނީ ކަމަށް ހީވެގެން ފުލުހުންނަށް އެކަން އެންގީ އެވެ.

މަގުމަތި ބަލަހައްޓާ ފުލުހުން މަގުމަތިން އެޑީމެން ހުއްޓުވައި ސުވާލުކުރަން ފެށި އެވެ. އަދި ޓޯރީ އަކީ ކުޑަ ކުއްޖެއް ނޫން ކަމަށް އެމީހުން ބުނަމުން ދިޔަ ނަމަވެސް ޓޯރީގެ މޫނު ކުޑަކުއްޖަކާ ވައްތަރުކަމުން އެއްގޮތަކަށް ވެސް އެއީ ދެމަފިރިންކަން ގަބޫލު ކުރަން ފުލުހުންނަށް ވެސް ދަތިވީ އެވެ.

ޓޯރީ ބުނި ގޮތުގައި ފިރިމީހާއާއެކު ޓްރަކްގައި އެކި ތަންތަނަށް ދިއުމަކީ އޭނާ ވަރަށް ގިނައިން ކުރާ ކަމެކެވެ. އެއީ ގިނަ ވަގުތު އޭނާއާއެކު ހޭދަ ކުރަން ފުރުސަތު ލިބޭތީ އެވެ. އެގޮތުން އެމީހުން މުދާތަކެއް އަރުވަން ދެން ޓްރަކް ތަނެއްގައި މަޑުކޮށްފައި ބާއްވައިގެން ތިބި ވަގުތެއްގައި އޭނާ އެތަނުގައި ހުރި ފާޚާނާއަކަށް ވަންނަނިކޮށް އެޑީއާއެކު މަސައްކަތްކުރާ މީހަކަށް ފެނި އޭނާ އަކީ 13 އަހަރު ވެސް ނުފުރޭ ކުޑަ ކުއްޖެއް ކަމަށާއި އެޑީ އުޅެނީ އޭނާ ކިޑްނެޕް ކޮށްގެން ކަމަށް ގަބޫލު ކުރެވި ފުލުހުންނަށް އެންގީ އެވެ.

"ދެ ފުލުހުން އައިސް އެޑީ ޓްރަކުން ބޭލުވި. އަހަރެމެންނަށް ތިބީ ވާނުވާ ނޭނގިފަ. އެޑީ އާއި އަހަރެންނާ އޮތް ގުޅުމަކީ ކޮބައިތޯ ފުލުހުން އަހަންނާ ސުވާލު ކުރި. އަހަރެން ބުނިން އެއީ މަގޭ ފިރިމީހާ އޭ. ދެން އަހަރެން އެހިން ކިހިނެއް ވެގެންހޭ ތި އުޅެނީ. ބުނީމަ އެމީހުންނަށް ލިބުނު މައުލޫމާތު ކިޔައިދިނީމަ އަހަރެމެން ކައިރިއަށް ވަރަށް ހިނިއައި،" ޓޯރީ ބުންޏެވެ.

ޓޯރީ ބުނި ގޮތުގައި އޭނާއަކީ ކުޑަ ކުއްޖެއް ނޫންކަމާއި އެޑީގެ އަންހެނުންކަން ފުލުހުން ގަބޫލު ކުރީ އައިޑީ ކާޑާއި އެނޫން ވެސް ޑޮކިއުމަންޓްތައް ދެއްކުމުންނެވެ.