ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮރަޕްޝަން ކުޑަ ކުރަން ފިނޭންސުން ފިޔަވަޅުތަކެއް

May 4, 2020
1

ކޮވިޑް-19 އާ ގުޅިގެން، ހަވާލު ކުރާ މަސައްކަތްތަކުގައި ކޮރަޕްޝަން ކުޑަ ކުރަން، ފިނޭންސް މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ތަފާތު އެކި މުއައްސަސާތަކުންނާއި އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތްތަކުގައި ކޮރަޕްޝަނުގެ އަމަލު ތަކުން ދުރުވެފައިވާ ވެއްޓެއްގައިކަން ޔަގީންކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިރުޝާދާ އެއްގޮތަށް، ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާ ތަކުން އިތުރަށް ސަމާލުވާން ޖެހޭ ކަމަށެވެ.

އެ މިނިސްޓްރީން ވަނީ މަޝްރޫއުތައް ހަވާލު ކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައް ތަކެއް ފާހަގަ ކޮށްފަ އެވެ.

1- ދައުލަތުން ހަރަދުކުރަން ޖެހޭ ކަންކަން ނިންމުމުގެ ބާރު އެއްފަރާތުގައި ނުބޭއްވުމާއި، މުޠުލަޤު ބާރުތައް އެކަކުގެ
އަތުގައި ނުބޭއްވުމާއި، މަސައްކަތްތަކާ ގުޅޭ އެކި ޒިންމާތައް ވަކިކުރެވި އެކި ފަރާތްތަކާ ހަވާލުކުރެވިފައި ހުރުން

2- ކޮވިޑް-19 އާ ގުޅިގެން ނިންމާ ނިންމުންތަކާ ގުޅޭ ތަފުސީލުތައް ލިޔެ ކިޔުމުން ފެންނަން އޮތުން. މި ގޮތުން، އެފަދަ
ނިންމުންތައް ނިންމާ ސަބަބުތަކާއި، ނިންމުން ނިންމާ ފަރާތްތަކާއި، ނިންމުމާ ގުޅުންހުރި މުހިންމު އިތުރު ކަންކަން
ހިމެނުން. އަދި، މި ފަދަ ލިޔެކިޔުން އެކަށީގެންވާ ފެންވަރެއްގައި، ހާލަތު ނިމުމަށްފަހުވެސް، އިދާރާތަކުން ބަލަން
ބޭނުންވެއްޖެނަމަ ބެލޭނެފަދަ ގޮތަ ކަށް ރައްކާތެރިކުރަމުން ގެންދިއުން.

3- ކޮވިޑް-19 އާ ގުޅޭގޮތުން ކުރަމުންގެންދާ އެންމެހައި ހަރަދުތަކުގެ ތަފުސީލު، މިނިސްޓްރީ އޮފް ފިނޭންސަށް
ރިޕޯޓުކުރުން. މި ގޮތަށް ގަވާއިދުން ރިޕޯޓުކުރެވެމުންދާކަން އެ އިދާރާއެއްގެ ފައިނޭންސް އެކްޒެކެޓިވް
ކަށަވަރުކުރުން

4- ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އިމަޖެންސީ ޕްރޮކިއުމަންޓުގެ ޙާލަތްތަކުގެ ދަށުން
ޕްރޮކިއުކުރާއިރު، އެކަންކަން ކުރެވެނީ ކަނޑައަޅާފައިވާ އެންމެހައި އުސޫލުތައް ފުރިހަމައަށް ތަންފީޒުކޮށްގެންކަން
ކަށަވަރުކުރުން

5- އިމަޖެންސީކޮށް ހަދަންޖެހޭ އެއްބަސްވުންތައް ހަދާ ޙާލަތްތަކުގައިވެސް، އެފަދަ އެއްބަސްވުންތަކުގައި
ހުންނަންޖެހޭނެކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 52.10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެ އަސާސީ
މިންގަނޑުތައް އެ އެއްބަސްވުންތަކުގައި ހިމެނުން އަދި، ކުރާ މަސައްކަތެއްގެ މަގްސަދު ހާސިލުކުރެވޭނެ ފަދަ
ބަޔަކާ މަސައްކަތް ޙަވާލުކުރުމާއި ރައްޔިތުންނަށާއި ދައުލަތުގެ މާލިއްޔަތަށް އެންމެ މަންފާ ބޮޑު ގޮތެއްގައި އެފަދަ
މަސައްކަތްތައް ކުރުން

6- އެކި މަސައްކަތްތަކުގައި ޒިންމާވާ ފަރާތްތައް ސާފުކޮށް ކަނޑައެ ޅި ލިޔެވިފައިހުރުމާއި، އެކި ނިންމުންތައް ނިންމާއިރު،
އެ ނިންމުމެއް ނިންމުނު ސަބަބު ރެކޯޑުކުރެވި ލިޔުމުން ފެންނަން ހުރުން

7- މަސައްކަތް ހަވާލުކުރެވޭ ކުންފުނިތަކާއި ފަރާތްތަކަކީ، އެ ފަރާތުގެ އަސްލީ މަސައްކަތުގެ އިހްތިސާސްގައި އެފަދަ
މަސައްކަތް ހިމެނޭ ފަރާތެއްކަން ޔަގީންކުރުމާއި، އަދި އެ ފަރާތަކީ، އެ ހަވާލުކުރެވޭ މަސައްކަތް ފަންނީ ނުވަތަ
މާލީ ގޮތުން ކުރުމުގެ ގާބިލްކަން ލިބިގެންވާ ފަރާތެއްކަން ވެސް ޔަގީން ކުރުން. އަދި މަސައްކަތް ކު ރަމުންގެންދާއިރު
މަސައްކަތް ކުރިއަށްދާ ވަރު ބަލައި ރަނގަޅަށް ސުޕަވައިޒް ކުރަމުން ގެންދިއުން

8- ކާރިސާގެ ހާލަތުގައި ދައުލަތަށް ހޯދާ ހިދުމަތާއި ތަކެތި ދައުލަތަށް ހޯދަނީ، ރައްޔިތުންގެ ފުރާނަ އާއި، ސަލާމަތާއި
ރައްކާތެރިކަން ޔަޤީންކުރުމުގައި، އާންމު މަސްލަހަތު އިސްކުރެވި، ކާރިސާގެ ވަގުތަށް ބަލާފައި އެކަށީގެންވާ
އަގެއްގައިކަން ކަށަވަރުކުރުން

9- ކުއްލި ހާލަތުގައި ކުރެވޭ ޕްރޮކިއުމަންޓުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރުމުގެ
ގޮތުން ކޮންޓްރެކްޓެއް ހަވާލުކުރުމުގެ ކުރިން އެކަމަށް ހުއްދަ ހޯދަންޖެހޭ ފަރާތެއްގެ ހުއްދަ ހޯދު މާއި، ލިބެން އޮތް
އެންމެ ބޮޑު ވާދަވެރިކަމެއް ހޯދުމާއި، ހޯދަން ބޭނުންވާ އެއްޗެއްގެ އަދަދު ނުވަތަ ކުރަންބޭނުންވާ މަސައްކަތް އެ
ވަގުތަކު ދިމާވެފައިވާ ކުއްލި ހާލަތުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ވުރެ އިތުރު ނުކުރުން

ފިނޭންސް މިނިސްޓްރީން އިތުރަށް ބުނެފައިވާ ގޮތުގައި ބީލަމެއް ހަވާލުކުރުމަށްފަހު، މާލިއްޔަތު ގަވާއިދުގެ 53.10 ވަނަ މާއްދާއާއި އެއް ގޮތްވާގޮތުގެ މަތިން އެ އިދާރާއެއްގެ ވެބްސައިޓުގައި އެކަން ޝާއިއުކޮށް، ތިރީގައިވާ މައުލޫމާތުތައް ހިމަނަން ވާނެ ކަމަށެވެ.

  • ބީލަން ހަވާލުކުރެވުނު ތާރީޚް
  • ބީލަމުގެ ކުރު ޚުލާސާއެއް
  • ބީލަން ހަވާލުކުރެވުނު ފަރާތް
  • ބީލަން ހަވާލުކުރެވުނު އަގު އަދި މުއްދަތް

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ދަނީ ބޮޑު ހަރަދެއް ކުރަމުންނެވެ. އެގޮތުން ސިއްހީ ދާއިރާއަށް ބޭނުންވާ ވެންޓިލޭޓަރާއި ބޭސް ފަދަ ތަކެތި ގެންނަން ބޮޑު ހަރަދެއް ކުރަމުން ގެންދެ އެވެ. ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެއްޖެނަމަ 1.7 ބިލިއަން ރުފިޔާ ވަރު މި ބައްޔަަށް ފަރުވާދޭން ހޭދަ ކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.