އަހުމަދު މަހްލޫފު

ގޭމްސް ބާއްވަން ގޮންޖެހުންތައް ބޮޑުވެއްޖެ: މަހްލޫފް

ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވަން ނިންމާފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމުގައި ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ގޮންޖެހުން ބޮޑު ވެއްޖެ ކަމަށް ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ޕްރެސް ކޮންފަރެންސެއްގައި މިއަދު މިނިސްޓަރު ވިދާޅުވީ، މިހާރު މިއޮތް ހާލަތާ ގުޅިގެން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ކުރިމަތިވާނެ ގެންޖެހުންތަކާ މެދު ވަރަށް ބޮޑަށް ފިކުރު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ، އެ ގޭމްސްއަށް ތައްޔާރު ވުމުގެ ގޮތުން މިއަހަރު ގިނަ މަސައްކަތްތަކެއް ކުރަން ރާވަފައިވާ ކަމަށެވެ.

"ގެއްލިގެންދާ ކޮންމެ ދުވަހަކީ ވަރަށް ބޮޑު ގެއްލުމެއް،" އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރު ވުމަށް، މިހާލަތުގެ ސަބަބުން ހުރި ގެންޖެހުންތަކަކީ ކޮބައިތޯ ސުވާލު ކުރުމުން މަހްލޫފް ވިދާޅުވި އެވެ. "މިކަމާ ބެހޭގޮތުން ދެން ކުރިއަށްދާނެ ގޮތެއް ނިންމޭނީ މިކަމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ މިނިސްޓީރިއަލް ކޮމިޓީގެ ނިންމުމަކުން."

"މިއީ ވަރަށް ބޮޑު ގޮންޖެހުމެއް މިއީ، މިއަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ފެށުމަށް ތައްޔާރު ވެގެން ތިބީ، މިހާރު އޮތް ގޮތުން ވަރަށް ދުރުގައި އޮތް ކަމަކަށް ވަނީ މިއަހަރު އެކަން ވުން، އެހެން ވެއްޖެ ކަމަށް ވާނަމަ ވަރަށް ބޮޑު ހުރަހަކަށް މިކަން ވެގެން ދާނެ."

މިނިސްޓަރު އިތުރަށް ވިދާޅުވީ ގައުމީ ޓީމުގެ ކުޅުންތެރިންނަށާއި ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަންގެ ކުލަބުތަކުގެ ކޯޗުންނަށް ސަރުކާރުން ދޭ އިނާޔަތް ލަސް ވަނީ ކޮވިޑް-19 އާ ގުޅިގެން މިހާރު ކުރިމަތި ވެފައިވާ ހާލަތުގެ ސަބަބުން ކަމަށެވެ. ވިދާޅުވީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިނާޔަތް ދެނީ އެ ކުޅުންތެރިން ކުރާ ޕްރެކްޓިސްތަކުގެ މައްޗަށް ބިނާކޮށް އެސޯސިއޭޝަންތަކުން ފޮނުވާ ލިސްޓަށް ކަމަށެވެ. .

"މުޅިން އާ ކަމެއް ކުރިމަތި ވެގެން މިއުޅޭނީ ދުވަހަކު ކުރިމަތި ނުވާ ކަމެއް، މިހާރު ޕްރެކްޓިސް ނުކުރާތީ އިނާޔަތް ނުލިބިގެން މިއުޅެނީ،" ވަޒީރު ވިދާޅުވި އެވެ. "އެކަމަކު މިއީ ހާއްސަ ހާލަތެއް ވީމަ މިކަމުން އަރައި ގަނެފަ އަދި އެސޯސިއޭޝަންތަކާއެކު މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމިގެން ދާނީ."

މިނިސްޓަރު ވިދާޅުވީ ގައުމީ ޓީމުތަކުގެ 328 ކުޅުންތެރިންނަށް އިނާޔަތް ދިނުމަށް މަހަކު 1.4 މިލިއަން ރުފިޔާ ހޭދަ ކުރާ ކަމަށެވެ. އެއީ ކޮންމެ ކުޅުންތެރިޔަކަށް 5000 ރުފިޔާ އެވެ.