ދީން

ހަލާކު ވުމުގެ ކުރިން ދޫ ހިފަހައްޓަން ޖެހޭ!

ދުލުގެ ނިއުމަތަކީ ވަރަށް ބޮޑު ނިއުމަތެކެވެ. މާތްﷲ ހަނދުމަކޮށް ޒިކުރު ކުރުމަކީ ދުލުން ކުރެވޭ ވަރަށް މަތިވެރި އަޅުކަމެކެވެ. ތިމާ ބުނަން ބޭނުންވާ ކޮންމެ އެއްޗެއް ނުބެނެވޭ، ވާހަކަ ދެއްކުމުގެ ނިއުމަތުން މަހުރޫމު ވެފައިވާ އެތައް ބަޔަކު މިދުނިޔޭގައި އެބަ އުޅެއެވެ.

އެހެން ކަމުން އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނިއުމަތްތަކުގެ ތެރޭގައި ދުލުގެ ނިއުމަތް ހިމެނެއެވެ. ދުލަކީ އެހާމެ ވަރުގަދަ ހަތިޔާރެއްވެސް މެއެވެ. ދުލުން ބުނެލެވޭ ބަހެއް ބައެއް ފަަހަރު ތޫނު ހަތިޔާރަކަށް ވުރެވެސް ވަރުގަދައެވެ. އެހެން ކަމުން ދުލުގެ ނިއުމަތް ބޭނުން ކުރަން ޖެހޭނީ ވިސްނުންތެރިކަމާއެކުގައެވެ. އެ ދުލުން ހެޔޮ ބަހެއް ނޫނީ ނުބުމަށް އަޒުމް ކަނޑައަޅަން ޖެހެއެވެ.

ދުލަކީ އަޅުކަން ކުރުމަށް އެންމެ ފަސޭހަވެގެންވާ ގުނަވަނެވެ. ތިމާވީ ކޮންމެ ތާކު، ކޮންމެ ހާލަތެއްގައި ހުރެގެންވެސް ދުލުން ޒިކުރު ކޮށް މާތް ﷲ ހަނދުމަ ކުރެވޭ ނެތެވެ. އަދި އެކަމަކީ މުދަލެއް، ފައިސާއެއް ހަރަދެއް ކުރަންޖެހޭ ކަމެއް ނޫނެވެ. މާތް ﷲ ހަނދުމަކުރުން މަތީ ދެމިހުރެއްޖެ މީހަކަށް ދީނުގެ އެހެން ކަންކަމަށް އަމަލު ކުރުމަށް ފަސޭހަ ކޮށްދެއްވާނޭ ކަމުގައިވަނީ ހަދީސް ކުރައްވާފައެވެ.

ހަމައެފަދައިން، ދުލަކީ ކޮންޓުރޯލެއްނެތި ދޫކޮށްލާފައި އޮންނަ އެއްޗަކަށް ހަދައިފި މީހެއްގެ، ހެޔޮ ދަރުމަޔާއި ސަވާބު ނެތިކޮށްލާފަދަ ކަންކަމަށް އެ ދޫ ވެގެންދާނެ ކަމަށްވެސް ބަޔާންވެގެންވެއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. « مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ» متفق عليه މާނައީ: "މާތް ﷲ އަށާއި ގިޔާމަތް ދުވަހަށް އީމާންވާ މީހަކު ހެޔޮބަހެއް ނޫނީ ނުބުނާށެވެ. ނުވަތަ ހަނުހުންނާށެވެ."

ދޫ ރައްކާތެރި ކުރުމަށް ބާރުއަޅާ ވަރަށް ގިނަ ހަދީސްތައްވެއެވެ. މުއާޒު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. "ކީރިތި ރަސޫލާ އެކަލޭގެފާނު ދޫފުޅުގައި ހިއްޕަވާފައި ވިދާޅުވިއެވެ. ކަލޭގެފާނު މި ހިފަހައްޓަވާށެވެ. (އެބަހީ ދޫރައްކާތެރި ކުރާށެވެ.)

މުއާޒުގެފާނު ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! ދުލުން އަޅުގަނޑުމެން ދައްކާ ވާހަކައަކީ އެއާމެދުގައި ސުވާ ލުކުރެއްވޭނޭ (ހިސާބު ބެއްލެވޭނޭ) ކަމެއްތޯއެވެ؟" ހަދީސް ކުރެއްވިއެވެ. "ތިބާގެ މަންމަ ތިބާއަށް ގެއްލިދާށިއެވެ. (އެބަހީ: ކަލޭގެފާނު ހާދަހާ ނުވިސްނަވަމު ތާއެވެ!) މީސްތަކުން މޫނުވަތަށް ދަމާ ގެންގޮސް ނަރަކައަށް އެއްލައިލެވެނީ، އެބައިމީހުންގެ ދޫތަކުން ހޯދައިގަންނަ ކަންތައް ފިޔަވައި އެހެން ކޮންކަމަކާހުރެ ހެއްޔުވެ؟"

ދުލުމުގެ ނިއުމަތް ހެޔޮ ގޮތުގައި ބޭނުން ނުކޮށްފި މީހަކަށް ލިބޭ އަޒާބާމެދު ބިރުވެތިވާށެވެ.

މި އުންމަތުގެ މީހުންގެ ތެރެއިން ބަނގުރޫޓުވެފައިވާ މީހާއަކީ އެތައް ބައިވަރު އަޅުކަމެއްގެ ހެޔޮ ދަރުމަޔާ ސަވާބާއެކު މަހުޝަރުގެ ބިމައްދާ މީހާއެވެ. އެހެނަސް އޭނާގެ ދުލުން ކޮށްފައިވާ ފާފަތަކަށް އެ ދަރުމައިން އުނިކުރަމުންގޮސް އޭނާގެ ހެޔޮ ދަރުމަ ހުސްވާއިރުވެސް، ދުލުގެ ފާފަތައް ހުސްނުވާކަމަށްޓަކައި، އެހެންމީހުންނަށް އޭނާ އީބަބުނެ، ޒުވާބުކޮށް ފުރައްސާރަ ކޮށްހަދާފައިވާތީ އެކަމުގެ ފާފަތައް ބޮލުއަޅައިގެން ނަރަކައަށް ވަންނަންޖެހޭ މީހާއެވެ.

އެއްވެސް ފަރުވާލެއްނެތި އެހެންމީހުންގެ ނެތި ނުބައި ކިޔުމަކީ ކައްވަޅުގެ އަޒާބު ލިބޭ ކަމެއްވެސް މެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم މަދީނާގެ މަގެއްގެ މަތީން ވަޑައިގަންނަވަނިކޮށް ދެ މަހާނަ ފެނިވަޑައިގަތެވެ. އަދި އެ ދެ މަހާނަގައިވާ ދެ މީހުންނަށް ކައްވަޅުގެ އަޒާބު ދެއްވޭކަމުގައި އެކަލޭގެފާނު ހަދީސް ކުރެއްވިއެވެ. އޭގެ ތެރެއިން އެކަކީ މީހުންގެ މެދުގައި ދޭތެރެ ޖައްސައި ވާހަކަ ދައްކާ އުޅުނު މީހެއް ކަމުގައި ބަޔާން ކުރެއްވިއެވެ.

އަޅުގަނޑުމެން މި ތިބީ ރޯދަ މަހުގެ މަތިވެރި ދުވަސްތަކުގެ ތެރޭގައެވެ. މި ދުވަސްތަކުގައި ދޫ ރައްކާތެރި ކުރުމަށް ހާއްސަ ސަމާލު ކަމެއް ދޭންޖެހެއެވެ. ރޯދައަށް ހުންނަ މީހާ ދޫ ރައްކާތެރި ކުރުމަށް ހާއްސަ އިރުޝާދުތަކެއް މާތް ނަބިއްޔާ ދެއްވާފައިވެއެވެ. އެހެނީ ދޫ ރައްކާތެރި ނުކޮށްފިނަމަ ރޯދައަށް ހުރުމުން ބަނޑުހައިހޫނުކަން ނޫން އެހެން ކަމެއް ތިމާއަށް ނުލިބޭނެ އެވެ.

ވީމާ ތިމާއަށް ލިބިފައިވާ ދުލުގެ ނިއުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ. އެ ދޫ އެހެން މީހުންގެ އައިބުތައް ބުނެވޭ ވަސީލަތަކަށް ނުހަދާށެވެ. ދޮގު ވާހަކަތަކާއި، ފާފަވެރި ބަސްތައް ބުނާ އެއްޗަކަށް ނުހަދާށެވެ. ހެޔޮ ބަހެއް ނޫނީ ނުބުނަން އަޒުމް ކަނޑައަޅާށެވެ. ދުނިޔޭގެ ދިރިއުޅުމުގައި ދުލުން އެހެން މީހުންނާ ދިމާއަށް ހިތުހުރި އެއްޗެއް ގޮވާނަމަ އަދި ދޮގު ވާހަކަތައް ދައްކާނަމަ އެހެން އިންސާނުންގެ ކުރިމަތީގައި ތިމާގެ އަގު ވެއްޓި ބޭޒާރުވާނެއެވެ. އެެހެން ކަމުން ތިމާގެ ދޫ ހިފަހައްޓައިފިނަމަ އެއީ ދެ ދުނިޔޭގެ ކާމިޔާބެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަސަން މޫސާ ފިކުރީ